އެޑިޓަރުގެ ނޯޓް: މިއީ ރޭގެ ވަގުތެއްގައި ނިޔާވި، ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ މާދިހު އިސްމާއިލްގެ ހަނދާނުގައި، އޭނާއާ އެކު ގިޔާސުއްދީން ސްކޫލުގައި މަސައްކަތްކުރި މުދައްރިސް އަންވަރު އިބްރާހިމް 'އަދަދު' އަށް ލިޔުއްވާފައިވާ އޮބިއުޗަރީއެކެވެ. ފުޓްބޯޅަ އެސޯސިއޭޝަނާއި ކްރިކެޓް ބޯޑުގެ ކުރީގެ އިސް މެމްބަރު، މާދިހު ވަނީ ގިޔާސުއްދީން ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުން އެ ސްކޫލަށް ހިދުމަތްކުރައްވައިފަ އެވެ.
.......
އެކުވެރި މާދިހު އިސްމާއީލް (މާދިހު ސަރ) އަކީ އަޅުގަނޑުގެ ވެސް ގާތް އެކުވެރިއެކެވެ. އެ ގުޅުން ފެށުނީ މާދިހު ސަރ ގިޔާސުއްދީނާ ގުޅިވަޑައިގެން ހިސާބުންނެވެ. އޭރު މާދިހަކީ ދަރިވަރުންގެ ޕީއީ ޓީޗަރެކެވެ. އަޅުގަނޑަކީ ދިވެހި މާއްދާ ކިޔަވައިދޭ ޓީޗަރެކެވެ. ދެ މީހުންގެ ގުޅުން އުފެދި އިތުރަށް ބަދަހިވީ ދެ މީހުން ވެސް ދަރިވަރުންނާއެކު ޕީއީ ގަޑިތަކުގައި ބައިވެރިވުމުގެ ތެރެއިންނެވެ.
އަޅުގަނޑު ގިޔާސުއްދީންގެ ގްރޭޑް 9،8 އަދި 10 ށް ކިޔަވައި ދިން އިރު އެ ދަރިވަރުންގެ ޕީއީ ގަޑިތަކުގައި ބައެއް ފަހަރު އަމަލީ ގޮތުން ބައިވެރިވީމެވެ. އެގޮތުން ބައިވެރިވި ދުވަހެއްގައި މާދިހު ދެއްކެވި ވާހަކައެއް މިހާރު ވެސް ކަންފަތުގައި ހަރުލާފައި އެބަ ހުއްޓެވެ.
"އަންވަރެވެ. ބުނަން ހެއްޔެވެ؟ ދަރިވަރުންގެ ކޮންޓްރޯލް ހޯދުމަށް އަންވަރު ތި ކުރަނީ ވަރަށް ރަނގަޅު ކަމެއް. އެ ދަރިވަރުންގެ އުފާތަކުގައި ތި ގޮތަށް ކޮންމެ ޓީޗަރަކު ވެސް ބައިވެރިވާ ނަމަ ހުރިހާ ކަމެއްވެސް ހުންނާނީ ހައްލުވެފައި،"
ވަރަށް ގިނަ ދުވަސްދުވަހު ދަންފަޅީގެ އެންމެ ފަހު ގަޑި ހުސްކޮށް އޮތް ނަމަ މާދިހު ސަރ އާއެކު ކުޅިވަރު ގަޑިތަކުގައި އަޅުގަނޑު ބައިވެރިވީމެވެ. އެކަމުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނު އެއް ކަމަކީ ބޯޅަ ކޮންޓްރޯލް ކުރާފަދައިން މާދިހު ސަރ ދަރިވަރުން ވެސް ކޮންޓްރޯލު ކުރާކަމެވެ. އެ ގާބިލުކަން ހޯއްދަވައިގެން ހުންނެވިކަމެވެ. ދަރިވަރުންނާ ކިތަންމެ މަޖާކުރެއްވި ނަމަވެސް އެ ދަރިވަރުން ޖެހިލުންވާ ޖެހިލުންވުމެވެ. މާދިހު ސަރ އަތުން ދަރިވަރުންގެ ކަންފަތުގައި ނުހިފި ނަމަވެސް ގެންގުޅުއްވާ ކަށިގަނޑުގެ އަޑާއި މާދިހު ސަރގެ އަޑު ވެސް އެ ދަރިވަރުން ކަންފަތުގައި ހިފަ އެވެ. ދަރިވަރުން އަދަބުވެރި ކުރުވި އެވެ. މި ހަގީގަތް ގިޔާސުއްދީން ދަރިވަރުން ތަޖުރިބާކޮށްފައިވާނެ އެވެ.

