Advertisement

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (3)

7 ޖޫން 2021 - 10:10 0

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ

އިހު ޒަމާނުގައި ދަތުރުކޮށް އުޅުނު ނަވެއްގެ ހިޔާލީ ކުރެހުމެއް: އެއް ވާހަކައިގައި ކިޔާގޮތުންނަމަ ކޮއިމަލާއަކީ އިންޑިޔާއިން ރާއްޖެޔަށް ވަޑައިގެންނެވި އަމީރެއް. --ކުރެހުން: އަހުމަދު އިހުސާން (އަރަކަ އާޓްސް)


އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (3)

7 ޖޫން 2021 - 10:10 0

(ދެ ވަނަ ބަޔާ ގުޅޭ)

ދިވެހި ތާރީޚުގެ މައްޗަށް އަލިއަޅުވާލާ ބަލާންހުރި މަދު ދިވެހި މަސްދަރުތަކުގެ ތެރެއިން ކޮއިމަލާކަލޯއެއްގެ ނަން ރާދަވަޅީގައި ބަޔާންކޮށްފައިވާ އިބާރާތްތައް މި ލިޔުމުގެ ދެ ވަނަބައިގައި ވާނީ ދަންނަވާލެވިފަ އެވެ. ދެން އެނބުރި ބަލާންވީ ލޯމާފާނުތަކުން އެނގޭންހުރި އެއްޗަކަށެވެ. ފެންނާން އޮތް ދެތިން ހަތަރު ލޯމާފާނެއްގެ ތެރެއިން އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނޭ ކިޔުނު ދެ ލޯމާފާނެއް ވަނީ 1980 ގެ އަހަރުތަކުގައި ދިވެހި ބަހުގެ މިހާރުގެ ބަހުރުވައަށް ތަރުޖަމާކޮށްގެން ނެރެފަ އެވެ. މި ދެންނެވި ދެ ލޯމާފާނަކީ ސްރީމަތަ ގަޑަނާއްދީއްތައޭ ކިޔުނު ރަސްކަލެއްގެ ޒަމާނުގައި ލިޔުއްވާފައިވާ ދެ ލޯމާފާނެވެ. ގަޑަނާއްދީއްތަ ރަސްގެފާނަކީ މީގެ 800 އަހަރަށް ވުރެ ކުރިން ދިވެހިރާއްޖޭގެ ތަޚުތުގައި ރެދަލިކުރެއްވި ރަސްކަލެކެވެ.

އެ ލޯމާފާނުތަކުގައި މައިގަނޑު ގޮތެއްގައި ވަނީ ބުދުދީނުގެ ވޭރުތަކާއި ފައްޅިތަކަށް ޣައިރު ދީނަށް ވެރިކަން ކުރެއްވި ދިވެހި ރަސްރަސްކަލުން ދެއްވާފައިވާ ފަގުފަގާއި ބިންތައް ބާޠިލު ކުރެއްވި ވާހަކަ އާއި އަދި އެފަދަ ތަންތަނުގައި ދައުލަތުގެ ފަރާތުން ބެހެއްޓެވި މިސްކިތްތަކުގެ މައްޗަށް ބަންޑާރައިން ދެއްވި ވަގުފުތަކެއްގެ ވާހަކަ އެވެ. ހަމައެހެންމެ ނަސޭހަތާއި ވައުޒުގެ ވާހަކަވެސް ވެ އެވެ. މިއިން ކޮންމެ ލޯމާފާނެއްގެ ފެށުމުގައި އެމާފާނެއް ލިޔުއްވި ރަސްކަލެއްގެ ނަސަބުފުޅު ބަޔާން ކުރައްވާފައި ވެ އެވެ. މިގޮތުން ތިރީގައި މި ނަކަލުކޮށްލަނީ ދަނބިދޫ ލޯމާފާނުގެ ނަމުން ނަންދެވިފައިވާ ލޯމާފާނުގައި ބަޔާންކޮށްފައިވާ ނަސަބުނާމާގެ އިބާރަތްކޮޅެވެ.

