ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ ކޭ-ޕާކު ރެސިޑެންސުން އެޕާޓުމަންޓު ގަތް މީހުންނަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެތަނަށް ވަދެވޭނެ ކަމަށް ހަންބޯ ކުންފުނިން މިއަދު ބުނެފި އެވެ.
މި މިކްސް-ޔޫސް ރެސިޑެންޝަލް އެޕާޓުމަންޓުތަކަކީ ކޮރެއަން ސްޓައިލަށް ތަރައްގީކުރާ 14 ބުރީގެ މަތީފަންތީގެ އިމާރާތެކެވެ. ޖުމްލަ 110 އެޕާޓުމަންޓު ހިމެނޭ މި ބިލްޑިން ކޮމްޕްލެކްސްއަކީ ޒަމާނީ ހުރިހާ ވަސީލަތްތަކެއް ހިމެނޭގޮތަށް، ފިނިޝިން އަދި އެޕްލަޔަސްންތައް ވެސް ހިމެނޭގޮތަށް ވިއްކި އެޕާޓުމަންޓުތަކެކެވެ.

ކޭޕާކް ޑިވެލޮޕްކުރާ ކުންފުނީގެ އިސްވެރިން
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. އޭރު ލަފާކުރީ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި، 2020 ވަނަ އަހަރުގެ ކުރިން އެޕާޓުމަންޓުތަކުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް، އަދިވެސް މި އިމާރާތުގެ މަސައްކަތްތައް ނުނިމެ އެވެ
ކޭ-ޕާކުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން ކޮރެއާގެ ޑިވެލޮޕަރު ވިދާޅުވީ، މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވީ ކޮވިޑާ ގުޅިގެން ދިމާވި ކަންކަމުގެ ސަބަބުން ކަމަށެވެ. އަދި ޑިވެލޮޕަރުގެ ހައިސިއްޔަތުން މަޝްރޫއު ނުނިމި ލަސްވާ މައްސަލައިގައި ކަސްޓަމަރުންގެ ކިބައިން އޭނާ މާފަށް އެދިވަޑައިގަތެވެ.
މި އިމާރާތުގެ ބޮޑު ބައި މަސައްކަތް މިހާރު ނިމިފައިވާއިރު، އިންޓީރިއާގެ މަސައްކަތްތައް އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ. އެގޮތުން ފިނިޝިންއަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ސައިޓަށް ގެނެވިއްޖެ ކަމަށާއި، އަންނަ އޮކްޓޫބަރުގެ ނިޔަލަށް އިލެކްޓްރޯނިކް އެޕްލަޔަންސްތައް ގެނެވޭނެ ކަމަށް ހަންބޯއިން ބުންޏެވެ. މި ކުންފުނިން މިތަނުގައި ބޭނުންކުރާ ހުރިހާ އުފެއްދުންތަކަކީ ވެސް ދެކުނު ކޮރެއާގެ އުފެއްދުންތަކެވެ.
ކިމް ވިދާޅުވީ މި އަހަރުގެ ނިޔަލަށް ފިނިޝިން އާއި އެޕާޓުމަންޓުގެ އެހެނިހެން ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު ވެސް ހަތަރު ފަންގިފިލާގެ ހުރިހާ އެޕާޓްމަންޓުތަކުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި، ފެނާއި ކަރަންޓުގެ ހިދުމަތްތައް ވެސް ހުރީ ޔުޓިލިޓީ ކުންފުނިތަކާ ހަވާލުކޮށްގެން ކޮމިޝަން ކުރާ ހިސާބުގައި ކަމަށް ވިދާޅުވި އެވެ.
ކޭ-ޕާކުން އަންނަނީ ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމަން ބޭނުންވާ ފަންނީ މީހުން ގެންނަން ނިންމާފަ އެވެ. އެގޮތުން 25 ފަންނީ މަސައްކަތްތެރިންގެ އިތުރުން 50-100 އާ ދޭތެރޭގެ އަދަދަށް އެހެނިހެން މަސައްކަތް ކުރަން ވެސް މީހުން ގެންނާނެ އެވެ. މި ސައިޓުތަކުގައި ގިނައިން މަސައްކަތް ކުރީ ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އޭޝިއާ ގައުމުތަކުގެ މަސައްކަތްތެރިންނެވެ.
ހަންބޯއިން ވަނީ މި ދަތި ހާލަތުގައި ވެސް އެ ކުންފުނީގެ ޕްރޮޖެކްޓަށް އެއްބާރުލުން ދިން ކަސްޓަމަރުންނަށާއި، އެޗްޑީސީ އަދި އެހެން ސްޓޭކްހޯލްޑަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އަދި މި ހާލަތުގައި ވެސް ޕްރޮޖެކްޓު ނިންމަން އެންމެ ބޮޑު ބާރަކަށްވީ އެ މީހުންގެ އެއްބާރުލުން ކަމަށް ފާހަގަކުރި އެވެ.