ގިޔާސުއްދީނުގެ ކުޅިވަރު ޓީމަކަށް މާދިހު އިރުޝާދު ދެނީ. --ފޮޓޯ: އަންވަރު އިބްރާހީމް
އެހެން ހަނދާނެކެވެ. މަޒުމޫނު ލިޔުމުގެ ގައުމީ މުބާރަތަށް ދަރިވަރުން ތައްޔާރުކުރަމުން ދިޔަ ދުވަސްވަރެވެ. އާއްމުކޮށް ކޮންމެ ހުކުރު ދުވަހަކާއި ހޮނިހިރު ދުވަހެއްގެ ހެނދުނު ހަޔެއް ޖެހުމުގެ ކުރިން އެ ދަރިވަރުންގެ ޕްރެކްޓިސް ސްކޫލުގައި ބާއްވަމެވެ. އެއިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މާދިހު ސަރ އާ ދިމާވެ އެވެ. ހަމަ ފެނުމާއެކު ކޮބާ ސަޔަށް ހުރީ ކޮން އެއްޗެއްތޯ އައްސަވާނެ އެވެ. އެއީ އެ މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް ހާއްސަ ސައެއް އެ ދަރިވަރުންގެ ބެލެނިވެރީން އިންތިޒާމުކޮށްފައި އޮންނަކަން މާދިހު ސަރ އަށް އެނގިވަޑައިގަންނަވާތީ އެވެ. އެގޮތުން ވަރަށް ގިނަ ފަހަރު އެ ހަރަކާތުގައި މާދިހު ސަރ ބައިވެރިވެވަޑައިގަތެވެ. ދަރިވަރުންނާއެކު މަޖާކުރެއްވި އެވެ. އަދި ސައިގެ ކަންކަން އިންތިޒާމުކޮށްދެއްވުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވި އެވެ. މި ނުކުތާގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މާދިހު ސަރ އަކީ ވަރަށް ގިނަ ވަގުތު ސުކޫލުގައި ހޭދަކުރެއްވި ބޭއްފުޅެއްކަމެވެ. އެންމެ ހެނދުނާ ސްކޫލަށް ދިޔަ ނަމަވެސް އިރުއޮއްސޭ ވަގުތު ދިޔަ ނަމަވެސް މާދިހު ސަރ އާ ގިނަ ފަހަރު ދިމާވާކަމެވެ. އަދިވަރުންނާ ގުޅުންހުރި ކޮންމެ ކަމެއް ކުރައްވަން ޖެހިވަޑައިގަތަސް އެކަމަށް ތައްޔާރަށް ހުންނެވިކަމެވެ.
އެހެން ދުވަހެކެވެ. ހަމަ އަދަބީ ހަރަކާތެއްގެ ތެރެއިންނެވެ. ވާހަކަދެއްކުމުގެ ގައުމީ މުބާރަތަށް ތައްޔާރުވަމުން ދިޔަ ދަރިވަރުން ގޮވައިގެން ސްކޫލުގެ މިސްކިތަށް ނަމާދަށް ދިޔަ ދުވަހެކެވެ. އޭރު ބަންގީގެ އަޑުއިވެ އެވެ. މާދިހު ސަރ ވެސް އޮންނެވީ ވުޟޫކުރާށެވެ. ވުޟޫކޮށް ހަމަ ނިމުމާއެކު ސުވާލުކުރެއްވި އެވެ.
