ކުރިއަށްދާންވީ ދާއިރާގެ ސާފުކަން ނޭނގޭތީ ހާސްވަނީ ހެއްޔެވެ. އޯލެވެލް އިމްތިހާނަށްފަހު ކުރިއަށްދާނެ ދާއިރާއެއް ކަނޑައަޅަން ދަތިވެ، ހުއްޓުން އަރާފައި ނުހުންނާށެވެ. މާދަމާއަކީ ނަސީބުގެ ދުވަހެކެވެ.
މާދަމާ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިވެންޓުގެ ތެރޭގައި، އޯލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުން ވެސް ކުރިއަށްދާނެ އެވެ. ޔުނިވާސިޓީގެ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ބޭނުންވާ ލިޔުންތައް އެޓެސްޓްކޮށްދިނުމުގެ ހިދުމަތް ވެސް މި އިވެންޓްގެ ތެރޭގައި ފޯރުކޮށްދެވޭނެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ ފަންނީ ގާބިލް ލެކްޗަރާއިންނާއެކު ތަފާތު އެތައް ދާއިރާއަކުން ތައުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވާސިޓީއެކެވެ. ޔުނިވާސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތާއި މަތީ ތައުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެ އެވެ.
މިއީ މަރުކަޒީ ފެންވަރުގައި މިފަދަ ހަރަކާތެއް، ސާނަވީ ތައުލީމު ނިންމާލި ދަރިވަރުންނަށް އަމާޒުކޮށްގެން ގައުމީ ޔުނިވާސިޓީއިން ހިންގާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތެވެ. ފަހި ދުވަހުގައި މައުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ އިލްމުތަކުގެ ދާއިރާ، ތައުލީމީ ދާއިރާ، އިންޖިނީއަރިން ދާއިރާ، ސިއްހީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ އިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީއަތާއި ގާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކަށް ހުޅުވާލާފައިވާ ސްކޮލާޝިޕް ފުރުސަތުތަކާއި ބެހޭ މައުލުމާތު ވެސް ހިއްސާކުރެވޭނެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ 2021 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ ކިޔެވުން މި މަހުގެ 22 ވަނަ ދުވަހު ފަށާއިރު، ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މި އޮގަސްޓް މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ދޭކަށް ހަމަވާނެ އެވެ. ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ ސެޕްޓެންބަރު މަހުގެ 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.














