ބާމިންހަމް (މެއި 16) - ފަހު ސިކުންތުގެ ތެރޭގައި ގޯލްކީޕަރު އެލިސަން ބެކާ ބޮލުން ޖެހި ގޯލުން 2-1 އިން ވެސްޓް ބްރޮމް ބަލިކޮށް ލިވަޕޫލުން ގަދަ ހަތަރެއްގައި ލީގު ނިންމާލުމުގެ އަމިއްލަ ބާރު ދަމަހައްޓައިފި އެވެ.
މި މޮޅާ އެކު ލިވަޕޫލް ވަނީ ގަދަ ހަތަރަކާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. ލިވަޕޫލް ފަސް ވަނައިގައި އޮތީ 36 މެޗުން 63 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ޗެލްސީ އޮތީ 36 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ލެސްޓާ ސިޓީ ތިން ވަނައިގައި އޮތީ 36 މެޗުން 66 ޕޮއިންޓާ އެކު އެވެ. އަންގާރަ ދުވަހުގެރޭ ޗެލްސީ ދަނޑުގައި ބައްދަލުކުރާނީ ލެސްޓާއާ އެވެ.
ރެލިގޭޓްވެފައިވާ ވެސްޓް ބްރޮމް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގީ ވެސް އެ ޓީމުންނެެވެ. މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ވޭލްސްގެ ފޯވާޑް ހަލް ރޮބްސަން-ކާނޫ އެވެ. ނަތީޖާ ހަމަހަމަކުރަން ލިވަޕޫލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 33 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން މި ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާތެރެއިން ލިވަޕޫލަށް ލީޑުނަގައިދޭން ރޮބާޓޯ ފިރްމީނޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ވެސްޓް ބްރޮމް އިން ދެ ވަނަ ހާފުގައި ކައިލް ބާޓްލީގެ ގޯލުން އަލުން ލީޑުނެގި އެވެ. އެކަމަކު 70 ވަނަ މިނިޓްގައި ބާޓްލީ ޖެހި މި ގޯލު ބަލައިނުގަންނަން ރެފްރީ ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. އެއީ ކީޕަރު އެލިސަން އަށް ވެސްޓް ބްރޮމްގެ މެޓް ފިލިޕްސް ހުރަސް އެޅި ކަމަށް ބަލައިފަ އެވެ.
ލިވަޕޫލް މޮޅުކޮށްދޭން އަލެކްސަންޑަ އާނޯލްޑް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖިނީ ވައިނަލްޑަމް ޖެހި ބޯޅަތައް ގޯލާ ސީދާނުވެ ދިޔައިރު، ތިއާގޯ އަލްކަންޓާރާ ޖެހި ޝޮޓް ވެސްޓް ބްރޮމްގެ ގޯލްކީޕަރު ސޭމް ޖޯންސްޓޯން ވަނީ މަތަކޮށްފަ އެވެ.
މެޗު އެއްވަރުވެގެން ނިމޭނެ ކަމަށް ބެލެވިފައިވަނިކޮށް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ވެސް ފަހު މިނިޓްގައި ލިބުނު ކޯނަރަކުން ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ނަގައިދިން ބޯޅަ އެލިސަން ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ގޯލު އެލިސަން ޖެހުމާ އެކު ލިވަޕޫލްގެ ކުޅުންތެރިން އޭނާ ވަށާލައި ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް އާއި އެލިސަން މެޗަށް ފަހު ބައްދާލަނީ.-- ފޮޓޯ: އޭއެފްޕީ
މިއީ ލިވަޕޫލްގެ ދިގު ތާރީހުގައި އެ ޓީމުގެ ގޯލްކީޕަރަކު މެޗެއްގެ ތެރެއިން ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މެޗަށް ފަހު ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އެލިސަން ބުނީ ފާއިތުވި އަހަރެއްހާ ދުވަހަކީ ދަނޑު މަތީގަޔާއި އަމިއްލަ ދިރިއުޅުމުގައި ގިނަ ކަންތައްތަކެއް ދިމާވި ދުވަސްތަކެއް ކަމަށެވެ. އަދި އެލިސަން ވަނީ މި ގޯލު މިދިޔަ ފެބްރުއަރީ މަހު މަރުވި އޭނާގެ ބައްޕަ އާއި އޭނާގެ އާއިލާ އަށް ހާއްސަކޮށްފަ އެވެ.
"މި ކަހަލަ ވަގުތުތައް ބުނެވޭ ބަސްތަކުން ކިޔައިދެވޭނެ ހެން ހިއެއްނުވޭ. މިއީ އަހަންނަށް ވަރަށް ޖަޒުބާތީ ވަގުތު ކޮޅެއް. އަހަރެން ބޭނުންވީ ފަހު ވަގުތު ވެސް ޓީމަށް އެހީތެރިވެދޭން. ފުޓްބޯޅަ އަކީ އަހަރެންގެ ދިރިއުުޅުން. މިއީ އަހަންނަށް ވެސް އަހަރެން އާއިލާ އަށް ވެސް މި ޓީމަށް ވެސް ވަރަށް ހާއްސަ ވަގުތެއް،" 2018 ވަނަ އަހަރު ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވި އެލިސަން ބުންޏެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ގަދަ ހަތަރެއްގައި ނިންމާލަން އެ ޓީމުން ކުރާ މަސައްކަތުގައި މިއީ ވަރަށް ހާއްސަ ތިން ޕޮއިންޓަށް ވާނެ ކަމަށާއި މި މޮޅު ހާއްސަވާ އެންމެ ބޮޑު ސަބަބަކީ އެލިސަންގެ ފަރާތުން އެ ފެނުނު އާދަޔާ ހިލާފު ގޯލު ކަމަށެވެ.
"މިއީ އަހަރެން ވެސް އަލަށް ފުޓްބޯޅައިގައި ތަޖުރިބާކުރާ ކަމެއް. މިއީ އެލިސަން ނެގި ރިސްކެއް،" ކްލޮޕް ބުންޏެވެ.
ވެސްޓް ބްރޮމްގެ ކޯޗު ސޭމް އެލަޑައިސް ބުނީ އޭނާގެ ޓީމުން ޖެހި ދެ ވަނަ ގޯލު ބަލައިނުގަންނަން ނިންމި ސަަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ލިވަޕޫލުން މޮޅުވާން ކުރި މަސައްކަތް ބަލައިގަންނަ ކަމަށާއި އެކަމަކު ރެފްރީގެ އެ ނިންމުމުގެ ސަބަބުން މެޗުގެ ނަތީޖާ އަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށް އެލަޑައިސް ބުންޏެެވެ.
ލީގުގައި މިރޭ ވުލްވްސް އަތުން 2-0 އިން މޮޅުވެ ޓޮޓެންހަމް ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތް ވަނައިގައި އޮތް ވެސްޓް ހޭމާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމަށް ވެސް 36 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ޓޮޓެންހަމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.