"ކޮބާ މިއަދު އިމާމަކަށް ހުންނާނީ ކޮން ކުއްޖެއް؟"
ދަރިވަރަކަށް އިޝާރާތްކޮށްލެއްވުމަށް ފަހު މިއަދު އިމާމަކަށް ހުންނާނީ އެ ދަރިވަރު ކަމަށް ވިދާޅުވި އެވެ. އެ ދަރިވަރަށް ވެސް ނޫނެކޭ ބުނާކަށް ނުކުރުނެވެ. އަޅުގަނޑާއި ދަރިވަރުން މިސްކިތަށް ވަންނަން ފެށުމުން އިހަށް މަޑުކޮށްލާށޭ ވިދާޅުވެ ސަރ އެތެރެއަށް ވެންނެވި އެވެ. އަދި އެތާ ހުރި ޝެލްޓެކްސް ފުޅި ނަގައި މިސްކިތަށް ޖަހައި މަދިރިތައް ހަންމަތަކޮށްލައި ދަރިވަރުންނަށް މުސައްލަ އަޅައިދީ ހެއްދެވުމަށް ފަހު އަޅުގަނޑުމެން ވެއްދި އެވެ. އެއަށް ފަހު ގަމަތްދެއްވައި އެއްކަލަ ދަރިވަރާ އިމާމުކަން ހަވާލުކުރެއްވި އެވެ. އެ ދުވަހު އަޅުގަނޑަށް ފާހަގަކުރެވުނު އެއް ކަމަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އުފެއްދުމަށް މާދިހު ސަރ ލޯބިކުރެއްވި ކަމެވެ. އަދި ނަމާދު ކުރެއްވުމަށް ސަރ ވެސް ލޯބިކުރެއްވި ކަމެވެ. އަޅުގަނޑަށް ފެނުނު މަންޒަރުތަކަށް ބަލާއިރު ގިޔާސުއްދީނުގައި ހުންނަ މިސްކިތާ އެންމެ ރައްޓެހި އެއް ބޭފުޅަކީ މާދިހު ސަރ އެވެ.

ގިޔާސުއްދީނުގެ މުވައްޒަފުންގެ ފުޓްސަލް ޓީމުގެ ގްރޫޕް ފޮޓޯއެއް. މާދިހު (މަތީ ބަރީގެ ވާތް ފަރާތުގައި). --ފޮޓޯ: އަންވަރު އިބްރާހީމް
މާދިހު ސަރގެ އެކުވެރިއަކަށް އަޅުގަނޑު ވީފަދައިން ސަރ އަކީ އަޅުގަނޑުގެ އަންހެނުންގެ ވެސް އެކުވެރިއެކެވެ. އަދި ސްކޫލުގެ ވަރަށް ގިނަ ޓީޗަރުންގެ ވަރަށް ލޯބިވާ އެކުވެރިއެކެވެ. އަޅުގަނޑާއި އަންހެނުން ގިޔާސުއްދީނާ ވަކިވި ފަހުން ވެސް ދޭތެރެދޭރެއިން މަގުމަތިން މާދިހު ސަރ އާ ބައްދަލުވެ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހާލުއަހުވާލު އައްސަވަ އެވެ. ހެއްވާ މަޖާ ވާހަކައެއް ވިދާޅުވެ އެވެ. އަޅުގަނޑާއި އަންހެނުންނާ އެކުގައި ރަނގަޅަށް ވާހަކަދައްކާލެވޭފަދަ ގޮތަކަށް މާދިހު ސަރ އެންމެ ފަހުން ދިމާވީ ހައްޖުގެ މަތިވެރި ބިމުން 2019 ވަނަ އަހަރެވެ. އެ ބިމުގައި ވެސް ސީދާ އަޅުގަނޑާއި އަންހެނުންނާ ބައްދަލުކޮށްލާން އަޅުގަނޑުމެން ތިބި ހޮޓަލަށް މާދިހު ސަރ ވަޑައިގަތެވެ. އެ ދުވަހު އެތައް ހަދިޔާއެއް އަޅުގަނޑުމެންނަށް ގެންނެވި އެވެ. އެތައް ވާހަކައެއް ދެ މީހުންނާ ދެއްކެވި އެވެ. އެހެން ގުރޫޕަކުން މާދިހު ސަރ ވަޑައިގެން ނަމަވެސް އަޅުގަނޑުމެން ބޭނުންވި ބައެއް ކަންތައްތައް ހައްލުކޮށްދެއްވި އެވެ. މި ކަމުގައި އަޅުގަނޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ މާދިހު ސަރ އަކީ އެ ބިމުގެ ވަރަށް ގިނަ ކަންކަން އޮންނަ ގޮތް ދެނެވަޑައިގެން ހުންނެވި ބޭފުޅެއްކަމެވެ. ކަންކަމުގެ އާޖުފާޖު އެގިވަޑައިގެން ހުންނެވި ތަޖުރިބާކާރެއްކަމެވެ. އެ ތަޖުރިބާ، މާދިހު ސަރގެ ޖަނާޒާއަށް ގޮސް ހުރި، ހައްޖާއި ޢުމްރާގެ ކަންކަމުގައި މާދިހު ސަރއާއެކު ހަރަކާތްތެރިވި ގުރޫޕެއްގެ އެކުވެރިއަކު އަޅުގަނޑާ ހިއްސާކުރެއްވި އެވެ.