"ސްވަސްތީސްރީ ޝޯމަވަންޝަ އާދިފަތި ޝްރީ ތީމުގޭ ޝްރީ މަހާބަރަނަ މާރަސުން ފުނަދެސެ ރެދަވުނަދައި އެކަވިންޝަތި އަވްރޮދުން އެކުތުވީކަލް ރެދަ އޮބުނަހިދެ މިރަސުން ސިއަ ބެނި ސްވަސްތީ ޝްރީ ތްރީބުވަނަ އާދީއްތަ މާރަސުން ރެދަވުނަދައި ފަންސަތިރިންޝަތި އަވްރޮދުން އިކުތުވީކަލް މިރަސުންސިއަ މަލު ސްވަސްތީޝްރީ ބުވަނާ ބަރަނަ މާރަސުން ރެދުވުނަދައި ނުވަ ވަނަ އަވްރޮދުން އިކްތުވީކަލް މިރަސުންސިއަ ބެނި ސްވަސްތީޝްރީ ދަރުމަނަންދަމް މާރަސުން ރެދަވުނަދައި ނުވަވަނަ އަވްރޮދުން އިކްތުވީކަލް މިރަސުން ސިއަ މަލު ސްވަސްތީ ސްރީމަތު ޝޯމަންގަންޝޯތަ ދަރަނަކަނަކަ އާސައްލަ ސްމާތްބަ ޝަވާ ލަކްޝަދީޕަ ރަކްޝަނަ ބަދުރަ ފަންދަރު ބިމްގޫ ހަބިއްދަވިނޮ ދަޝަކަޅަ ކައްލާނަ އަނުރަގެސުވަރަ ރަތުނާކަރަ މަނިމަކުށަ މަންޑިތަ ޝްރީ ގަޑަނާއްދީއްތަ މާރަސުން ....." މިއެވެ.

މިބަސްތަކުގައި އެކުލެވިގެންވާ އެއްޗަކީ

"ހަނދުވަންހައިގެ އެންމެ މާތް ސާހިބާއަށް ހެޔޮ ނަސީބާ ޢިއްޒަތާ ބާއްޖަވެރިކަން ހުއްޓެވެ. އެއީ މާތްވެގެންވާ ތީމުގޭ މާތްވެގެންވާ މަހާބަރްނަ ބޮޑު ރަސްގެފާނެވެ. ފުރިހަމަ ދެހިޔަ އާބާދީގެ ރަސްކަލަކަށް ވީދުވަހުން ފެށިގެން އެކާވީސް އަހަރުން އެރަދުން ފުރައުއްތަވެއްޖެ ހިނދު، ރަދުން ފަސްދާނުވެޑުވި ހިނދު، މިރަދުނާއި އެއްކިހުނުފަން (އެއްބަނޑު އެއްބައްޕަ) ދައިތާފުޅުގެ ދަރިކަލުން ސްވަސްތީ ސްރީ ތްރީބުވަނަ ބޮޑު ރަސްގެފާނަށް ވެއްޖެ އެވެ. ރަސްކަލަކަށްވީ ދުވަހުން ފެށިގެން ތިރީސްފަސް އަހަރުން އެރަދުން ފުރައުއްތަވެއްޖެ ހިނދު މިރަދުނާއި އެއްކިހުނުފަން (އެއްބަނޑު އެއްބައްޕަ) ފިރިހެން ކޮއްކޯފުޅު ސްވަސްތީ ސްރީ ބުވަނާ ބަރަނަ ބޮޑު ރަސްގެފާނަށް ވެއްޖެ އެވެ. ރަސްކަލަކަށް ވީދުވަހުން ފެށިގެން މިރަދުނާއި އެއްކިހުނުފަން ( އެއްބަނޑު އެއްބައްޕަ) ދައިތާފުޅުގެ ދަރިކަލުން ސްވަސްތީ ސްރީ ދަރްމަނަންދަ ބޮޑު ރަސްގެފާނަށް ވެއްޖެ އެވެ. ރަސްކަލަކަށް ވީދުވަހުން ފެށިގެން ނުވައަހަރުން އެރަދުން ފުރައުއްތަވެއްޖެ ހިނދު އެރަދުނާއި އެއްކިހުނުފަން ( އެއްބަނޑު އެއްބައްޕަ) ފިރިހެން ކޮއްކޯފުޅަކީ މާތްވެގެންވާ ހަނދު ވަންހައިން ވަޑައިގަތް ރަތުރަންފަދަ އުޖާލާވެގެންވާ އެންމެންގެ މެދުގައި މަގުބޫލު ކަލަމިންޖާ އެވެ. (ކަލަމިންޖާއަކީ ހަތަރުމަތިފުށް ރަސްމަތިފުށު ބޭފުޅުންނަށް ކިޔޭ ނަމެކެވެ). ފުރިހަމަ އެއް ލައްކަ ޖަޒީރާތައް ރައްކާތެރިކުރައްވާ އެއްގޮތެއްގައި ހުންނަވާ މާތް ސާހިބާ އެވެ. ވަގުތުންޖެހޭ ކަންކަން ވަގުތުން ކޮށްދެއްވާ ފަނަރަވިލޭރޭގެ ހަނދެވެ. އެންމެންގެ ރުހުން ލިބިވަޑައިގަންނަވާފަދަ ސިފައާ ގޮތް ލިބިވަޑައިގެންފައިވާ ކަލަމިންޖާ އެވެ. ހުސްވުމެއްނެތް ޖަވާހިރުގެ ޚަޒާނާއެއް ފަދަ މަނިކުފާނު ވަނީ އެސްތަކުން ޖަރީވެފައިވާ ތާޖަކުން ޒީނަތްވެގެންނެވެ. ދިހަ ދަރިކޮޅުގެ ބާރު ލިބިވަޑައިގެންފައިވާ ކަލަމިންޖާގެ ވާހަކަފުޅު ދެއްކެވުން މޮޅުމީހުނާ ދެރަމީހުނާ ހަމަހަމަ އެވެ. ރަންމުތްތަކެއްފަދަ ރީތި ބަސްތަކަކުންނެވެ. ތަޢާރަފުކޮށް މި ދެންނެވި ކަލަމިންޖާގެ ރަސްކަން ފެށުނީ އެވެ. އެއީ މާތްވެގެންވާ ގަޑަނާއްދީއްތަ ބޮޑު ރަސްގެފާނެވެ...."

