މަތީގައި އެވާ ސުރުހީ ކިޔާލާފައި ހިތަށް އަރާފާނެ އެވެ. ދިވެއްސަކަށް ނުވާ ދިވެހިން އުޅޭ ހެއްޔެވެ؟ އެއެއް ނޭގެ އެވެ. އެނގޭ ކަމަކީ އޭނާ އަކީ ދިވެއްސެއް ނޫން ކަމެވެ. އެކަމަކު އުމުރުގެ ބޮޑުބައި ހޭދަކުރީ ދިވެހިންގެ ވަޒީފާގައި ދިވެހިންގެ ހިދުމަތުގައި ކަމެވެ. ދިވެހި ބަހުން ލިޔަން، ކިޔަން، ވާހަކަދައްކާން އެނގޭ ކަމެވެ. އޭނާގެ ގިނައީ ދިވެހި ރަށްޓެހިން ކަމެވެ. ދިވެހި ސަރުކާރުގެ ޕެންޝަން އޭނާ އަށް ލިބިފައިވާ ކަމެވެ. އެހެންވެ ދިވެއްސަކަށް ނުވިޔަސް ދިވެއްސެއްގެ ލަގަބު އޭނާ އަށް ހައްގުވަނީ އެވެ.
އެއީ މީގެ ބައިގަރުނެއްހާ ދުވަސް ކުރިން، އުމުރުން 17 އަހަރުގައި ދިވެހިރާއްޖެ އާއި ދިވެހީންނަށް ހިތްދޫކޮށްލި ގޮތަށް، މިއަދާ ހަމައަށް އެ ގޮތުގައި ހުރި، ސްރީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި މަސައްކަތްކުރަމުން އަންނަ ލަންކާގެ ރައްޔިތެއް ކަމަށްވާ އެލްވީ ތިލަކަރަތުނެ އެވެ.
ދިވެހިންނާ އޭނާގެ ގުޅުމުގެ ފެށުމަކީ، 1970 ގެ އަހަރުތަކުގެ ކުރީކޮޅު ކޮޅުނބުގައި ހުންނަ ދިވެހި ސަރުކާރުގެ ގެޔެއް ކަމަށްވާ ސޯސަން ވިލާ އަށް ކުދިކުދި މަސައްކަތުގައި ގޮސް އުޅުމެވެ. އެތަނުން ވިޔަފާރިވެރިޔާ ކެނެރީ އަބްދުއްސައްތާރާ ގުޅުން އުފެދި، ސައްތާރު ޕާމަންކަޑައިން ބައްލަވައިގެންނެވި ގެޔެއްގެ މަސައްކަތަށް އޭނާ ގެންދިޔަ އެވެ.
އަދި ސައްތާރާއި ސިއްކަ އަހުމަދު އިސްމާއިލް މަނިކު އޭރު ހިންގަވަމުން ގެންދެވި ޓޫރިޒަމް ވިޔަފާރި ކުންފުނި ސަފާރީ ޓުއާސްގެ ވަޒީފާއަކަށް 1974 ވަނަ ތިލަކަ ރާއްޖެ ގެނަ އެވެ. އެ ކުންފުނީގެ ރިސޯޓްތަކާއި ފިހާރަތަކުގައި އޭނާ ނުވަ އަހަރު މަސައްކަތްކުރުމަށް ފަހު 1983 ވަނަ އަހަރު މީހަކާ އިނުމަށް އެނބުރި ލަންކާ އަށް ދިޔަ އެވެ. ސަފާރީ ޓުއާސް އިން އެދުނީ އަންހެނުން ގޮވައިގެން މާލެ އައުމަށާއި ދެމަފިރިންނަށް އެކޮމަޑޭޝަން ހަމަޖައްސައިދޭނެ ކަމަށެވެ.
އެކަމަކު އަންހެނުން މާލޭގައި ބަހައްޓާފައި ރިޒޯޓް ވަޒީފާ އަށް ދާން ތިލަކަ ހިތްހަމަނުޖެހޭތީ އިހަށް މަޑުކޮށްލައިގެން ހުރީ އެވެ. އެ ހުރި ހުރުމުގައި ވެސް ސަފާރީ ޓުއާސްގެ ލަންކާ އޭޖެންޓް، ސިލޯން ޓުއާސް މެދުވެރިކޮށް ތިލަކަ އަށް އެ ކުންފުނިން އައީ މުސާރަ ދެމުންނެވެ.
