ޕެރިސް (ޖުލައި 24) - ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހު ޕީއެސްޖީއާ އެކު ޕޮޗެޓީނޯ ހެދި ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު އެވެ. އެކަމަކު، އިއްޔެ ޕޮޗެޓީނޯ ސޮއިކުރި އާ އެއްބަސްވުމުގައިވާ ގޮތުން 2023 ވަނަ އަހަރާ ހަމައަށް އޭނާ އެ ކްލަބްގައި މަޑުކުރާނެ އެވެ.
ޕޮޗެޓީނޯ ބުނީ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ކްލަބުން ފަށާފައިވާ ބޮޑު ޕްރޮޖެކްޓްގައި އޭނާގެ ބައިވެރިވުން ހިމެނޭ ގޮތަށް ބޮޑު ކާމިޔާބީއެއް ހޯދަން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުން ކަމަށެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓް ތެރޭގައި ޕޮޗެޓީނޯ އަލުން އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްއާ ހަވާލުވާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އަދި ޕޮޗެޓީނޯ ގޮސްފިނަަމަ ޕީއެސްޖީން ޒިނެދިން ޒިދާން ކޯޗަކަށް ގެންނަން އުޅޭ ކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރި އެވެ. ޕޮޗެޓީނޯ، ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރުމާ އެކު އެ ހުރިހާ ވާހަކައަކަށް ނިމުން އައީ އެވެ.
ޕީއެސްޖީގެ ކެޕްޓަނެއްގެ ގޮތުގައި 2001 އިން 2003 އަށް ފާހަގަވި ޕޮޗެޓީނޯއާ ޕީއެސްޖީ ހަވާލުކުރީ ތޯމަސް ޓުޗެލް ވަކިކުރުމަށް ފަހު އެވެ. ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ އޭރު ވިދާޅުވީ ޕޮޗެޓީނޯ ގެންނަން ނިންމި އެންމެ ބޮޑު ސަބަބަކީ ޕީއެސްޖީގެ ކުރީގެ ކުޅުންތެރިއަކަށް ވެފައި އޭނާ ކޯޗިންގައި ހޯދަމުން އަންނަ ކުރިއެރުން ރަނގަޅުވުމުންނެވެ.
ޕޮޗެޓީނޯގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ޕީއެސްޖީން ވަނީ ފްރެންޗް ސުޕަ ކަޕާއި ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން މެންޗެސްޓާ ސިޓީ އަތުން ކެޓިއިރު، ފްރެންޗް ލީގުގައި ނިންމާލަން ޖެހުނީ ޗެމްޕިއަންކަން ހޯދި ލިލް ފަހަތުން ދެ ވަނައިގަ އެވެ.
ކުރިއަށް އޮތް ސީޒަނަށް ޕީއެސްޖީ ވަނީ ވަރަށް ވަރުގަދަ ކޮށްފަ އެވެ. އެ ޓީމުން ވަނީ ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އާއި އޭސީ މިލާންގެ ޖިއަންލުއީޖީ ޑޮންނަރުންމާ، ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އަދި އިންޓަ މިލާނުގެ އަޝްރަފް ހަކީމީގެ ސޮއި ހޯދައިފަ އެވެ.