މި ބަސްތަކުގައި އެކުލެވިގެންވާ ތަރުޖަމާގެ އަސްލަކީ މަރުހޫމު ނެދުންގޭ އަލީ ނަޖީބުގެ ތަރުޖަމާއެވެ.

އާދެ އިސްވެ ދަންނަވާލެވުނު ފަދައިން މަތީގައި އެވަނީ ދަނބިދޫ ލޯމާފާނު ލިޔުއްވެވިއިރު ދިވެހި ރަސްކަމުގެ ތަޚުތުގައި ރެދަލިކުރެއްވި ސްރީމަތަ ގަޑަނާއްދީއްތަ މަހާރަދުންގެ ނަސަބުނާމާ އެވެ. ތިރީގައިވާ އެވަނީ ލޯމާފާނު ބުނާގޮތް ޗާޓެއްގެ ސިފައިގައި އަތުރާލާފަ އެވެ.

ސްރީމަތަ ގަޑަނާއްދީއްތަ މަހާރަދުންގެ ނަސަބުނާމާ


ގަޑަނާއްދީއްތަ ރަދުންގެ ނަސަބު ފައްޓަވާފައިވަނީ ސްވަސްތީ ސްރީ ސޯމަވަންސަ އާދިފަތި ސްރީ ތީމުގޭ މަހާބަރަނަ އޭ ކިޔުނު ރަސްކަލަކާ ހިސާބުންނެވެ. މިރަސްކަލެއްގެ ނަންފުޅާ މެދު ވިސްނާއިރު ފާހަގަކުރެވޭ އެންމެ މުހިންމު އެއް ނުކުތާއަކީ އޭގެ ފަހަށް ދެން ބަޔާންކޮށްފައިވާ ރަސްރަސްކަލުންގެ ތެރެއިން، ލޯމާފާނު ލިޔުއްވެވި ގަޑަނާއްދީއްތަ ރަދުން ފިޔަވާ އެހެން އެއްވެސް ރަސްކަލެއްގެ ނަންފުޅަށް އިތުރުކުރެވިފައި ނުވާވަރަށް މާތްކުރުމުގެ ގިނަ ނަންތަކެއް އެރަދުންނަށް އިތުރު ކުރެވިފައިވާކަމެވެ. އެކަން ދަލާލުކުރަނީ އެރަދުންގެ ޚާއްސަކަމެވެ. ހަމައެހެންމެ ދެވަނަ ކަމަކަށް ފާހަގަކުރެވޭ އަނެއްކަމަކީ އެރަދުން ފިޔަވާ، އާދެ މަހާބަރަނަ މާރަސުން ފިޔަވާ އެހެން އެއްވެސް ރަސްކަލެއްގެ ނަންފުޅާއި ވިދިގެން އެރަސްކަލެއްގެ ވަންހަޔާއި އެވަންހައިގެ ކޮން ގޮތްޕެއްކަން ބަޔާންކޮށްފައިނެތުމެވެ. މިކަމުންވެސް މި މަހާބަރަނަ ރަސްގެފާނަށް ވަކި ޚާއްސަކަމެއް ދީފައިވާކަން ދަލާލުއެބަކުރެ އެވެ.