ތިލަކަ ވަކި ގޮތެއް ނުނިންމާ، ކޮޅުނބުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ކައުންސެލަރަކަށް އޭރު ހުންނެވި އަހުމަދު އަބްދުﷲ އޭނާ ގާތު އެދިވަޑައިގަތީ ހައި ކޮމިޝަނުގެ ވަޒީފާއަކަށް އައުމަށެވެ. އޭރު ހައި ކޮމިޝަނުގެ އެންމެ ބޮޑު އެއް ޒިންމާ އަކީ ސަރުކާރުން ފޮނުވާ ބަލި މީހުންގެ ވެލްފެއާ ބެލެހެއްޓުމެވެ. އެހެންވެ ދިވެހި ދަންނަ ލަންކާ މީހަކު އެތަނުގެ ވަޒީފާގައި ހުރެއްޖެ ނަމަ ފަސޭހަ ވާނެ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ލަފާ ދެއްވި ކަމަށް ވިދާޅުވެ ތިލަކަ އެ ވަޒީފާ އަށް ގެނެވޭތޯ އަހުމަދު އަބްދުﷲ ވަރަށް ބޮޑަށް މަސައްކަތްކުރެއްވި އެވެ.

ތިލަކަ (ވ-2) އަހުމަދު އަބްދުﷲ އާއެކު.
ސަފާރީ ޓުއާސްގެ ވަޒީފާ ވެސް އޮތުމުން ތިލަކަ ހުރީ ހައި ކޮމިޝަނުގެ ވަޒީފާ ގަބޫލުކުރުމާ މެދު ދެ ފިކުރެއްގަ އެވެ. އެކަމަކު އަހުމަދު އަބްދުﷲ ތިން ފަހަރެއްގެ މަތިން އޭނާގެ ގާތު އެދުމާ އެކު އެ ވަޒީފާ ގަބޫލުކުރި އެވެ. އަނެއް ސަބަބަކީ އޭނާގެ ގޭގެ މައްސަލައެއް އޭރު ކޯޓުގައި އޮތުމުން، ލަންކާގައި ހުންނަން ވެސް ޖެހުމެވެ. ސަފާރީ ޓުއާސް އިން ލިބެމުން ދިޔަ މުސާރައާ ބަލާއިރު ކުޑަކުޑަ މުސާރައަކަށް އޭނާ 1984 ވަނަ އަހަރު ހައި ކޮމިޝަނާ ގުޅުނީ ވެލްފެއާ އެސިސްޓަންޓަކަށެވެ.
އެއީ ލަންކާގައި ދާހިލީ ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރުކަމުން ތަމަޅައިންގެ ހަމަލާއެއްގެ ބިރުވެރިކަން އޮތުމުން ދިވެހީން އެކަނި އެއާޕޯޓުން އައުމަށާއި ދިއުމަށް ޖެހިލުންވެ އެވެ. އެހެންވެ އަހުމަދު އަބްދުﷲ އެދިވަޑައިގަތީ ސަރުކާރުގެ ހަވާލުގައި ލަންކާ އަށް ދާ ދިވެހިންނާ އެކު ތިލަކަ އެއާޕޯޓަށް ދިއުމަށެވެ. އަދި ވީއައިޕީން ވަޑައިގަންނަވާއިރާއި ފުރުއްވާއިރު އެއާޕޯޓުން ކަންކަން ހަމަޖައްސައިދިނުމާއި މާލޭން ފޮނުވާ އެއާ މެއިލާއި ކާގޯ ކްލިއާކުރުމުގެ މަސައްކަތާ އޭނާ ހަވާލުވި އެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ވެސް ދިވެހިންގެ ކަމެއްގައި އޭނާ އެއާޕޯޓަށް ނުދާ ދުވަހެއް މަދުވާނެ އެވެ. ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓާއި ކޮޅުނބު ގުޅުވައިދޭ އެކްސްޕްރެސްވޭ 2013 ވަނަ އަހަރު ހުޅުވުމުން އެއާޕޯޓް ދަތުރުކުރުވި ނަމަވެސް، އޭގެ ކުރިން އޭނާ އެއާޕޯޓަށް ދިއުމަށް ކަޑައްތު ކުރަން ޖެހެނީ ދިގު ފޫހި ރާސްތާއެކެވެ. ބައެއް ދުވަސް ދުވަހު ދެ ތިން ފަހަރަށް ވެސް ދާން ޖެހެ އެވެ.
