ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް 11 ދުވަސް ވެފައިވާއިރު މަޖިލީހަށާއި، ސަރުކާރުގެ އިތުރުން އެމްޑީޕީއަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަރުގަދަ ސުވާލުތަކެއް މިއަދު އަމާޒު ކުރައްވައިފި އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހަޅާ މައްސަލައިގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކޮށްގެން ކުރިއަށް ގެންދިޔަ ބަހުސްގައި އެމްޑީޕީއަށް ނިސްބަތްވާ ވައްޑޭ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ރީނދޫ ޓައި އަޅައިގެން އެމްޑީޕީ މެމްބަރުން އެ ހަމަލާ ކުށްވެރި ކޮށް ކޮށް ތިބީ ކަމަށެވެ.
ގައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ވަގުތުން ވަގުތަށް ވަޒީރުން މަޖިލީހަށް ހާޒިރުކުރުވައިގެން މައުލޫމާތު ސާފުކުރާކަން ފާހަގަކުރައްވައި ވައްޑޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ މައުލޫމާތު ސާފުކުރަން މަޖިލިސް ނުކުޅެދިފައިވާ ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ މި ތަހުގީގުގެ މައުލޫމާތު. މިވެގެން އުޅޭ ކަންތަކުގެ ބިރުވެރިކަމުގެ ސާފު ސާދާ މައުލޫމާތު ވަގުތުން ވަގުތަށް ހޯދައި ރައްޔިތުންނަށް ފޯރުކޮށްދިނުން،" ހަރުއަޑުން ވައްޑޭ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވާ އެމަނިކުފާނުގެ ސެކިޔުރިޓީ ވަރުގަދަކޮށްފައިވަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު، މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖިީދީ މަގުގައި އެންމެ މީހުން ގިނަ ވަގުތު ބޮމެއް ގޮއްވާލައިގެން ހަމަލާ ދެވުމަކީ ލަދު ގަންނަންޖެހޭ ކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ވައްޑޭ ވިދާޅުވި ގޮތުގައި ގައުމުގައި ހިނގައިގެން މިއުޅެނީ އާދައިގެ ކަމެއް ނޫން ކަމަށާއި، އެކަމާ ގުޅޭ ސާފު ތެދު މައުލޫމާތު މިއަށް ވުރެ ބޮޑަށް މަޖިލީހަށް ހޯދޭނެ ކަމަށެވެ.
ވަރަށް ޖޯޝުގައި ދެއްކެވި ވާހަކަތަކުގައި އޭނާ ވަނީ އިންޓެލިޖެންސްގެ އޮޑިޓު ހަދަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އިތުރުން ޔާމީން ރަޝީދު މަރާލަން މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކަށް އިޝާރާތް ކުރައްވައި، ވައްޑޭ ވިދާޅުވީ އެކަންކަން ތަހުގީގުކުރާތާ އެތައް އަހަރެއްވެފައިވާއިރު، ރައްޔިތުންނަށް އަދިވެސް އެކަމުގެ ކޮޅެއް މެދެއް ވެސް ނޭނގޭ ކަމަށެވެ.
"މިކަން ދެން އެގޮތަށް ވެގެން ގޮސްފިއްޔާ މިގައުމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. މާތްކަލާކޯ މިކަން އެގޮތަށް ވެގެން ގޮސްފިއްޔާ މިގައުމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. އަޅުގަނޑުމެން ނަފްސަށާ އެކީ ލަދުވެތި ކަމާއެކީ މި ވާހަކަ މި ދައްކަނީ،" ވައްޑޭ ވިދާޅުވި އެވެ.
އެއާއެކު ތަޅުމުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް އަތުން އިޝާރާތް ކުރައްވައި ވައްޑޭ ވަނީ ރައީސް ނަޝީދަށް މިވަރުގެ އަނިޔާއެއް ދީގެން އުޅޭއިރު އެމްޑީޕީ ކޮބައިތޯ އައްސަވައިފަ އެވެ.
"އެމްޑީޕީއަކަށް މި ގައުމަކަށް މިއަށް ވުރެ ބޮޑު އިހުތިޖާޖެއް ކުރަންޖެހޭ ހާލަތެއް ނާންނާނެ. މިއަށް ވުރެ ބޮޑަށް މުޒާހަރާ ކުރަންޖެހޭ ހާލަތެއް ނާންނާނެ. އަޅުގަނޑު އެމްޑީޕީގެ މެމްބަރުންނަށް ގޮވާލަން އިހުތިޖާޖަށް ނުކުންނަވާށޭ. މިކަން ސާފު ވަންދެން. މިކަން ކޮޅެއްގައި ޖެހެންދެން،" ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި ވައްޑޭ ގޮވާލެއްވި އެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވީ ރާއްޖޭގައި އެންމެ މަތީ ސެކިޔުރިޓީ ދޭ ބޭފުޅަކަށް މަޖީދީ މަގުގެ މެދުގައި ހަމަލާ ދިނުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި، މަޖިލީހުގައި ބާއްވައިގެން މިއުޅެނީ ތައުބީނުގެ ޖަލްސާއެއް ނޫން ކަމަށެވެ.
"މިފަހަރު އެމަނިކުފާނު ގަދަވެގެން އެނބުރި އަޔަސް، ދެން މިކަން ނުބެލި، ފިޔަވަޅު ނޭޅިއްޖެ ނަމަ ދެން އެމަނިކުފާނަށް ދޭ ހަމަލާއެއްގައި އެމަނިކުފނު ލައިގެން ހުރި ހެދުންކޮޅުގެ ރޮދި ފަށެއް ވެސް އަޅުގަނޑުމެންނަށް އަތުވާނެ ކަމެއް،" ވައްޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިއަދު މިކަމާ ގުޅިގެން ކަން ކުރާ ގޮތް ތާރީހުގައި ލިޔެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ ޕްރޭ ފޮ ޕްރެޒިޑެންޓް ނަޝީދު. މިސް ޔޫ ޕްރެޒިޑެންޓް ނަޝީދު. ހައު އާ ޔޫ ޕްރެޒިޑެންޓް ނަޝީދު. ދުއާ ކުރަންޖެހޭނެ އެކަމަކު ދުއާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭކަމެއް އެއީ މަސައްކަތް ކުރުން. ކޮންކަމެއް ހޭ ވީ 11 ދުވަސް ވީއިރު؟" އެ ސުވާލު އެކި ފަހަރު މަތިން ތަކުރާރުކުރައްވަމުން ވައްޑޭ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށްފަހު އެމަނިކުފާނު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ގެންގޮސްފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ބޮންގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
އެ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސެކިޔުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގެއް މަޖިލީހުން ހިންގަން މިހާރު ވަނީ ނިންމައިފަ އެވެ.