މަހާބަރަނަ މާރަސުންގެ ނަންފުޅުގެ ކުރިޔަށް އިތުރުކުރެވިފައިވާ ބަސްތަކުގެ މާނަތަކަށް ވަކިވަކީން ބަލާލުމަކީ ވެސް މުހިންމުކަމެއްކަމުގައި ދެކެމެވެ. މިގޮތުން ބަލާލާއިރު

ސްވަސްތީ: މިބަހަކީ ކާމިޔާބާއި ކުރިއެރުމާއި ނަސީބުފަދަ މާނަތައް ދޭހަކުރާ ބަހެކެވެ. އަދި އެއީ ސަލާމުގެ މުރާދުގައިވެސް ބޭނުންކޮށްއުޅޭ ބަހެކެވެ.

ސްރީ: މިބަހަކީ މާތްކަމާ މަތިވެރިކަން ދޭހަކޮށްދިނުމުގެ ގޮތުން ބޭނުންކޮށްއުޅޭ ބަހެކެވެ.

ސޯމަވަންސަ: މީގެ މާނައަކީ ހަނދުވަންހަ ނުވަތަ ހަނދުގެ ދަރިފަސްކޮޅެވެ.

އާދިފަތި: މިބަހަކީ ސާސްކިރިތާއި ދްރަވީދާ ބަސްބަހުގައިވެސް ރަސްގެފާނު، ވެރިޔާ ނުވަތަ ސާހިބާ ފަދަ މާނަތައް ލިބިގެންވާ ބަހެކެވެ.

ސްވަސްތީ ސްރީ ސޯމަވަންސަ އާދިފަތި ސްރީ ތީމުގޭ ސްރީ މަހާބަރަނަ މާރަސުން: މި ޖުމްލައިގައި އެކުލެވޭ މައުނައަކީ ނަސީބާ ބާއްޖެވެރިކަމާ ސަލާމަތް ސިއްޙަތު ލިބިފައިވާ މާތްވެގެންވާ ހަނދުވަންހައިގެ ރަސްގެފާނު މާތްވެގެންވާ ތީމުގޭގެ މާތްވެގެންވާ މަހާބަރަނަ މަހާރަދުންނެވެ.

މަހާބަރަނަ ރަސްގެފާނަކީ ހަނދުވަންހައިގެ ތީމުގޭ ގޮފީގެ ރަސްކަލެއްކަން މި ޖުމުލައިން އެނގިގެންދެ އެވެ. ލޯމާފާނުގައި މި ދެންނެވި މަހާބަރަނަ ރަދުންނަށްވުރެ ކުރިޔަށް އިސްވެދިޔަ ރަސްރަސްކަލުންގެ ނަންފުޅުތައް ލިޔުއްވާފައި ނެތް ސަބަބާއި މެދު އެތައް ގޮތަކުން ވިސްނިދާނެއެވެ. މުއައްރިޚު މުޙައްމަދު އިބްރާހިމް ލުޠުފީ ވެސް އެކަމާމެދު އޭނާގެ ގައުލެއް ނެރުއްވާފައި ވެ އެވެ. ލުޠުފީވެސް ސުވާލެއްގެ ގޮތުން ދޫކުރައްވާފައިވަނީ މި މަހާބަރަނަ ރަސްގެ އަކީ ހަނދުވަންހައިގެ ތީމުގޭ ގޮފީގެ ރަސްކަން ފެއްޓެވި ރަސްގެފާނަށް ވެދާނެބާވައޭ އެވެ.

