ލަންޑަން (މެއި 25) - ޓޮޓެންހަމް ހޮޓްސްޕާސް އިން އާާ ކޯޗެއް ގެންނަން ކުރާ މަސައްކަތުގައި އެ ޓީމުގައި ކުރިން އެންމެ ރަނގަޅަށް މަސައްކަތްކުރި އެއް ކޯޗު ކަމަށްވާ މައުރީސިއޯ ޕޮޗެޓީނޯ އަލުން ގެންނަން އެ ކްލަބްގެ ބޯޑު މެމްބަރުންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ކުރިން އެސްޕަންޔޯލާއި ސައުތެމްޓަނަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ޓޮޓެންހަމާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. ފަސް އަހަރު އެ ޓީމަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ޓޮޓެންހަމް ކޯޗުކަމުން ވަކިކުރީ 2019 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ.
ޕޮޗެޓީނޯ ހުރިއިރު، ޓޮޓެންހަމަށް އިނގިރޭސި ގަދަ ހަތަރަކުން ފުރުސަތު ހޯދައިދީ އަހަރުން އަހަރަށް އެ ޓީމު ޑިވެލޮޕްކޮށްދިނެވެ. އެ ކްލަބްގައި ރަނގަޅު ޓީމެއް އެކުލަވާލުމާއި އާ ސްޓޭޑިއަމެއް އަޅައި ކްލަބްގެ މިސްރާބު ބަދަލުކޮށްލުމުގެ ބޮޑު ކްރެޑިޓެއް ޕޮޗެޓީނޯ އަށް ހައްގުވެ އެވެ.
އެކަމަކު ކްލަބް ދެން އޮތް ލެވެލަށް ގެންދަން ޕޮޗެޓީނޯ އަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ތަށްޓެއްގައި އަތްލުމުގެ ނަސީބު ނުލިބުމެވެ. ހަރަދެއް ނުކުރާ ސީޒަނެއްގައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިންތާ ހަ މަަސް ފަހުން ވަޒީފާ ގެއްލުނީ އެވެ.
މިިދިޔަ ޖެނުއަރީ މަހު ޕީއެސްޖީގެ ކޯޗުކަމާ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވި ޕޮޗެޓީނޯ އަށް ފްރެންޗް ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ހޯދައިނުދެވުމުން އެ ޓީމުގައި ޕޮޗެޓީނޯ އަށް ދެމިހުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ޕޮޗެޓީނޯ ވަކިކުރި ފަހުން ޓޮޓެންހަމާ ހަވާލުވީ ހޯސޭ މޮރީނިއޯ އެވެ. ބޮޑު ހަރަދުތަކެއް ކޮށްގެން ވެސް މޮރީނިއޯ އަށް ޓޮޓެންހަމް ބޭނުންވާ މިސްރާބަށް ނުގެންދެވި އެންމެ ފަހުން ޕްރެޝަރު ބޮޑުވެގެން މިދިޔަ މަހު ވަނީ މަގާމުން ވަކިވެފަ އެވެ. މޮރީނިއޯ ދޫކޮށްލައި މި ސީޒަނުގެ ނިޔަލަށް ޓޮޓެންހަމް ކޯޗުކަން ހަވާލުކުރީ ޔޫތު ކޯޗު ރަޔާން މޭސަންއާ އެވެ.
އާ ކޯޗެއް ހޯދަން ޓޮޓެންހަމުން ކުރި މަސައްކަތުގައި މިހާތަނަށް އަލި މަގެއް ނުފެނެ އެވެ. އެ ޓީމުން ބެލީ އާރްބީ ލައިޕްޒިގުން ވަކިވެ ބަޔާން މިއުނިކަށް ބަދަލުވާން ނިންމި ހޫލިއަން ނާގަލްސްމަން އާއި އަަޔަކްސްގެ އެރިކް ޓެން ހާގާއި ލެސްޓާގެ ބްރެންޑަން ރޮޖާސް އަދި ޔުވެންޓަސްގެ ކުރީގެ ކޯޗު މެސިމޯ އަލެގްރީ ތެރެއިން ކޯޗެއް ގެންނާށެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އޭގެއިން ކޯޗެއް ޓޮޓެންހަމަށް އަންނަން ބޭނުންނުވީ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ޕޮޗެޓީނޯ ގެނެވޭތޯ ޓޮޓެންހަމުން މަސައްކަތް ފަށާނެ އެވެ. ވަޒީފާއެއް ނެތި ހުރިއިރު ޕޮޗެޓީނޯ މީގެ ކުރިން ވަނީ ޓޮޓެންހަމްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އަދިވެސް އެބަހުރި ކަމަށް ބުނެފަ އެވެ.












