ދިވެހީންގެ މަލެއްފަދަ ކޮއި...އާދެ ތީމުގޭ ކޮއިމަލާކަލޯއަކީ ސޯމަވަންސަ (ހަނދުވަންހަ) ދަރިކޮޅުގެ ތެރެއިން ތީމުގޭ ގޮފީގެ ބޭފުޅެއްކަން ދިވެހި ތާރީޚުގެ މަސްދަރުތަކުން ސާބިތުވެއްޖެ އެވެ. ތީމުގެ ނިސްބަތްވެގެންވާ ސޯމަވަންސަ ދަރިކޮޅަކީ ޝަތުރިޔަ ވަރުނައިގެ ތެރޭގައި ހިމެނޭ މުސްކުޅި ހަތަރު ޝާހީ ދަރިކޮޅުގެ ތެރެއިން އެއް ދަރިކޮޅުވެސްމެ އެވެ. މި ދަރިކޮޅުގެ އިތުރުން ދެން މި ވަރުނައިގެ ތެރޭގައި ހިމެނިގެންވާ އަނެއް ތިން ދަރިކޮޅަކީ ސުރްޔަވަންސަ (އިރުވަންހަ) ދަރިކޮޅާއި ނާގަވަންސަ (ހަރުފަވަންހަ) ދަރިކޮޅާއި އަދި އަގްނިވަންސަ (އަލިފާންވަންހަ) ދަރިކޮޅެވެ. އިހު ޒަމާނުގައި މުޅި މި ސަރަޙައްދުގެ ތެރޭގައި އެކުލެވިފައި ހުރި ހުރިހާ ދައުލަތެއްގެ ބަޔަކު، އެބަޔެއްގެ ވެރިކަމުގެ މަތިފުށް އެއްލަވައިގެންތިބީ މި ހަތަރު ދަރިކޮޅުންކުރެ ކޮންމެ ވެސް އެއް ދަރިކޮޅެއްގެ މައްޗަށެވެ. މިގޮތުން ދިވެހިންނެކޭ އެއްފަދައިން އިންޑިޔާގެ މައި ބައްރުގައި އުފެދިދިޔަހައި ދައުލަތްތަކާއި ސިލޯނާއި ކެންބޯޑިޔާ އާއި ބާލީ އާއި އަދި ޖާވާ ފަދަ ޤައުމުތަކުގެ މީހުން އެބައިމީހުންގެ ބޯދާ ތާރީޚުގެ ކަންކަން ގުޅުފައިވަނީ މި ޝަތުރިޔަ ވަރުނައިގެ ދަރިދަރިކޮޅުތަކުގެ މައްޗަށެވެ. ހަމައެހެންމެ ކުރީން ވެސް ދަންނަވާލެވިފައިވާނޭ ފަދައިން މުސްކުޅި މަހާބާރަތަ ވާހަކައިގެ ތެރޭގައި ހިމެނޭ ޙާދިސާތަކާއި އޭގައި އުޅޭ އެކި ޝަޚުސިއްޔަތުންނަކީ މި ސަރަޙައްދުގެ ގިނަ ގައުމުތަކުގެ ފޯކުލޯރު ބިނާވެފައިވާ އެއް އަސްލެވެ.