މިއީ އެކަން ހިނގާފައި އޮވެދާނެ މަގުކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެހެނީ މި ލޯމާފާނު ލިޔުއްވި ގަޑަނާއްދީއްތަ ރަދުންގެ ކުރިޔަށް މަހާބަރަނަ ރަސްގެފާނު ނޫން ރަސްރަސްކަލުން ތިއްބެވީކަމީ ޝައްކެއްނެތް މިންވަރަށް ސާބިތުވާން އޮތްކަމެކެވެ. ހަމައެހެންމެ އެ ރަސްރަސްކަލުންގެ ނަންފުޅުތައް އަމުދުން މި ލޯމާފާނު ލިޔުއްވި ޒަމާނުގައި އެނގެން އޮންނާނެކަމާއިމެދު ޝައްކެއްވެސްނެތެވެ. ކަންއޮތީ މިހެންކަމަށްވީއިރު ވެސް އެބޭބޭފުޅުންގެ ނަން ބަޔާންކޮށްފައި ނެތީ އެއީ ތީމުގޭ ރަސްރަސްކަލުންނާ ނަސަބުގެ ގޮތުން ގުޅުމެއް ނެތީމާކަމަށް ބެލެވުމުގެ ޖާގައެބައޮތެވެ. އަދި ހަނދުވަންހައިގެ ތީމުގޭ ގޮފީގެ ބާނީއަކީ މި "މަހާބަރަނަ" ކަމަށްވުމުން އެރަދުންގެ ނަންފުޅުން ފަށާފައިވަނީ އެވެ. އަދި މަތީގައިވެސް ދަންނަވާލެވިފައިވާނޭ ފަދައިން ލޯމާފާނުގައި މި މަހާބަރަނަ ރަސްގެފާނަށް ވަކި ޚާއްސަކަމެއްދީފައި އެ އޮތް އޮތުން މިބަހަށް މާބޮޑަށް އިޝާރާތް ކުރެ އެވެ.

ތެދުފުޅެކެވެ! ދެން މި މަހާބަރަނަ އަކާއި ދިވެހިންގެ ކޮއިމަލާކަލޯއާ އޮތްގުޅުމަކީ ކޮބައިހެއްޔެވެ؟ އަދި ރާދަވަޅި އެބުނާ ތީމުގޭ ކޮއިމަލާ ކަލޯ އަކީ މި މަހާބަރަނަ މަހާރަދުން ހެއްޔެވެ. ރާދަވަޅިޔާއި ލޯމާފާނުގައިވާ އިބާރާތްތަކުން ތީމުގޭ ކޮއިމަލާ ކަލޯ އޭ ކިޔުނު ބޭކަލަކީ ދިވެހި ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގެންނެވުމަށްފަހު "މަހާބަރަނަ" ކޮލީނަންފުޅެއްގެ ގޮތުގައި ޚިޔާރު ކުރެވިފައިވައި ފަރާތެވެ. އާދެ! ރާދަވަޅި ބުނާ ސްވަސްތީ ސްރީ ބާނާބާރުނަ މަހާރަދުންނަކީ ލޯމާފާނު ބުނާ މަހާބަރަނަ މާރަސުންނެވެ. އެއީ ފޯކުލޯރު ވާހަކައިގައި ވެސް ކިޔާ މަލެއްފަދަ ކޮއި، ކޮއިމަލާކަލޯއެވެ. ހަމައެހެންމެ އިސްވެ ބަޔާންކުރި ހުރިހާ ނުކުތާތަކުގެ އަލީގައި ދެންނެވެން އަންނަނީ މި ކޮއިމަލާކަލޯއަކީ ހަނދުވަންހައިގެ ތީމުގޭ ގޮފީގެ ބާނީކަމެވެ. އެއީ ކަލަބްހރާއިންގެ ބޭކަލެއްނޫނެވެ. އެއީ މުޅި މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ދެ ޝާހީ ދަރިކޮޅުގެ ތެރެއިން އެއް ދަރިކޮޅަށް މަތިފުށް އެއްލައިގެން ހުންނެވި ޝަޚުސިއްޔަތެކެވެ.

