ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ހައިރައިޒް އިވެންޓްސް އިން ބާއްވާ މޯލްޑިވްސް ލިވިން އެކްސްޕޯ 2021 ނޮވެމްބަރު 18 އިން 20 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ލިވިން އެކްސްޕޯއަކީ ގެދޮރުވެރިކަމާއި ގެދޮރުވެރިކަމާ ގުޅުން ހުރި ތަފާތު އެކި އުފެއްދުންތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި އެކްސްޕޯ އެވެ. ދެހާސްތޭރަވަނަ އަހަރުން ފެށިގެން ބާއްވާ މި އެކްސްޕޯ މިދިޔަ އަހަރު ނުބޭއްވީ ކޮވިޑާ ގުޅިގެން، އިވެންޓުތައް ބޭއްވުން މަނާކުރުމާ ގުޅިގެންނެވެ.
މެދުކެނޑުމަކަށް ފަހު، އަލުން އެކްސްޕޯ ބާއްވާއިރު އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް އޮންނާނީ ފިޒިކަލް އިވެންޓެކެވެ. އަދި އިވެންޓް ޕާޓްނާއެއްގެ ގޮތުގައި ބައިވެރިވަނީ ރާއްޖޭގެ އެންމެ ބޮޑު ރިއަލް އެސްޓޭޓް ޕޯޓްފޯލިއޯ އޮންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
ލިވިން އެކްސްޕޯގެ 9 ވަނަ އެޑިޝަން އިއުލާން ކުރަމުން ހައިރައިޒުން ބުނީ، މިފަހަރުވެސް ތަފާތު އެކި އެގްޒިބިޓަރުން އިވެންޓުގައި ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި އެގްޒިބިޓަރުންނާއި ބޭރުގެ އެގްޒިބިޓަރުންގެ ހިމެނޭގޮތަށް، ތަފާތު ގިނަ ޕްރޮޑަކްޓުތަކެއް އެކްސްޕޯގައި ދައްކާލެވޭނެ އެވެ.
އެގޮތުން މިވަގުތު ރިއަލް އެސްޓޭޓް މާކެޓުގައި ހުރި އެންމެ އަގުބޮޑު އިމާރާތްތަކުން ފެށިގެން އެންމެ އަގު ހެޔޮ އިމާރާތްތަކާއި، ދިރިއުޅުމަށް ބޭނުންވާ ތަފާތު އެކި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު ވެސް އެކްސްޕޯއިން ލިބޭނެ އެވެ.










