ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބު މި އަހަރު ވެސް ނުބާއްވަނީ މިހާރު އޮތް ލީޑަޝިޕްގެ ދައުރު އިތުރުކޮށްފައިވާތީ ކަން އެ ޕާޓީން މިއަދު އިއުލާންކޮށްފި އެވެ.
އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތީން މިހާރު އޮތް ލީޑަޝިޕްގެ މުއްދަތު ހަމަވާނީ ޖެނުއަރީ، 2، 2022ގައި ކަމަށެވެ. މިކަން އިއުލާންކުރީ، ސާފުކުރަން އާއްމު މެމްބަރުންތަކެއް އެދޭތީ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ދައުރަކީ އަހަރެއް ކަމުގައި ކަނޑައަޅައި އިންތިހާބު އަހަރަކު އެއްފަހަރު އައީ ބާއްވަމުންނެވެ. އެ އުސޫލުގެ ދަށުން އެންމެ ފަހުން އިންތިހާބު ބޭއްވީ 2019 ގަ އެވެ. އެ ފަހަރު ލީޑަރަކަށް ހޮއްވެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އޭގެ ކުރިން އެ މަގާމު ފުރުއްވީ އައްޑޫ މެމްބަރު މުހައްމަދު އަސްލަމެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ޕީޖީ ލީޑަޝިޕް އިންތިހާބުގެ އުސޫލަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމަކަށް ދައުރު އިތުރުކުރަން ހުށަހަޅައި މަދު މެމްބަރުންތަކަކާ އެކު ފާސްކޮށް، ގަވާއިދުގައި ވަނީ އެކަން ހިމަނައިފަ އެވެ.
އާޒިމް "އަދަދު" އަށް ވިދާޅުވީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އައި އިންތިހާބުގެ އުސޫލަށް ގެނައި ބަދަލުން ޕީޖީގެ ލީޑަޝިޕް ދައުރަކީ ދެ އަހަރާއި ބައި ކަމަށް ނިންމައި އެކަން ވާނީ އެމްޑީޕީއަށް އަންގައިފަ އެވެ. ޕާޓީން އިދާރީ ގޮތުން އެކަން އިއުލާން ނުކުރެވި މިހާތަނަށް އޮތް ނަމަވެސް އެއީ މީގެ އަހަރެއްހާ ދުވަސް ކުރީގެ ނިންމެވުމެއް ކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި 65 މެމްބަރުން ތިއްބަވަ އެވެ.
ޕީޖީ ލީޑަރަކަށް އާޒިމް ހުންނެވިއިރު ޑެޕިއުޓީ ލީޑަރުންނަކީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަހީމެވެ. ޗީފް ވިޕަކީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. ސެކްރެޓަރީ ޖެނެރަލް އަކީ މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ އެވެ. ދެން ތިއްބަވަނީ ހަ ވިޕުންނެވެ.