ދިވެހި މުއައްރިޚު މުހައްމަދު އިބްރާހިމް ލުޠުފީގެ ލިޔުއްވުންތަކުގައި ވެސް މަހާބަރަނަ މާރަސުންގެ ނަންފުޅަށް ކޮއިމަލާ އިތުރުކުރައްވާފައިވާތީ ފެނެ އެވެ. އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ ގޮތުގައި ލުޠުފީ އެހެން ޖައްސަވާފައިވަނީ ލުޠުފީއަށް ސީދާ އެނަންފުޅު އެގޮތަށް ފެނިވަޑައިގެންނެވެ. އެއީ އަމިއްލަ އިތުރު ކުރެއްވުމެއް ނޫނެވެ. ރަސްމީކޮށް ޗާޕުކުރެވިފައި އޮތީ ދެލޯމާފާނު ވިޔަސް އަދި ޗާޕުނުވެ ހުރި ބައެއް އެހެނިހެން ލޯމާފާނުތަކާ އެފަދަ މުސްކުޅި ލިޔުންތައް އެބަހުއްޓެވެ. އެފަދަ ލިޔުމަކުން ލުޠުފީއަށް އެނަން އެގޮތަށް ފެނިވަޑައިގަތުން ވަރަށް އެކަށީގެން ވެ އެވެ. ހަމައެހެންމެ އާއްމުކޮށް ޗާޕުކުރެވިފައިވާ އެއްވެސް ލިޔުމަކުން ފެނިފައިނުވާ ނަންފުޅެއް ވެސް ލުޠުފީ ބަޔާންކުރައްވާފައިއެބަ ވެ އެވެ. އެއީ ކޮއިމަލާކަލޯގެ މަންމާފުޅުގެ ނަންފުޅެވެ. ލުޠުފީ ލިޔުއްވަނީ

".... އެއީ ޝްރީ މަހާބަރަނަ ކެއިމަލެއި އެވެ. މި ރަދުންގެ މަންމައަކީ ޝްރީމަތީ ހަނދަ މާވާކިލަގެއެވެ. ބައްޕަގެ ނަމެއް އެނގޭކަށް ނެތެވެ..." (ފަތްތޫރަ / ލޯމާފާނު/ މުހައްމަދު އިބްރާހިމް ލުޠުފީ)

ވީމާ ޝްރީމަތީ ހަނދަ މާވާކިލަގެ ގެ ދަރިކަލުން ކޮއިމަލާ އެވެ. "މާވާ ކިލަގެ" މިއީ އިހުގައި އަންހެނުންނަށް ދީ އުޅުނު ކިލަގެ ކަމުގެ ތެރެއިން އެއް ކިލަގެކަމެވެ. އާއްމުކޮށް އިހުގައި މާވާކިލަގެ ކަން ދެއްވާފައި ހުންނަނީ ރަސްރަސްކަލުންގެ މަންމާފުޅުންނަށެވެ. އަދި ހަމަ އެހެންމެ މާވާކިލަގެ ކަމަކީ ކިލަގެ ބޭކަލުންގެ މަޖިލީހުގެ މެމްބަރެއްވެސްމެ އެވެ. އިހު އެވޭލާ ޒަމާނުގައި ދިވެހީންގެ ވެރިކަމުގެ އެއް ބާރަކީ ކިލަގެ ބޭކަލުންގެ މަޖިލީހެވެ. މި މަޖިލީހުގައި އަންހެނުން ތިން ކިލަގެ ވެސް ތިއްބަވާނެ އެވެ. އެއީ މާވާކިލަގެ އާއި ކަނބައިދި ކިލަގެ އާއި ރަނިކިލަގެ އެވެ.

އަދިވެސް ލުޠުފީގެ އެހެން ލިޔުއްވުމެއްގައި ވެ އެވެ.

".....ރާއްޖޭގެ ރަސްކަމުގައި ރެނދަލިކުރައްވަމުން ވަޑައިގަތީ ޝްރީ ތީމުގޭ މަހާބަރަނަ ކެއިމަލެއި (ޝްރީ ސޯމަވަންސަ މަހާރަދޮލު) ކަން ލޯމާފާނުތަކުން އެނގޭއިރު...." ( މުޚްތަސަރް ތާރީޚު ދީބާ މަހަލް / 37)

