ބާލިން (އޮގަސްޓް 18) - ޖަރުމަނު ސުޕަ ކަޕްގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް 3-1 އިން ކުރިހޯދައި ބަޔާން މިއުނިކުން ނުވަ ވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
ބަޔާނަކީ ޖަރުމަނު ސުޕަ ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމެވެ. މިދިޔަ އަހަރު ވެސް އެ ޓީމުން މޮޅުވީ ފައިނަލުގައި ޑޯޓްމަންޑް ބަލިކޮށްފަ އެވެ. މިދިޔަ ހަ އަހަރުގެ ތެރެއިން ބަޔާނަށް ސުޕަ ކަޕް ގެއްލުނީ 2019 ވަނަ އަހަރެވެ. އެ ފަހަރު ފައިނަލުގައި ބަޔާން ބަލިވީ ޑޯޓްމަންޑް އަތުން 2-0 އިންނެވެ.
ރޭގެ ފައިނަލްގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 41 ވަަނަ މިނިޓްގައި ސާްޖް ގްނަބްރީ ނަގައިދިން ހުރަހަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ ބޮލުން ގޯލެއް ޖަހައި ބަޔާނަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ތޯމަސް މުލާ ވަނީ ބަޔާނަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ.
ޑޯޓްމަންޑަށް އުއްމީދެއް ލިބުނީ އެ ޓީމުގެ ކެޕްޓަން މާކޯ ރެއުސް މެޗުގެ 64 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. އޭނާ މި ގޯލު ޖެހީ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދިން ބޯޅައަކުންނެވެ.
ބަޔާނަށް އޮތް ޕްރެޝަރު ކަނޑުވާލައި މެޗުން އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހީ 74 ވަނަ މިނިޓްގައި ލެވަންޑޯސްކީ އެވެ. އޭނާ މި ގޯލު ޖެހީ ފްރާންސްގެ މިޑްފީލްޑަރު ކޮރެންޓިން ޓޮލީސޯ ތަނަވަސްކޮށްދިން ރަނގަޅު ފުރުސަތަކުންނެވެ.
ބަޔާނުން ވަނީ ޑޯޓްމަންޑާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވެފަ އެވެ. ރޭގެ މެޗުގައި ބަޔާންގެ ދެ ގޯލު ޖެހި ލެވަންޑޯސްކީ އަކީ 2010 އިން 2014 އަށް ޑޯޓްމަންޑަށް ކުޅުނު ކުޅުންތެރިއެކެވެ. ޑޯޓްމަންޑްގެ ތަރި އާލިން ބްރައުޓް ހާލަންޑަށް ރޭ ބަޔާން ޑިފެންސްލައިން ކައިރިން ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.
މިއީ މި ފަހަރު ބަޔާންގެ ކޯޗުކަމާ ހަވާލުވި ހޫލިއަން ނާގަލްސްމަން އަށް އެ ޓީމުގައި ލިބުނު ފުރަތަމަ ތަށްޓެވެ. ނާގަލްސްމަން ބުނީ ޖަރުމަނު ލީގުގެ ފުރަތަމަ މެޗުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން މޮޅުނުވެވުމުން ކުރިމަތިވި މާޔޫސްކަމުން އަރައިގަނެ ފޯމުގައި ކުރިއަށްދާން ސުޕަ ކަޕްގެ މި ކާމިޔާބީގެ ބޭނުން ހިފިދާނެ ކަމަށެވެ.












