ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަންދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް މިއަދު ބައެއް މެންބަރުން ހުށަހަޅައިފި އެވެ.
ބާރަ މެމްބަރުންގެ ސޮޔާއެކު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މިދިޔަ މެއި، 6، ގައި ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގެ ފަހަތުގައި ތިބި މީހުންނާއި ފަންޑުކުރި މީހުން ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެނައުން ދިގުލައިގެންފާތީ ކަންބޮޑުވާ ކަމަށެވެ.
ނަޝީދަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުގެ އިހުމާލު ބޮޑު ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ. އެގޮތުން ނަޝީދަށް ނުރައްކާ އޮތްކަން އެނގިތިބެ އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ފަންޑުކުރި ބަޔަކު ހޯދިފައިނުވާއިރު އެ ކަމުގެ ހަގީގަތް ގެއްލުވާލައި ޝައްކާ ވަހުމަށް ޖާގަ އުފެދޭގޮތަށް ކަމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ މީހުން ވާހަކަ ފަތުރަމުން ދާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި އެދިފައިވަނީ ދެ ކަމަކަށް ގައުމީ މަޖިލީހުން އިގުރާރުވުމަށެވެ. އެއީ އެ މައްސަލައިގެ ތަހުގީގު ހިނގާ ނުހިނގާގޮތް ޕާޓީގެ ފަރާތުން ގާތުން ބަލައި ފާރަވެރި ވުމަށެވެ. އަދި ނަޝީދަށް ދިން ހަމަލާގެ ކަންކަން ގާތުން ބެލުމަށް އެމްޑީޕީގެ ތެރޭގައި ކޮމެޓީއެއް ހެދުމަށް ވެސް ގަރާރުގައި ހިމަނާފައިވެ އެވެ.

އެ ކޮމެޓީ އެކުލަވާލުމަށް ހުށަހަޅާފައިވާ ގޮތް
- ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއް
- ނަޝީދު ކަނޑައަޅުއްވާ މެމްބަރެއް
- އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
- ރައީސް އޮފީހުގެ އެޑްވައިޒާ މުހައްމަދު ޝިހާބު
- އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް
އެކަމާ ގުޅޭގޮތުން ހަސަން ލަތީފް ވިދާޅުވީ އެ ގަރާރުގައި އެދިފައިވާ ކަންކަމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ ވީހާވެސް އަވަހަކަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިންގާ ގަވައިދުގައި ބުނަނީ 10 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދަކުން މީހުން އެދެފިނަމަ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަންޖެހޭނެ ކަމަށެވެ.
ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގައި ނަޝީދުގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާ އެވެ. މިހާރު ވެސް ހުންނެވީ ފަރުވާއަށް ޖަރުމަނުގަ އެވެ. ބޮން ގޮއްވި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.