ޝަތުރިޔަ ވަރުނައޭ މިކިޔެނީ "ވެޑިކު ޒަމާނޭ" ކިޔޭ ޢަސްރުގައި އިންސާނީ މުޖުތަމަޢު އެކުލެވިފައި އޮތް ހައިރާކީ ނިޒާމުގެ އެއްބަޔަށެވެ. އެއީ ހައިރާކީގެ ދެވަނަ ދަރަޖަ އެވެ. މި ދަރަޖަ ނުވަތަ ވަރުނައިގެ ތެރޭގައި އެކުލެވޭނީ ވެރީންނާއި އަމީރުނާއި ހަނގުރާމަވެރިންނާއި ހަނގުރާމައިގެ އުކުޅުތަކާއި އޭގެ ފަންނުތައް ކިޔަވައިދެއްވާ އެދުރު ބޭކަލުނާއި ލަޝްކަރުތަކުގެ މައްޗަށް ކޮމާންޑުކުރައްވާ ކޮމާންޑަރުންފަދަ މީހުނެވެ. ޝަތުރިޔަ ވަރުނައިގެ މާނައިގެ މައްޗަށް ދިވެހި ބަހުގައި ބޭނުންކުރަމުން އައިސްފައިވާ ނަމަކީ "ކައްތިރި"އެވެ. މާނައަކީ ހަނގުރާމަވެރި، ނުވަތަ ހަނގުރާމައިގެ މޮޅު އުކުޅުތަކުގެ ކުޅަދާނަކަން ލިބިފައިވާ ފަރާތެވެ. ދިވެހި ބަހުގެ ރަދީފުގައި ވެސް މިއީ ބޯދާ ބަހެއްކަމަށް ބަޔާންކޮށް އޭގެ ދެ މާނައެއްގެ ގޮތުގައި ހަނގުރާމަވެރި އަދި ގަދަފަދަ ލިޔެފައިވެ އެވެ. ޝަތުރިޔަ ވަރުނައިގެ މާނައިގެ މައްޗަށް ދިވެހިން ބޭނުންކުރަމުން އައިސްފައިވާ "ކައްތިރި" މި ލަފުޒު ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ކޮލީނަންފުޅުގެ ފަހަތަށް މީލާދުން 20 ވަނަ ޤަރުނާއި ހަމަޔަށް ވެސް އިތުރުކުރަމުން އައިސްފައިވާކަން ފާހަގަވެ އެވެ. ކައްތިރި މި ލަފުޒު ބޭނުންކޮށްފައިވާ މިސާލަކަށް ބަލާނަމަ މަޝްހޫރު އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގެ ފަތްކޮޅެއްގައިވާ ޢިބާރާތް ދަންނަވާނަމެވެ. އޭގައިވަނީ
"ސްވަސްތީ ސްރީ މަތަމަހާ ސްރީ ރަންނަވަލޯކަ އަބާރަނަ އައުދަ ކީރިތި ކައްތިރި އައްސުލްޠާން އިބްރާހިމް އިސްކަންދަރު ބޮވަނަ މަހާރަދުން ވިދާޅީން...."
މި ބީދައިން ކޮންމެ ބޭފުޅަކުވެސް ރާއްޖޭގެ "ސިންގާ" ތަޚުތަށް އިސްވެވަޑައިގެންނެވުމަށްފަހު، އެބޭފުޅަކަށް ލިބިވަޑައިގަންނަވާ ކޮލީ ނަންފުޅުގެ ފަހަތަށް ކައްތިރި ބަވަނަ މަހާރަދުންނޭ ބުނެ އިތުރު ކުރައްވަ އެވެ. މާނައަކީ ދުނިޔޭގައިވާ ކައްތިރިވަރުނައިގެ (ޝަތުރިޔަ ވަރުނައިގެ) މަތިވެރި ރަސްގެފާނެވެ. މިއީ އެންމެ އިހު އެވޭލާ ބޯދާ ޒަމާނުގެ އާދަތަކުގެ ތެރެއިން ވަރަށް ފަހާއިހަމަޔަށް ވެސް ފެންނާންހުރި ކަންކަމެވެ. މިބާވަތުގެ ކުޑަކަމަކުން ވެސް ބޮޑެތި މަންޒަރު ސޫރަކޮށްދެ އެވެ. ކައްތިރި ވަރުނަޔާ، ވަރުނަތަކަށް ދިވެހި މުޖުތަމަޢު އޮތް ޒަމާނުގެ ޚަބަރުތަކަކީ އެއްގޮތަކަށްވެސް މިއަދު ހޯދާ ބަލާމީހަކަށް ފެންނާންހުރި ޚަބަރުތަކެއް ނޫނެވެ. އަދި ހަމައެހެންމެ ފަސްއަޅާ ފޮރުވާލެވިފައިވާ ހަވިއްތަތަކާއި ވޭރުތަކުގެ ތެރެއިން ހޯދާބެލުނު ތަންތަނުން ވެސް ސީދާގޮތުން ވެޑިކު ޒަމާނޭ ކިޔުނު ޢަސްރުގެ ޚަބަރު އަޚުބާރު ފިލާނޭ މާބޮޑެތި ކަންކަމެއް ފެނިފައެއް ނުވެ އެވެ. ދިވެހީންގެ އެންމެ ބޯދާ ޒަމާނުގެ މައްޗަށް ބެލެންއޮތީ ތިނޯހެއްގެ ފަނގަހެއްހާ ކުޑަ އާނގައެއްގެ ތެރެއިންނެވެ.