ސިލޯނުގެ ޕްރޮފެސަރު ޕަރަވިއްތަނަ ނެރުއްވާފައިވާ ނަޒަރިއްޔާ ހަނދާނަށް ގެންނަވާށެވެ. އޭނާގެ ނަޒަރިއްޔާގައި އެބުނުއްވާ ވާހަކަ އެތައް ގޮތަކުން ބާޠިލެވެ. ކަލަބްހރާއިންގެ މީހަކު އެތަން މިތަނުން އައިސް މިރާއްޖޭގެ ރަސްދަރިކަނބަލަކާއި ކައިވެނިފުޅު ބައްލަވައިގަނެގެން ރާއްޖޭގެ ރަސްކަމަށް އިސްވިކަމަށް ބުނާ ރަޢުޔަށް ވުރެ ބާރުގަދަ އެހެނިހެން ތާރީޚީ ދަލީލުތައް "ކޮއިމަލާ" އާއި ބެހޭގޮތުން އެބަ ފެނެ އެވެ. އަދި އެއީ ސިލޯނާއި މުޅި އިންޑިޔާގެ އެތަންމިތަނަށް ފެތުރިފައިވާ މަޝްހޫރު ހަނދުވަންހަ ދަރިކޮޅާ ގުޅޭ ބޭފުޅެއްކަން ސަރީޙަ އިބާރާތުން ލޯމާފާނުތަކުން އެނގެންވެސް އެބައޮތެވެ. ހަނދުވަންހަ ދަރިކޮޅުގެ ފެށުމާ ގުޅޭގޮތުން އެއްކަލަ މުސްކުޅި ޚުރާފީ މަހާބަހަރަތު ވާހަކައިގައި ދިގު ވާހަކަ ގަނޑެއް ކިޔަ އެވެ. އަދި މި ސަރަހައްދުގައި ހިމެނުނު އެތައް ގައުމެއްގެ ވެރިކަންތައް ނިސްބަތްކުރާ މުސްކުޅި ދެ ދަރިކޮޅުގެ ތެރެއިން އެއް ދަރިކޮޅަކީ ހަނދުވަންހަ އެވެ. އަނެއް ދަރިކޮޅަކީ އިރުވަންހަ އެވެ. އިރުވަންހައިގެ ދަރިކޮޅާއި ހަނދުވަންހައިގެ ދަރިކޮޅުތައްވަނީ އެތައް ގޮފިތަކަކަށް ބެހެވިގެންނެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި ދިވެހީންގެ ތެރޭގައި ވެސް އެވޭލާ ޒަމާނުގައި މި ކޮއިމަލާ ކަލޯ ގޮސް ގުޅެނީ ސޯމައިގެ ކޮން ދަރިއެއްގެ ދަރިޔަކާކަން ކިޔަމުން އައިސްފައިވާނެއެވެ. ޒަމާނާއެކު އެކަންކަން އުވިދިޔައީ އެވެ.

އާދެ ކޮއިމަލާކަލޯއަކީ ރާއްޖެ އިސްލާމުވުމުގެ ކުރީގައި ވެރިކަން ކުރެއްވި ރަސްކަލެކެވެ. މި ބޭކަލަކު ޖުމުލަ 21 އަހަރު ދިވެހި ތަޚުތު ފަޅުފިލުއްވެވި އެވެ. ކޮއިމަލާކަލޯ ސްވަސްތީ ސްރީ މަހާބަރަނައިގެ ނަންފުޅުގައި ދިވެހިރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގަތީ މީލާދުން 1121 ނޫނީ 1122 ވަނަ އަހަރު އެވެ. ރާއްޖެ އިސްލާމުވުމުގެ ވެސް ކުރީން ދިވެހި ތަޚުތައް އިސްވި މި ކޮއިމަލާ އާއި ގުޅޭ ވާހަކަ ދާދި އިހަށް ދުވަހާއި ހަމަޔަށް ދޫދޫމަތިން ނަގުލުކުރަމުން ގެނެސްފައި މިއޮތް އޮތުމާމެދު ކޮންމެ ތާރީޚު ޢިލްމުވެރިޔަކު ވެސް ވިސްނާލާނެއެވެ. ފާއިތުވެދިޔަ އެތައް ސަތޭކަ އަހަރެއް ތެރޭގައި ވެސް ފަނޑުނުވެ އެވާހަކަ ނަގުލުކުރަމުން އައިސްފައިވަނީ ކީއްވެކަމާމެދު ހަމަ ކޮންމެ ބޭފުޅަކުވެސް ފިކުރު ހިންގާން ޝައުގުވެރިވާނެ އެވެ. (ނުނިމޭ)