ކޮވިޑު ފެސިލިޓީގެ ދެރަވަރު ހާލަތުގެ ބަހުސް: ނިމުނީ އިލްޒާމުން!

ކޮވިޑު ގޯސްވުމާ ގުޅިގެން ތުހުމަތު ކުރީ އެއް ބަޔަކު އަނެއް ބަޔަކަށް. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

ކޮވިޑު ގޯސްވުމާ ގުޅިގެން ތުހުމަތު ކުރީ އެއް ބަޔަކު އަނެއް ބަޔަކަށް. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީއަކީ ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެންމެ އިސް މަރުކަޒެވެ.

އެކަމަކު މިހާރު މި ބަލިމަޑުކަން ރާއްޖޭގައި ގޯސްވެފައިވާ މިންވަރު އެންމެ ރަނގަޅަށް ސިފަވަނީ އެ ފެސިލިޓީގެ ނިކަމެތި ހާލަތުންނެވެ. ފެސިލިޓީގައި ކެއިން ބުއިމާއި ސާފުތާހިރުކަން ކުޑަވުމާއި އަޅާނުލާ ކަމުގެ ޝަކުވާތަކުންނެވެ.

އެތަނުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، އެ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާދެވޭނެ ސިއްހީ ހިދުމަތްތެރިން ނެތް ކަމުގެ ކަންބޮޑުވުން ބޮޑެވެ.

Advertisement

ވަރުބަލިވެ، މާޔޫސްކަންމަތީ ޑޮކްޓަރުންނާއި ހާއްސަކޮށް ނަރުހުން އެތަނުގައި މަސައްކަތްކުރަނީ ކަށިން ހިތްވަރު ނެރެގެންނެވެ.

އެ ފެސިލިޓީގެ ދެރަވަރު ހާލަތު މިއަދު ވަނީ މަޖިލީހުގެ ސަމާލުކަށް އައިސްފަ އެވެ.

އިދިކޮޅުގެ ފަރާތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މި މަހުގެ ތެރޭގައި ކޮވިޑު ބަލީގައި 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ނިސްބަތުން އުމުރުން ހަގު މީހުން ވެސް ހިމެނޭ ކަމަށެވެ.

އަދި އޭގެ ތެރެއިން ގިނަ މީހުން މަރުވީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ކަމަށްވާއިރު ފަރުވާދިނުމުގައި އުޅޭ ސިއްހީ ހިދުމަތްތެރިންނަށް ދަތިތަކެއް ކުރިމަތިވެފައިވޭތޯ ބަލައި، އެ ކަންކަން ހައްލުކުރަން އެޅޭނެ ފިޔަވަޅުތަކެއް ހުރިތޯ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ދިރާސާކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައި ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

ނަމަވެސް، އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ކުރިއަށްދިޔަ ބަހުސްގައި، އާއްމު އުސޫލުގެ ދަށުން ހައްސާސީ އެ މައްސަލައިގެ މިސްރާބު ވަނީ މުޅީން އެހެން ދިމާއަކަށް އެނބުރިގެން ގޮސްފަ އެވެ.

ކުރި ހަރަދުގެ ނަތީޖާއެއް ނުފެނޭ

އެ ބަހުސްގެ ކުރީކޮޅު ގިނައިން ވާހަކަ ދެއްކެވީ އިދިކޮޅު ކޯލިޝަން ތަމްސީލު ކުރެއްވި މެމްބަރުންނެވެ. އެ މެމްބަރުން ގޯސްކުރީ ސަރުކާރެވެ. އިންތިޒާމުގެ ދޯހަޅި ކަމެވެ. ސިޔާސަތުގެ ބަލިކަށިކަމެވެ. ބަލިމަޑުކަމުގެ ތެރެއިން ބިލިއަނުން ކުރި ހަރަދުން ނަތީޖާއެއް ނުފެންނަ ކަމުގެ ޝަކުވާ އެވެ.