ކުޑަކުޑަ އާނގައަކުން ސަރާސަރު މާޒީގެ މައްޗަށް ނަޒަރު ހިންގާއިރު ފެންނަނީ މީލާދުން 11 ވަނަ ޤަރުނުގެ ފަހުކޮޅާއި 12 ވަނަ ޤަރުނުގެ ކުރީކޮޅަކީ މި ސަރަޙައްދުގެ ދައުލަތްތަކުގެ މެދުގައި ގިނަ ކޯޅުންތަކެއް ހިނގަމުން އައިސްފައިވާ ދުވަސްވަރެއްކަމެވެ. މިއީ ދުނިޔޭގެ ތާރީޚު ފެންނަ މަންޒަރެވެ. ތީމުގޭ ކެއިމަލެއިކަލޯ މި ރާއްޖޭގެ ސިންގާސަނާ (ސިންގާ ތަޚުތު) ގައި ވެޑުވުނީ މީލާދުން 1121 ނުވަތަ 1122 ވަނަ އަހަރުގަ އެވެ. ކޮއިމަލާކަލޯގެ ރަސްކަމަށް ފެށުނު ދުވަސްވަރާއި ހަމަޔަށް އައިއިރުވެސް މި ސަރަޙައްދުގެ މައްޗަށް ނަގާ ބަނަކޮށްފައިވާ ހަނގުރާމައިގެ ކަޅު ވިލާގަނޑު މުޅިން އޮބައި ގޮސްފައިވާކަމަށް ދެންނެވޭކަށްނެތެވެ. މިފަދަ ހަނގުރާމައިގެ ދުވަސްވަރެއްގައި "ދަތުރުފަތުރު"ގެ މައްޗަށް ބިނާވެއޮތް ދިވެހިރާއްޖެ ފަދަ ގައުމަކަށް ދިމާވާނެ ދަތިތަކާއި އުނދަގޫތައް، ހިތަށް ގެނައުމަކީ ދަތިކަމަކަށްނުވެ އެވެ. އެހެނީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ޖެހުނު ބޮޑުތަދުގެ ވާހަކައަކީ ތާރީޚު ނުދަންނަ މީހުންވެސް ދަންނަ ވާހަކައަކަށްވާތީ އެވެ.
