ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބާރުގަދަ ގުނަނެއް ކަަމަށްވާ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ސިއްރު ވޯޓެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.
ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު، ހުސްވެފައިވާ މަގާމްތަކަށް 18 މެމްބަރުން ވަނީ ކުރިމަތިލައިފަ އެވެ.
މިރޭގެ އޮންލައިންކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރީ އޮންލައިންކޮށް ވޯޓަށް އަހައި އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމަށެވެ. ނަމަވެސް ދެ ފެކްޝަންގެ މެދުގައި ހިޔާލު ތަފާތުވެ ޖަލްސާގައި ނިޒާމީ ނުކުތާ ނެގުން އިތުރުވި އެވެ. އެއްބައި މެމްބަރުން ބުނަމުން ދިޔައީ އޮންލައިންކޮށް ވޯޓު ނުބޭއްވޭނެ ކަމަށެވެ.
އެ ބަހުސް ބޮޑުވެފައި ވަނިކޮށް އައްޑޫ ދާއިރާގެ ރައީސް އަދުހަމް ހުށަހެޅުއްވީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ކަނޑައެޅުމުގެ ޖަލްސާ މެމްބަރުން ހާޒިރުވާ ގޮތަށް ބޭއްވުމަށެވެ. އަދި ސިއްރު ވޯޓަކުން އެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.
ހާޒިރުވެ ތިބެ ބާއްވާ ޖަލްސާއެއްގައި ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ފެންނަ ކަމަށް ވޯޓް ދެއްވީ 100 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ 15 މެމްބަރުންނެވެ.

ސިއްރު ވޯޓަކުން މެމްބަރު ހޮވުމަށް ފެންނަ ކަމަށް 98 މެމްބަރުން ވޯޓް ދެއްވިއިރު ނުފެންނަ ކަމަށް ވޯޓް ދެއްވީ 19 މެމްބަރުންނެވެ.
ގައުމީ މަޖިލީހުން އެ ގޮތަށް ފާސް ކުރުމުން އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ސިއްރު ވޯޓު ބޭއްވުމަށް މެމްބަރުން ހާޒިރުވާ ޖަލްސާއެއް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަވާނެ ކަމަށެވެ.
އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ އެއްވެސް ކަމަކާ މެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފްކުރަން ބޭނުންވާ ނަމަ އެ ޝަކުވާ ބެލުމެވެ. މީގެ އިތުރުން އަސާސީ ގަވާއިދު މާނުކުރުމާ މެދު އުފެދޭ ހުރިހާ ދެބަސްވުންތަކުގެ ހައްލަށް ވެސް އެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށް އަސާސީ ގަވާއިދުގައިވެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ފަސް އަހަރުގެ ދައުރަކަށް ހޮވާ އެ މަޖިލިސް އެކުލެވިގެންވާނީ ރައީސާއި އަށް މެމްބަރުންގެ މައްޗަށެވެ.
ފަސް އަހަރުގެ ދައުރު ހަމަވުމުން، އިތުރު ދައުރަކަށް އެ މެމްބަރަކު އިންތިހާބު ވެސް ކުރެވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގައި ނުތިބެވޭނެ އެވެ. ގައުމީ މަޖިލީހަށް ހޮވިއްޖެ ނަމަ އެ މީހެއްގެ މަގާމް ގެއްލޭނެ އެވެ.












