ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ތަރި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.
ޝިއުނާޒް، 33، ކަނާތު ކަކުލުގެ އޮޕަރޭޝަނެއް ކުރީ މީގެ ދެ ދުވަސް ކުރިން އޭޑީކޭ ހޮސްޕިޓަލްގަ އެވެ.
ޝިއުނާޒް މި އޮޕަރޭޝަން ކުރަން ނިންމީ މީގެ ކުރިން ވެސް އޭނަގެ ކަކުލުގައި ހުންނަ ތަދެއް ކަމަށްވާތީ އެވެ. ސިފައިންގޭގައި މަސައްކަތްކުރާ ޝިއުނާޒަކީ ދިވެހި ސިފައިންގެ ކްލަބްގެ ވެސް ކުޅުންތެރިއެކެވެ.
އޮޕަރޭޝަނަށް ފަހު ޝިއުނާޒްގެ ރިކަވަރީގެ ތެރެއިން އެއް މަސް ދުވަސް ވަންދެން ފިޒިއޯތެރަފީ ހަދަން ޖެހޭނެ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ވ) މިއަދު ޝިއުނާޒްއާ އެކު.
ގައުމީ ލެވަލްގެ ގިނަ މުބާރާތްތަކެއްގައި ދިވެހި ސިފައިންގެ ކްލަބަށް ކުޅުނު ޝިއުނާޒް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. ގައުމީ ބީޗް ވޮލީބޯޅަ ޓީމަށް 2013 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޝިއުނާޒްގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ.
ބީޗްވޮލީ ގައުމީ ޓީމުގައި ހިމެނިގެން ޝިއުނާޒް ވަނީ ދެކުނު އޭޝިއާ އާއި އޭޝިއާ އަދި ދުނިޔޭގެ ލެވަލް މުބާރާތްތަކުގައި ވެސް ވާދަކޮށްފަ އެވެ.
އައިއޯއައިޖީގައި ޝިއުނާޒް ވަނީ ޓީމް އިވެންޓް ބައިން ރިހި މެޑަލް އަދި އިންޑިވިޖުއަލް ބައިން ލޯ މެޑަލް ހޯދައިފަ އެވެ. އައިއޯއައިޖީގައި އެ ފަހަރު ވާދަކުރި ބީޗް ވޮލީބޯޅަ ޓީމުގައި ހިމެނެނީ ޝިއުނާޒްގެ އިތުރުން އޭނާގެ ބީޗްވޮލީބޯޅަ ޓީމުގެ ޕާޓްނަރު އާދަމް ނަސީމް (އެޑަމް)އާއި އަހުމަދު މުހައްމަދު އަދި މުހައްމަދު އަލީ އެވެ. ޓީމުގެ ކޯޗަކީ އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ.