"އެއާޕޯޓުން އައިސް ގެޔަށް ނުވަދެ އަނެއްކާ އެއާޕޯޓަށް ދާން ޖެހިފައި ވެސް ހުންނާނެ،" އޭނާ ބުންޏެވެ.
"އެމްބެސެޑަރުން ގަބޫލުނުވާނެ އެހެން މީހަކު ދާކަށް."

ތިލަކަ (ވ) އޭނާއާ އެކު ހައި ކޮމިޝަނުގައި މަސައްކަތްކުރި ކުރީގެ ނޫސްވެރިޔާ މުހައްމަދު ޝަހީބާ އެކު ލަންކާ އެއާޕޯޓުގައި.
އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ލަންކާގައި ދިވެހިންނަށް ޖެހުނު ތަކުލީފުތަކާއި ދަތި އުދަނގޫތަކުގައި އެންމެ ގާތުގައި އަބަދުވެސް ހުންނަ އެކަކީ އޭނާ އެވެ. ނޮވެމްބަރު 3، 1988 ގައި ބާގީން މާލެ އަރައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކޮޅުނބު ހައި ކޮމިޝަނުގައި އޭނާ ހަފުތާއެއްހާ ދުވަހު ފާރައަށް ހުއްޓެވެ.
"އެ ދުވަހު ފަތިހު އަހުމަދު އަބްދުﷲ ގުޅުއްވާފައި ވިދާޅުވީ، ވަރަށް އާޖެންޓޭ އަންނާށޭ. އަޅުގަނޑު މޫނު ވެސް ނުދޮވެ ވަގުތުން ދިޔައީ،" ތިލަކަ ކިޔައިދިނެވެ.
ތިލަކަ ދިއުމުން، ތަމަޅަ ބަޔަކު މާލެ އަރައިގެން އުޅޭ ކަމުގެ ހަބަރު ދެއްވައި އަހުމަދު އަބްދުﷲ އެދިވަޑައިގަތީ އެމްބަސީ ގޭޓު ތަޅުލާފައި ތަޅުދަނޑި އޭނާގެ އަތުގައި ބޭއްވުމަށެވެ. އެ ދުވަހު ދިޔަ ގޮތަށް ތިލަކަ ހަފުތާއެއް ވަންދެން ހައި ކޮމިޝަނުގައި އުޅުނެވެ. ނިދީ ތަޅުންގަނޑު މަތީގަ އެވެ.
ރާއްޖެއާ ގުޅުން ހުރި އުފާވެރި އެތައް ކަމެއް ވެސް ތިލަކަ ތަޖުރިބާކުރި އެވެ. ހާއްސަކޮށް ކޮޅުނބުގެ ފަސްގަނޑުގައި ރާއްޖެ ފުޓްބޯޅައިން ހޯދި ބޮޑެތި ކާމިޔާބީތަކުގަ އެވެ. އެގޮތުން 1991 ގެ ސާފް ގޭމްސް އިން ރިހި މެޑަލް ހޯދިއިރާއި 2008 ގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދިއިރު އަދި 2012 ވަނަ އަހަރު މަހިންދަ ރާޖަޕަކްސަ މުބާރާތް ޒުވާން ޓީމު ހޯދިއިރު، ރާއްޖޭގެ ޓީމުގެ އެތެރޭގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވި އެވެ.
"އަޅުގަނޑު ވެގެންދިޔައީ އެމްބަސީގެ އޯލްރައުންޑަކަށް،" ތިލަކަ ބުންޏެވެ.
