ވެރިކަންކުރާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް އޮތް ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު މި ދަނޑިވަޅުގައި ބޭއްވުމާ މެދު ވިސްނަން މެމްބަރުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެދިވަޑައިގެންފި އެވެ.
މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާކުރުމަށް ޒޫމް މެދުވެރިކޮށް މިރޭ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ މައުލޫމާތު ހިއްސާކޮށް ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މި ދަނޑިވަޅަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް ތައްޔާރުވަމުންދާ ދަނޑިވަޅަކަށްވާއިރު، އެފަދަ އިންތިހާބުތަކާއެކު ވާދަވެރިކަން އަބަދުވެސް ބޮޑުވެގެންދާ ކަމަށެވެ.
ނަމަވެސް، ޕާޓީގެ ރައީސަށް ދެވުނު ހަމަލާއާއެކު މި ވަގުތަކީ ޕާޓީގެ ބަދަހިކަމަށް ވަރަށް މުހިއްމު ވަގުތެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެހެންކަމުން މި އިންތިހާބު މިވަގުތު ބޭއްވުމާމެދު އަޅުގަނޑުމެން އެންމެން ވިސްނާލުން ބުއްދިވެރިކަމަށް ވެސް އަޅުގަނޑު ދެކެން،" މި މަހުގެ 29 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް އީޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"އެންމެ ނުރައްކާތެރި" ޓެރަރިސްޓު ހަމަލާގެ ތަހުގީގާ މެދު ހިތްހަމަޖެހޭ
މިރޭގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގާއި ހޯދިފައިވާ ކުރިއެރުންތައް ގައުމީ މަޖިލީހާ ހިއްސާކޮށްދެއްވައިފަ އެވެ.
މިގޮތުން، ބޮން ގޮއްވާލި މީހާއި، އެ ހަމަލާގައި ސީދާ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުން މިހާރު ވެސް ގެންދަނީ ކަމާގުޅުން ހުރި ފަރާތްތަކާއި ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އަދި ތަހުގީގާ ގުޅޭ މައުލޫމާތުތައް ޕޮލިސް ކޮމިޝަނަރު ގެންދަވަނީ ވަގުތުން ވަގުތަށް އެމަނިކުފާނާ ހިއްސާކުރައްވަމުން ކަމަށާއި، މަޖިލީހުގެ 241 ކޮމިޓީއާ ވެސް ކޮންމެ 24 ގަޑިއިރަކުން ތަހުގީގު މައުލޫމާތު ހިއްސާ ކުރެވެމުންދާ ކަމަށެވެ.
ރައީސް މިރޭ ވިދާޅުވި ގޮތުގައި، ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު ކުރެވެމުންދާ ތަހުގީގުގައި ޕްރެސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ ހާއްސަ ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަދި މި މައްސަލައިގައި ޝަރީއަތަށް ވަޑައިގަންނަވާނީ ސީދާ ޕީޖީ ކަމަށް ވަނީ ވިދާޅުވެފަ،" ރައީސް ހާމަކުރެއްވި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ ގޮތުގައި ސިފަކުރައްވަމުން، ފުރިހަމަ ތަހުގީގެއްގެ ތެރެއިން މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ހައްޔަރުކޮށް އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ރިޕޯޓު ލިބިއްޖެ
ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ނެޝަނަލް ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އެދިވަޑައިގެންނެވި ވާހަކަ ރައީސް ސޯލިހު މިރޭ ތަކުރާރު ކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ގަބޫލު ކުރެއްވޭ ގޮތުގައި އިންޓެލިޖެންސް މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި ސަލާމަތީ ކަންކަން ވެސް މިހާރަށް ވުރެ ރަނގަޅުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ފަރާތުން ސެކިއުރިޓީ ފޯރުކޮށްދޭ ހުރިހާ ފަރާތްތަކެއްގެ ސެކިޔުރިޓީ ރޭވިފައިވާ ގޮތުގެ ރިޕޯޓެއް ހެދުމަށް ވެސް ސިފައިންނާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.
"އެމްއެންޑީއެފުން ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބަލަހައްޓަމުން ގެންދިޔަ ގޮތާ ގުޅޭ ތަފްސީލީ ރިޕޯޓެއް އަޅުގަނޑަށް މިހާރު ވަނީ ލިބިފަ،" އޭގެ ތަފްސީލެއް ނުދެއްވާ އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ހިތްވަރަށް ބަދަލެއް ނާދޭ
ރައީސް ނަޝީދުގެ ހާލުބެއްލެވުމަށް މިއަދު އޭޑީކޭއަށް ރައީސް ސޯލިހު ވަޑައިގެންފައިވާއިރު، ނަޝީދާ ބައްދަލުވެ ދެކެވުނު ވާހަކަތައް ވެސް އެމަނިކުފާނު މިރޭ ވަނީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ކޮންމެވެސް ވަރަކަށް ހިއްސާ ކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، މިއަދު ބައްދަލުވުން އަމިއްލަ ވާހަކަތަކާއި ބައެއް އެހެން ވާހަކަތައް ވެސް ދެކުވުނު ކަމަށެވެ.
"އަޅުގަނޑަށް ފާހަގަވީ ރައީސް ނަޝީދުގެ ހިތްވަރާއި އަޒުމަށް ކުޑަވެސް ބަދަލެއް ނާންނަކަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ޓެރަރިސްޓުންނަށް ގައުމުގެ ހަމަޖެހުން ނަގާލަން ފުރުސަތެއް ނެތް
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ޓެރަރިސްޓު ހަމަލާތަކުގެ ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ގައުމުގެ އަމަން އަމާންކަން ނަގާލައި، ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމެވެ.
"އެމްޑީޕީއަކުން އެކަން ވިޔަކަ ނުދޭނެ. މި ސަރުކާރުން އެކަން އެގޮތަށް ކުރާކަށް ފުރުސަތެއް ވެސް ނުދޭނެ. އަދި މިޕާޓީގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހަކުން ވެސް އެފަދަ އަމަލުތަކަށް ޖާގައެއް ނުދޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އިންސާފަށް ލޯބިކުރާ، ސުލްހަ މަސަލަސްކަމަށް ތާއީދުކުރާ ޕާޓީއެއް ކަމަށާއި އެއީ އެއްވެސް ޒަމާނެއްގައި ބަދަލެއް އަންނާނެ ސިޔާސަތެއް ނޫން ކަމަށެވެ.
އަދި މިއީ ކުރިއަށް ވުރެ އަޑު ހަރުކޮށް، އާ ހިތްވަރަކާއެކު ތެދުވަންވީ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.