އެގޮތުން، އެ މައްސަލަ ހުށަހެޅުއްވި ޝިޔާމް ވިދާޅުވީ ފެސިލިޓީގައި އެންމެ އާދައިގެ ބޭސް ވެސް ލިބެން ނެތް ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެތަނުގައި ތިބި ސިއްހީ ހިދުމަތްތެރިން ވަރުބަލިވެ، މުޅި ނިޒާމަށް ބުރޫ އަރާފައިވަނީ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

"ހިލޭ އެހީގެ ގޮތުގައި ވެސް އެތައް މިލިއަން ޑޮލަރެއް ލިބިފައިވާއިރު، ފެސިލިޓީގައި ވަސީލަތްތައް ހަމަނުވެ، އެތައް ރައްޔިތުންތަކެއް އަޅުގަނޑުމެންނާ ވަކިވެގެންދާއިރު ވަސީލަތްތައް ފުރިހަމަ ނުކޮށްދޭންވީ ކީއްވެގެންތޯ ރައްޔިތުން މިއަދު ސުވާލު އުފައްދައި،" ޝިޔާމް ވިދާޅުވި އެވެ.

ފަރެސްމާތޮޑަ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ ކޮވިޑުގެ ކޭހެއް ރާއްޖޭން ފެނުމުގެ ކުރިން ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން އެ ބަލީގެ ނުރައްކާތެރިކަމުގެ މައުލޫމާތު ރާއްޖެއާ ހިއްސާ ކުރަމުންދިޔަ ކަމަށެވެ.

ނަމަވެސް، ރާއްޖޭގައި ސިއްހީ ވަސީލަތްތައް މަދުކަން އެނގި ތިބެ، އެކަމަށް އެއްވެސް ފިޔަވަޅެއް އަޅަން ސަރުކާރުން ނުކެޅުދުނު ކަމަށާއި، މިއަދާ ހަމައަށް ވެސް އެ ވަސީލަތްތައް ހޯދިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ ހިލޭ އެހީގެ ދަށުން މިހާތަނަށް 700 މިލިއަނެއްހާ ޑޮލަރު ލިބުނުކަމަށް ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައިވާއިރު، އެ ފައިސާއިން ކުރެވުނީ ކޮން ކަމެއްތޯ ސުވާލު ކުރައްވައިފަ އެވެ.

އަތޮޅު ތެރޭގައި ވެސް ކޮވިޑު ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާއިރު، ބައްޔަށް ޓެސްޓު ކުރުމާއި ވެންޓިލޭޓަރާއި އައިސީޔޫ އެނދުތައް ވެސް ގާއިމްކޮށްދެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން މި ބުނަނީ ނަތީޖާ ސުމެކޭ. އަތްދޮވެފި، ކެތްކޮށްފި، މާސްކު ވެސް އަޅައިފި. އެހެން ނަމަވެސް ނަތީޖާ ސުމެއް،" ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

ސަރުކާރު ރަނގަޅު، ޒިންމާ ނަގަންޖެހޭނީ އިދިކޮޅުން

އިދިކޮޅު މެމްބަރުން އަމާޒުކުރި ފާޑުކިޔުންތަކުގެ ދިފާއުގައި އެމްޑީޕީގެ މެމްބަރުން ތެދުވެ، ރައްދު ދިނެވެ.

އެ މެމްބަރުން ފާހަގަކުރި ގޮތުގައި މި ހާލަތު ކުރިމަތިވެގެން އުޅެނީ މުޅި ދުނިޔެއަށެވެ. ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި މައްސަލަތަކަށް އެންމެ ފުރިހަމަ ހައްލެއް ހޯދުނު އެއްވެސް ގައުމެއް ނެތެވެ.

އޭގައި ސަރުކާރަށް ހެދުނު މާބޮޑު ގޯހެއް ނެތެވެ.

މިހާރު ރާއްޖޭ ތަހައްމަލު ކުރަމުންދާ ކޮވިޑުގެ ހަތަރު ވަނަ ރާޅުގައި ޒިންމާ އެ މެމްބަރުން އެޅުވީ އިދިކޮޅުގެ ބޮލުގަ އެވެ. އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވެ މުޒާހަރާ ކުރިކަމަށް ބުނެ އެވެ. އެހެންވީމާ މި މައްސަލަ ހުށަހެޅުމުގައި ވެސް އިދިކޮޅުގެ ނިޔަތާމެދު ސުވާލު އުފެއްދި އެވެ.

އެގޮތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ރާއްޖޭން ވެސް ފިޔަވަޅުތައް އެޅީ އަންދާޒާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ނަމަވެސް، މިއަދާ ހަމައަށް ވެސް ކުރިއެރުމެއް ލިބިފައިނުވަނީ ކޮވިޑުގެ އެކި ވޭރިއަންޓުތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ ރާއްޖެއަށް ވެސް މި ގޮންޖެހުންތައް ކުރިމަތިވާނެކަން. މިއީ އަޅުގަނޑުމެން ސިޔާސީ ބޮޑު މޫސުމަކަށް، ބޮޑު އީދަކަށް ހަދައިގެން އުޅެންޖެހޭ ދަނޑިވަޅެއް ނޫން،" އިދިކޮޅު ކޯލިޝަނަށް އިޝާރާތް ކުރައްވަމުން ވައްޑޭ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މި މިންވަރަށް ބަލި ކޮންޓްރޯލްކުރެވިފައިވަނީ ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުންކަމަށް ގަބޫލުކުރައްވައި ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މި ބަލިމަޑުކަމުން އަރައިގަނެވޭނެ ގޮތެއް އެއްވެސް ފޮތެއްގައި ލިޔެފައި ނެތް ކަމަށާއި، ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް ފިޔަވަޅުތައް އަޅަމުންދަނީ ކުރެވޭ ތަޖުރިބާތަކުގެ މައްޗަށް ކަމަށެވެ.

އެގޮތުން، ވިޔަފާރިތަކަށް ގެއްލުންތައް ލިބެމުންދާއިރު، ބަލި ފެތުރުން ކިރިޔާވެސް ރަނގަޅުވުމުން ފިޔަވަޅުތައް ލުއި ކުރަންޖެހުމަކީ ގަބޫލު ކުރެވޭ ކަމަށެވެ.

"އެހެންވީމާ މިހާރު ސަރުކާރުން އެޅި ފިޔަވަޅުތަކަށް އަޅުގަނޑު މަރުހަބާ ކިޔަން،" އިންތި ވިދާޅުވި އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ ކޮވިޑު ފެސިލިޓީގެ ހާލަތު ރަނގަޅު ކުރަން ކުރާ މަސައްކަތްތައް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް ސޯލިހު ހިއްސާކޮށްދެއްވުމުން މި މައްސަލަ ހުށަހަޅަން ލަސްވެއްޖެ ކަމަށެވެ.

އަދި މި މައްސަލަ އިދިކޮޅުގެ ފަރާތުން ޝިޔާމް ހުށަހެޅުއްވުމުން ހައިރާންވި ކަމަށް ހައިތަމް ވިދާޅުވި އެވެ.

"އިހަކަށް ދުވަހު މި ބޭފުޅުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންދިޔައީ ޕޮޒިޓިވްވިޔަސް މައްސަލައެއް ނެތޭ ކިޔާފައި. ދެން އެ ގޮތަކަށް ވެސް ގޮތް ދޫ ނުކުރައްވައި މި ކަހަލަ ކަންތައްތައް ކުރައްވާފައި ދެން މި ވިދާޅުވަނީ ކޮވިޑުގެ ކަންތައްތައް ބޮއްސުންލައިފިޔޭ،" ހައިތަމް

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވެސް ވިދާޅުވީ އެޗްޕީއޭގެ އެންގުތަކާ ހިލާފަށް މަގުތަކަށް އެއްވެ މުޒާހަރާކުރުމަށްފަހު ދެން މިހާލަތުގެ ވާހަކަ ދެއްކެން ނޯންނާނެ ކަމަށެވެ.

"މިކަމުގެ ޒިންމާ ސީދާ ޕީޕީއެމާއި ޕީއެންސީން ނަގަންޖެހޭނެ. އަޅުގަނޑު ދެކޭ ގޮތުގައި މަޖިލީހުގައި ތިއްބެވި އެ ކޯލިޝަނުގެ މެމްބަރުންނަކީ ޖަލުގައި ތިބެންޖެހޭ ބަޔެއް" އޭނާ ވިދާޅުވި އެވެ.

ހަސަން އަހުމަދު ވިދާޅުވީ އޭރު އިދިކޮޅުން މުޒާހަރާ ކުރުމުގެ ނަމުގައި މަސައްކަތްކުރީ ސަރުކާރު ބަދުނާމުކުރަން ކަމަށާއި އެކަމުގެ ޒިންމާ ސީދާ އިދިކޮޅުން ނަގަންޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox