ބާލިން (އޮގަސްޓް 14) - ޖަރުމަނު ލީގުގައި މިރޭ ތަފާތު ފޯމެއްގައި ހުރި އާލިން ބްރައުޓް ހާލަންޑްގެ ފައިދާނަގައި ބޮރޫޝިއާ ޑޯޓްމަންޑުން 5-2 އިން އެއިންޓްރަކްޓް ފްރޭންކްފާޓް ބަލިކޮށްފި އެވެ.
މި މެޗުގައި ޑޯޓްމަންޑްގެ ތަރި ހާލަންޑް ވަނީ ދެ ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މި ސީޒަނުގައި ހާލަންޑް ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު ކަޕްގައި ވަނީ 25 މިނިޓް ތެރޭ ހެޓްރިކެއް ހަދައިފަ އެވެ.
މިދިޔަ އަހަރު ޖެނުއަރީ މަހު ސަލްޒްބާގް ދޫކޮށް ޑޯޓްމަންޑަށް ސޮއިކުރި ފަހުން ހާލަންޑް ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 61 މެޗުން 62 ގޯލު ޖަހައި 18 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މެޗުގެ 23 ވަނަ މިނިޓްގައި ހާލަންޑް ދިން ބޯޅައަކުން ޑޯޓްމަންޑަށް ލީޑުނަގައިދިނީ މާކޯ ރެއުސް އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޑޯޓްމަންޑްގެ ޑިފެންޑަރު ފެލިކްސް ޕަސްލަކް އަތުން ބައިކޮޅަށް ވަން ގޯލުން ފްރޭންކްފާޓް އެއްވަރުކުރި އެވެ. އެކަމަކު، މާ ގިނައިރެއް ނުވެ ހާލަންޑް ދިން ބޯޅައަކުން ތޯގަން ހަޒާޑް އަލުން ޑޯޓްމަންޑަށް ލީޑުނަގައިިދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހާލަންޑް ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހައި ޑޯޓްމަންޑްގެ ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފްގައި ޖިއޮވާނީ ރޭނާ ވަނީ ޑޯޓްމަންޑްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ހާލަންޑް ދިން ބޯޅަ އަކުން ޖެހި ގޯލެކެވެ. ޑޯޓްމަންޑްގެ ފަސް ވަނަ ގޯލު ކާމިޔާބުކުރީ ހާލަންޑް އެވެ. އޭނާ މި ލަނޑު ޖެހީ ރެއުސް ދިން ބޯޅައަކުންނެވެ. ފްރޭންކްފާޓްގެ ދެ ވަނަ ގޯލު ޖެހީ ޔެންސް ޕެޓާ ހޯގާ އެވެ.
ލީގުގައި މިރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޔޫނިއަން ބާލިން އާއި ބަޔާ ލެވަކޫސަން ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އޯގްސްބާގް ދަނޑުގައި ހޮފެންހައިމް ވަނީ 4-0 އިން މޮޅުވެފަ އެވެ. އަދި ވުލްފްސްބާގުން ވަނީ 1-0 އިން ބޮކުމް ބަލިކޮށްފަ އެވެ.
ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ވަނީ ބޮރޫޝިއާ މުންޗެންގްލަޑްބެކާ 1-1 އިން އެއްވަރުވެފަ އެވެ. ދެން އޮތް މެޗުގައި ބަޔާން ކުޅޭނީ ޖަރުމަނު ސުޕަ ކަޕްގައި ޑޯޓްމަންޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭގަ އެވެ.