"މި ލިބުނީ ގުރޫޕަށް އަދި މިކަމަށް ވަރަށް ބޮޑު ދެރައެއް. މާދިހަކީ އެ ބިމަށް ވަރަށް ފަރިތަ، ކަން ކުރަންވީ ގޮތް ދަންނަ މީހެއް. ފިސާރި ހީވާގިވާނެ. ފަސްޖެހިފައެއް ނުހުންނާނެ. ކޮންމެ ކަމެއްގައި ވެސް އިސްނަގާނެ. އެއްވެސް ވަރުބަލިވުމެއް ނުފެންނާނެ. އަހަރެމެން އަށް މީހުން ކުރާ މަސައްކަތް މާދިހު އެކަނި ވެސް ކުރާނެ،"
ހަގީގަތުގައި ވެސް ވަކިވެގެން އެ ދިޔައީ އަހުގުރި ހިދުމަތްތެރިއެކެވެ. މާދިހު ސަރ މަސައްކަތް ކުރެއްވި ކޮންމެ ތަނަކަށް ލިބިގެން އެ ދިޔައީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ހަގީގަތްތަކެއް އެބަ ހުއްޓެވެ. މާދިހަކީ ދީނަށް ލޯބިކުރެއްވި އަދި ކުޅިވަރުގެ ދަނޑުތަކުން އެ ލޯބި އާލާކުރެއްވުމަށް މަސައްކަތް ކުރެއްވި "އިމާމެއް" ކަމެވެ. ހަމަތަކާއި އުސޫލުތަކަށް ލޯބިކުރެއްވި އެކަން ދެމެހެއްޓުމަށް ބާރު އެޅުއްވި ނަސޭހަތްތެރިއެއް ކަމެވެ. ކަންކަމުގެ ޖޯޝާއި ފޯރި ނެރެދެއްވައި ކަންކަމުގައި މީހުން ބައިވެރިކުރުމުގެ ވިސްނުމާއި ބާރު ލިބިވަޑައިގެން ހުންނެވި މެނޭޖަރެއްކަމެވެ.
ގިޔާސުއްދީނުގައި އަޅުގަނޑު މަސައްކަތް ކުރި ދުވަސްވަރު، ދަރިވަރުންގެ ވަރަށް ގިނަ ހަރަކާތްތައް އަޅުގަނޑުގެ އަމިއްލަ ކެމަރާއިން ފޮޓޯ ނެގީމެވެ. އެ ކެމަރާގެ ލެންސަށް ބައެއް ފަހަރު މާދިހު ސަރ ވެސް އަރާފައި އެބަ ހުއްޓެވެ. އެއިން ކޮންމެ ފޮޓޯއެއް މިއަދު ބުނެދެނީ މާޒީއެވެ. މާދިހު ސަރގެ އިހުލާސްތެރިކަމާއި ރޭވުންތެރިކަމެވެ. ކަންކަމުގައި ހުންނަ ޖޯޝާއި ފޯރިއެވެ. ބައިވެރިވެ ވަޑައިގަތުމާއި ކަންކަމުގެ ހިއްސާ އެވެ. މާދިހު ސަރ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި! އާއިލާއަށް ކެތްތެރިކަން ދެއްވައި ދެ ދުނިޔެ ބާއްޖަވެރި ކުރައްވާށި! އާމީން







