ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ ރައްޔިތުންގެ އަތްމަތި ދަތިވެ ކުރިމަތިވެފައިވާ މި ހާލަތާ ގުޅިގެން ކަރަންޓާއި ފެން ބިލުން ބޮޑު ޕަސެންޓެއް ހެޔޮކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މިކަން އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ ގޭބީސީތަކުގެ ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް ހެޔޮވާނެ ކަމަށެވެ.
ވިޔަފާރިތަކުގެ ކަރަންޓާއި ފެން ބިލުން ކުޑަކުރަން ނިންމެވީ 20 ޕަސެންޓެވެ.
ރައީސް ޔަގީންކަން ދެއްވި ގޮތުގައި، ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމެއް ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ އެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިތަކަށް ލޯން ދޫކުރުމާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސްޓިމިއުލަސް ލޯންތަކެއް އަންނަ މަހު ފަށާން ވަނީ ނިންމައިފަ އެވެ. މި ލޯނަށް ކަނޑައަޅާފައިވާ 375 މިލިއަން ރުފިޔާ ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވިޔަފާރިތަކަށް ލޯނު ދޫކުރަނީ، ރައީސް ވިދާޅުވި ގޮތުގައި، ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ނަގާ 20 މިލިއަން ޔޫރޯގެ ލޯނަކުންނެވެ. މިއީ ދިގު މުއްދަތުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާ ލޯނެއް ކަމަށް ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލޯން ދޫކުރަނީ ޖިމާއި ސެލޫންތަކާއި ކެފޭ، ރެސްޓޯރަންޓް ފަދަ ހިދުމަތްތަކަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑު ފެތުރެން ފެށި ފަހުން މި މަހަކީ ރާއްޖެއަށް އެންމެ ހިތްދަތި ކަންތައްތަކަކާ ކުރިމަތިލާން ޖެހުނު މަސް ކަަމަށެވެ. މި މަހު ބަލި ބޮޑުވީ ކޮންޓްރޯލްކުރެވިފައި އޮތުމަށް ފަހުގައި ކަން ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސްއާ އެކު ޑރ. ނަޒްލާ މުސްތަފާ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ރައީސް އޮފީސް
މިހެން ދިމާވުމުގައި، އެޕްރީލް މަހުގެ ކުރީކޮޅު ދިން ލުއިތަކާއި ރާއްޖޭގެ ދަތުރުފަތުރަށް ލުއި ދިނުމާއި މާލޭގައި ވެސް ލުއި ދިނުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މަހު އެކަނި ވެސް 28،600 މީހުން ޕޮޒިޓިވްވެ 71 މީހަކު މަރުވެފައިވެ އެވެ. މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ހިސާބުތަކާ އެއްވަރަށް މި މަހު އެކަނި މީހުން މަރުވުމަކީ ކަންބޮޑުވުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެކަމަކު ރާއްޖޭގެ ހާލަތު ގޯސްވެފައި އޮތުމުން އަނެއްކާވެސް ސިއްހީ ހިދުމަތްތެރިންނަށް ބުރަބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮވިޑުގައި އިތުރު ފިޔަވަޅުތަކެއް އަޅައި މާދަމާ އިން ފެށިގެން ތަންފީޒުކުރަން ނިންމީ، މިހާރު އޮތް ގޯސް ހާލަތަށް ވުރެން ބޮޑުވަރުވިޔަ ނުދިނުމަށެވެ. މީހުން ބޭރު ތެރޭގައި އުޅުން ކޮންޓްރޯލްކުރަން މާދަމާ އިން ފެށިގެން އަޅާ ފިޔަވަޅުތަކަށް ތަބާވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"މި ފިޔަވަޅުތައް އަޅަން ފެށުމާ އެކު ބައެއް ދަތިތައް ކުރިމަތިވާނެ. ހާއްސަކޮށް ކުދި ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެނީ ބަލިން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ކަަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ އަމިއްލަ ފަރާތްތަކުން ވެެސް ސަރުކާރަށް އެއްބާރުލުން ދިނުން،" ރައީސް ވިދާޅުވި އެވެ.
މި ފިޔަވަޅުތަކަށް ރަނގަޅަށް ތަބާވެ ރަނގަޅަށް ތަންފީޒުވާ ނަމަ މާ ގިނަ ދުވަހެއް ނުވެ ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަަމަށް ރައީސް ވިދާޅުވި އެވެ.