ދިވެހީންގެ ގައުމު އަންޒަމާނުއްސުރެ ބިނާވެއޮތީ މިސަރަހައްދުގެ ވިޔަފާރީގެ މައްޗަށެވެ. ވިޔަފާރިކަމު އައިސްގޮސްވެ އުޅޭ ނައުފަހަރުތަކަށް ދަތުރުނުކުރެވޭފަދަ ތަނަކަށް ކަނޑުވިޔަފާރީގެ މަގު ބަދަލުވެއްޖެނަމަ އޭގެ ސަބަބުން ދިވެހި އިޤުތިސާދަށް ގެނުވާނެ ހީނަރުކަން ވިސްނަވާށެވެ. އަދި ހަމަމިފަދައިން އަޅުގަނޑުމެންގެ އޮޑިފަހަރު ވިޔަފާރި ކަމުގޮސް އުޅޭ މަލާބާރުކަރައިގެ ބަނދަރުތަކާއި ސިލޯނުކަރައިގެ ބަނދަރުތަކަކީ ދިވެހީންގެ ދުޝްމިނުން ކޮންޓުރޯލުކުރާ ތަންތަނަށްވެއްޖެކަމުގައިވާނަމަ މުޅި ގައުމަށް ކުރިމަތިވާނެ ދަތިކަން އިހުސާސްކުރައްވާށެވެ. ކަނޑުދަތުރުފަތުރުގެ ނާމާންކަމުން އުފެދޭ ދަތިކަމުގެ ނަތީޖާއަކަށްވާނީ ބަނޑުހައި ހޫނުކަން އާއްމުވުމެވެ. ތަނެއްގައި ބަނޑުހައި ހޫނުކަން އާއްމުވެ ރައްޔިތުންގެ އަތްމަތި ހުސްވެއްޖެކަމުގައިވަނީނަމަ އެބަޔެއްގެ ވެރީންނަށް ގަޑުބަޑާ ޖަގަޑާގެ ތުރާތައް ޖެހޭނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. އާދެ! އަލުން ތިޔަބޭފުޅުންގެ ހަނދާނަށް މި ސިލްސިލާގައި އަޅުގަނޑު އަބަދުވެސް ދޫކުރަމުން އައި ސުވާލު ގެންނަވާށެވެ. މީގެ ހާހަކަށް އަހަރުކުރީން އުޅުއްވި ކޮއިމަލާކަލޯގެ ވާހަކަ ދޫދޫމަތިން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިހެން ނަގުލުކުރަމުން އައިސްފައި އެވަނީ ކީއްވެގެން ހެއްޔެވެ؟
އުތީމު ޣާޒީ ރަދުންގެ ހާދިސާ، ބޮޑު ތަކުރުފާނު ވާހަކައަށްވެ ކެލައައްޑޫ ދެމެދުގައި ދިރިއުޅޭހައި ބަޔަކު އެވާހަކަ ކިޔަމުން އައިސްފައިއެވަނީ އެއީ ޤައުމީ ފެންވަރުގެ ބަޠަލަކަށްވެގެން ނޫންތޯ އެވެ؟ ވީމާ ކޮއިމަލާ އާއި މެދު މި އުފެދޭ ސުވާލުގެ ޖަވާބު ގޮސް ހުއްޓޭނީ މަތީގައި ބަޔާންކުރެވުނު ހަނގުރާމައިގެ ޙާލަތާއި ގައުމު ދުށް ތަދުމަޑުކަމުގެ ދުވަސްވަރާ ހިސާބަށްބާވަ އެވެ؟ އެހެންކަމަށްވާނަމަ މަލެއްފަދަކޮއި އަކީ ދިވެހީންނަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯއްދަވައިދެއްވި ޝަޚުސިއްޔަތެކެވެ. ކޮއިމަލާ ބަޠަލަކަށްވި ހާދިސާއަށް ހާސް އަހަރަށްވުރެ ގިނަވުމާއެކު ދޫދޫމަތީން ނަގުލުކުރި ފޯކުލޯރު ނޫން އެއްޗެއް ނެތުނީނޫންބާވަ އެވެ؟ އެއީ ހަމައެކަނި އައު ދަރިކޮޅެއްގެ ރަސްކަން ފެއްޓެވި ބާނީއެއްނޫނެވެ. އެއީ ހަނގުރާމައިން މޮޅެއް ގެނެސްދެއްވި، ގައުމަށް ފާގަތިކަން ހޯއްދަވައިދެއްވި ހަރުދަނާ ވެރިޔެއްގެ ފާޑު މާބޮޑަށްވެސް އެބަޖަހަ އެވެ.
މީލާދުން 11 ވަނަ ޤަރުނުގެ ފަހުކޮޅާއި 12 ވަނަ ޤަރުނުގެ ކުރީކޮޅުގެ ދުވަސްވަރަށް ޖުމުލަކޮށް ބަލާލާނަމަ މި ސަރަޙައްދުގެ ތެރޭގައި އޮތް އެންމެ ބާރުގަދަ ދައުލަތަކީ ތަމަޅައިންގެ ޗޯޅާ އަންބަރާޠޫރިއްޔާ އެވެ. މި ސަރަޙައްދުގެ އެހެނިހެން ގައުމުތަކަށް އެންމެ ބޮޑު ނުރައްކާވެސް ކުރިމަތިވެފައިވަނީވެސް ޗޯޅާއިންގެ ފަރާތުންނެވެ. އެބައިމީހުންނަކީ ވަރުގަދަ "ނޭވަލް ފުލީޓެއް"، އާދެ ހަނގުރާމަމަތީ އަރުމާޒެއް އޮތް ބަޔެކެވެ. އޭގެ ސަބަބުން ޗޯޅާއިންވަނީ ކަނޑު ހުރަސްކޮށް ގައުމު ގައުމުތަކަށް އަރާ އިސްތިޢުމާރީ ހަރަކާތް ހިންގާފަ އެވެ. މިބައިމީހުންގެ އާރާއިބާރު އެންމެ ގަދަވި ޒަމާނުގައި ދިވެހީންގެ ގައުމާއި އިންޑިޔާގެ މައި ބައްރުގައިވާ އެހެނިހެން ގައުމުތައްކަމުގައިވާ ޕާޑިޔަނުންނާއި ކޯލަތިރިންނާއި އަދި މުޅި ސިލޯނުގެ މައްޗަށް ވަރަށް ބޮޑެތި އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތިވަމުންދިޔަ އެވެ. ޗޯޅާއިންގެ ވެރި ރާޖަރާޖަ މުއްމުދި ޗޯޅާގެ ރަސްކަމުގައި ސިލޯނާ ޙަމަލާކޮށް ވެރިރަށް އަނޫރާދަޕޫރާ ހިފާ މުޅީން އެރަށް އިންދިރާސްކޮށްލި އެވެ.
ޗޯޅާއިންގެ ފަރާތުން ދިވެހިރާއްޖެ އަށް ވެސް ދެ ފަހަރެއްގެމަތީން ހަނގުރާމަ ޖެހިފައިވެއެވެ. ޗޯޅާއިންގެ ލަޝްކަރާއި ދިވެހީންނާ ދެމެދު ފުރަތަމަ ހަނގުރާމަ ހިނގީ މީލާދުން 1014 ވަނަ އަހަރު އެމީހުންގެ ވެރި ރާޖަރާޖަ މުއްމުދި ޗޯޅާގެ ރަސްކަމުން 29 ވަނަ އަހަރު އެވެ. ރާޖަރާޖަ މުއްމުދި ޗޯޅާ އަވަހަރާވީ ވެސް ރާއްޖެއަށް ހަމަލާކުރި އަހަރުގަ އެވެ. މި ޙަމަލާގައި ޗޯޅާއިންގެ މީހުންނަށް ދިވެހިރާއްޖެ އަޅުވެތިކުރެވިފައިވާކަމަކަށް ނުބެލެވެ އެވެ. އެހެނީ ރާޖަރާޖަ ޗޯޅާ އަވަހާރަވުމުން އޭނާގެ ދަރި، ރާޖެންދްރަ ޗޯޅާގެ ރަސްކަމުގައި އަލުން އަނެއްކާވެސް ދިވެހިރާއްޖެ އާއި ތޮޅޭން ލަޝްކަރެއް ފޮނުއްވިކަން ތާރީޚުން ފެންނަން އޮތް އޮތުމަކީ މިބަހަށް އޮތް ޤަރީނާއެއްކަމުގައި ދެކޭތީ އެވެ. ރާޖެންދްރަ ޗޯޅާ ދިވެހިރާއްޖެއާއި ހަމަލާކުރީ މީލާދުން 1017 ވަނަ އަހަރު އޭނާގެ ރަސްކަމުން 5 ވަނަ އަހަރުގަ އެވެ. ޗޯޅާއިންގެ ފަރާތުން ރާއްޖެއަށް ހަމަލާކުރި ވާހަކަތަކުގެ ޚުލާސާ ބަޔާންތަކެއް މި ސިލްސިލާގެ ދެ ވަނަ ބައިގައިވެސް ވާނީ ދަންނަވާލެވިފަ އެވެ. އެވާހަކަތައް މިބައިގައި އަލުން ތަކުރާރު ކޮށްލުމުގެ މަގުސަދަކީ މީލާދުން 11 ވަނަ ޤަރުނުން ފެށިގެން މި ސަރަޙައްދުގެ މައްޗަށް ބަނަކޮށްފައިވާ ހަނގުރާމައިގެ ވިލާގަނޑު ސިފަކޮށްދިނުމާއި އޭގެން ދިވެހީންނަށް ޖެހެމުންދިޔަ ދުއްތުރާތަކުގެ ވާހަކަ ބަޔާންކޮށްލުމުގެ ގޮތުންނެވެ. ހަމަ އެހެންމެ ސަރަޙައްދީ ހަނގުރާމައިގެ ތެރެއަށް ދިވެހީން ވެސް ތިބީ ރަނގަޅަށް ވެދަކަން ހާމަކޮށްލުމުގެ ގޮތުންވެސްމެ އެވެ.
އިސްވެ މި ދެންނެވި ހުރިހާ ގައުމުތަކަކީ އެއް މާނައަށްވުރެ ގިނަ މާނައިގައި އެކި ކަހަލަ ގުޅުންތައް އުފެދިފައިވާ ގައުމުތަކެކެވެ. ނަސްލީ ގޮތުންނާއި ސަގާފީ ގޮތުންނާއި ދީނީ ގޮތުންނާއި އަދި ވަކީން ޚާއްސަކޮށް ވިޔަފާރީގެ ގޮތުންނެވެ. މި ސަރަޙައްދުގެ ގައުމުތަކުގެ ވެރިކަންތަކަކީ ވެސް އެއްބަނޑު އެއްބަފާ ދަރިކޮޅުތަކެއްގެ ވެރިކަންތަކެވެ. އެއީ އިސްވެ ބަޔާންކުރެވުނު ޝަތުރިޔަ ވަރުނައިގެ ތެރޭގައިވާ ދަރިދަރިކޮޅުތަކެވެ. ޗޯޅާއިންގެ ވަކާލާތުގައި އެމީހުނީ ސުރްޔަވަންސަ (އިރުވަންހަ) މަތިފުށުގެ ބަޔެކެވެ. ޕާޑިޔަނުންނާއި ސިލޯނުގެ ބައެއް ދަރިކޮޅުތަކުގެ ވަކާލާތުގައި އެމީހުންނަކީ ސޯމަވަންސަ ( ހަނދުވަންހަ) މަތިފުށުގެ ބައެކެވެ. ދިވެހީންވެސް ދިވެހީންގެ ވެރިކަން އެއްލައިގެންތިބީ ސޯމަވަންސަ (ހަނދުވަންހަ) ދަރިކޮޅުގެ މައްޗަށްކަން ކޮއިމަލާކަލޯއާއި ހިސާބުން އެނގެން އެބައޮތެވެ.
ޝައްކެއްވެސްނެތެވެ! ޝަތުރިޔަ ވަރުނައިގެ އެއްބަނޑު އެއްބަފާ ހަތަރު ބެއިންގެ ދަރީން ކުރަމުން ދިޔަ ހަނގުރާމައިގެ ތެރެއަށް ދިވެހީން ވަދެތިބީ ހަމައެކަނި ދިފާޢީ ހަނގުރާމައެއް ކުރުމަށް ނޫންކަން ތާރީޚު ބުނެދެ އެވެ. ޗޯޅާއިންގެ ހަމަލާއިން ސިލޯނު އިންދިރާސްކޮށްލިތާ ޤަރުނަކަށްވުރެ ގިނަ އަހަރު ފާއިތުވިފަހުން މީލާދުން 1114 ވަނަ އަހަރު ސިލޯނު ސިއްސުވާލި ހަމަލާއެއް ދެން އައީ ދިވެހީންގެ ފަރާތުންނެވެ. ދިވެހިރާއްޖޭގެ ވީރަދޭވަ އޭ ކިޔުނު ރަސްކަލަކު ބޮޑު ލަޝްކަރައިގެން ސިލޯނުގެ މަންނާރޭ ކިޔުނު ސަރަޙައްދުގައި އޮތް މަޝްހޫރު ބަނދަރަކަށް ފޭބެންނެވި އެވެ. މި ބަނދަރަކީ ސިލޯނުގެ ވެރިރަށް އަނޫރަޕޫރާއަށް ޙަމަލާކުރުމަށް ގަސްތުކޮށްގެން އަންނަ ލަޝްކަރެއްގެ ބަޔަކު ފައިބާނެ އެންމެ ރަނގަޅު އެއް ބަނދަރުވެސްމެ އެވެ. ދިވެހިރާއްޖޭގެ ލަޝްކަރައިގެން ވީރަދޭވަ ރަސްގެފާނު ވަޑައިގެން އިސާހިތަކު ސިލޯނުގެ ވެރިރަށް އަނޫރާދަޕޫރާ އާއި ހަމަޔަށް ވާސިލުވެ އެރަށް ހިސާރުކުރި އެވެ. މި ޚަބަރު ސިންގަޅައިންގެވެރި ރަސްގެފާނު ވިއްކަރަމަ ބާހޫއަށް އިވިވަޑައިގެންނެވިއިރު އޭނާ ހުންނެވީ ގައުމުގެ ދާޚިލީ ހަމަނުޖެހުމެއް ހައްލުކުރެއްވުމަށް އެހެން ހިސާބަކަށް ވަޑައިގެންނެވެ. ދިވެހި ލަޝްކަރު އަނޫރާޕޫރާ ހިސޯރުކުރި ޚަބަރު ހަމަ ލިބިވަޑައިގެންނެވުމާއެކު އަވަސް އަވަހަށް އެހުރިތަނުން ނެއްޓިގެން ވަޑައިގެން ރާއްޖޭގެ ވީރަދޭވަ ރަސްގެފާނުގެ ލަޝްކަރާއި ބައްދަލުކުރައްވާ ގަދަ ހަނގުރާމަކުރެއްވި އެވެ. މި ހަނގުރާމައިގައި ސިންގަޅައިންގެ ލަޝްކަރު މުޅީން ވިއްސި ވިހާލިވެ ދިޔަ އެވެ. އަދި ހަނގުރާމައިގައި ގަތުލުވީ މީހުންގެ ތެރޭގައި ސިންގަޅައިންގެ ލަޝްކަރުގެ ކޮމާންޑަރުކަމުގައި ހުންނެވި ކީރްތި އޭ ކިޔުނު ބޭކަލަކާއި ރަސްގެފާނު ވިއްކަރަމަ ބާހޫގެ ދެފިރިހެން ބޭފުޅުންވެސް ހިމެނެ އެވެ.
މި ހަނގުރާމައިން ދިވެހި ލަޝްކަރަށް މޮޅު ލިބި އެބައިމީހުންގެ ލަޝްކަރު ބަލިވެ މުޅީން ވިއްސިވިހާލިވެ ދިޔުމުން ސިލޯނުގެ ރަސްގެފާނު ވިއްކަރަމަބާހޫ ދެންތިބި ބަޔަކައިގެން ފަހަތަށްޖެހިވަޑައިގެންނެވި އެވެ. އޭނާ ފިއްލަވައިގެން އަންތަރަވިއްތިކައޭ ކިޔުނު ހިސާބެއްގައިވާ ކޯއްޓޭއަކަށް ވަޑައިގެން އެތަނުން ހިމާޔަތް ހޯއްދެވި އެވެ. ދިވެހީންގެ ވީރަދޭވަ ރަސްގެފާނުވެސް ވިއްކަރަމަބާހޫ ފަހާ އެކޯއްޓޭ ދޮށަށް ލަޝްކަރައިގެން ވަޑައިގެންނެވި އެވެ. މި ދެންނެވި އަންތަރަވިއްތިކައޭ ކިޔުނު ހިސާބަކީ ޗަކަބިމުގެ ސަރަޙައްދެއްކަމުންނާއި ދިވެހި ލަޝްކަރަށް ހަގީގަތް ރަނގަޅަށް އެނގިފައި ނެތް ހިސާބެއްކަމުން އެތަނަށް ދިވެހި ލަޝްކަރު ފޭބުމީ ފިއްލަވައިގެން ހުންނެވި ވިއްކަރަމަބާހޫގެ ކޮޅަށް ނަސީބު އެނބުރުނު ސަބަބެވެ. ބަނޑަހަ ޖަހައިގެން އަރާމުކުރާން ތިބި ވީރަދޭވަ ރަސްގެފާނުގެ ލަޝްކަރަށް ވިއްކަރަމަބާހޫ ކުއްލި ހަމަލާއެއްދީ ގަދަ ހަނގުރާމަކޮށް ދިވެހީންގެ ވެރި ވީރަދޭވަ ރަސްގެފާނު އެތަނުގައި ގަތުކުކުރީ އެވެ.
އާދެ ސިލޯނުގެ ވެރި ވިއްކަރަމަބާހޫ އާއި ދިވެހިރާއްޖޭގެ ވެރި ވީރަދޭވަ އާއި ދެމެދު ހިނގި ގަދަ ހަނގުރާމައިގައި އެރަދުން ގަތުލުވެދިޔައީ މީލާދުން 1114 ވަނަ އަހަރުގެ ތެރޭގައި ނޫނީ 1115 ވަނަ އަހަރުގެ ތެރޭގަ އެވެ. ވީރަދޭވަ ރަދުންނާއި ކޮއިމަލާކަލޯ ރަސްކަމަށް އިސްވެވަޑައިގަތުމާއި ދެމެދުގައި ވަނީ ފަސް ވަރަކަށް ވަރަކަށް އަހަރުގެ ފަރަގެކެވެ. ފަހަރުގައި ވީރަދޭވަ ސިލޯނަށް ވަޑައިގެން އެކުރެއްވި ހަނގުރާމައިގައި ކޮއިމަލާކަލޯ ބައިވެރިވެވަޑައިގެންފައިވުމީ ވެސް ދުރުގައިވާކަމެއްނޫނެވެ. އަދި ވީރަދޭވަ ރަދުން އެހަނގުރާމައިގައި ގަތުލުވެ އެރަދުންގެ މަތިފުށުގެ ޝާހީ ދަރިކޮޅު ހުލިވުމުން ތީމުގޭ ގޮތްޕަށް ދިވެހި ރަސްކަން އެނބުރުނީކަމަށް ވެސް ވެދާނެއެވެ. އަދި އެދަރިކޮޅުން ރަސްކަމަށް އިސްވެވަޑައިގެންނެވި ފުރަތަމަ ރަސްކަލަކީ ކޮއިމަލާކަލޯކަމުގައިވުމަކީ ވަރަށް އެކަށޭނެ ނަޒަރިއްޔާއެކެވެ. (ނުނިމޭ)