ތެދެކެވެ. އޭނާ ނުކުރާ ކަމެއް މަދުވާނެ އެވެ. ދިވެހިންގެ މައްސަލަތަކުގައި ތަރުޖަމާނެއްގެ ގޮތުން ކޯޓަށް ގޮސްފައި ވެސް ހުންނާނެ އެވެ. ބައެއް ބޮޑެތި ބޭފުޅުން ބޭހަށް ވަޑައިގަތީމާ އެހީތެރިއެއްގެ ގޮތުގައި ޑޮކްޓަރަށް ވެސް ދެ އެވެ.
"އެހެން މީހަކު ގޮވައިގެން ދާން އެ ބޭފުޅުން ހިތްހަމަނުޖެހޭނެ،" ތިލަކަ ބުންޏެވެ.
ދިވެހިން ވެސް އޭނާއާ މެދު ދެކެނީ އެހާމެ ގާތްކޮށެވެ. ހާއްސަކޮށް ރައީސް މައުމޫން އަބްދުލް ގައްޔޫމް އޭނާއާ ގާތް ގުޅުމެއް ބޭއްވެވި އެވެ. ތިލަކަ އަށް 2006 ގައި ދިވެހި ސަރުކާރުގެ ފުރަތަމަ ޕެންޝަން ހަމަޖައްސައިދެއްވީ ވެސް ސީދާ ރައީސް މައުމޫން އެކަމާ އުޅުއްވައިގެންނެވެ.
"ރައީސް މައުމޫނަކީ ވަރަށް ހެޔޮ ބޭފުޅެއް. މެޑަމް ނަސްރީނާ ހާދަ ރަނގަޅޭ،" ތިލަކަ ބުންޏެވެ.

ތިލަކަ (ވ) 1980 ގެ އަހަރުތަކުގެ ކުރީކޮޅު ރައީސް ނަޝީދު (ކ) އާ އެކު.
މައުމޫނުގެ ފަހުން ރައީސްކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދަކީ ވެސް ތިލަކައިގެ ހަޔާތުގައި ހާއްސަ ބޭފުޅެކެވެ. ނަޝީދުގެ ބައްޕަ ކެނެރީ ސައްތާރުގެ ވަޒީފާގައި ތިލަކަ ހުރިއިރު، ނަޝީދު ހުންނެވީ ލަންކާގައި ކިޔަވާވިދާޅުވާށެވެ. އޭރު އެމަނިކުފާނާ އެކު ތިލަކަ ޕިކްނިކް ގޮސް ހެއްދެވި އެވެ. ފަހުން ރައީސްގެ މަގާމަށް ނަޝީދު ވަޑައިގެން ލަންކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި، ހިދުމަތުގައި ތިލަކަ ހުންނެވި އެވެ.
"ރައީސް ނަޝީދުއާ ކުޑައިރުއްސުރެ ގާތްކަން އޮވޭ،" ތިލަކަ ބުންޏެވެ.
އެ ބޭފުޅުންނާ ތިލަކަ ގުޅުން ބާއްވަވަ އެވެ. ދަތުރުވަރެއްގައި މާލެ އައިސްފި ނަމަ ފުރަތަމަ ވެސް މިސްރާބު ޖަހަނީ އެ ބޭފުޅުންގެ އަރިހަށް ޒިޔާރަތްކުރެއްވުމަށެވެ.
"މާލެ ދިޔައިއްޔާ ހޮޓަލަށް ގޮސް ފެންވަރާލައިގެން ފުރަތަމަ ދަނީ އަހުމަދު އަބްދުﷲ މެން ގެޔަށް. ދެން ކެނެރީގެއަށް (ސައްތާރާ އަރިހަށް). އޭގެ ފަހުން ދީފުރަމްއާގެ (ސިއްކަ އަރިހަށް). ހާދަ ހެޔޮ ބޭފުޅުންނޭ އެއީ،" ތިލަކަ، 64، ބުންޏެވެ.
"ދިވެހިންނަކީ ވަރަށް ހެޔޮ ބަޔެއް."
އެ ހެޔޮކަމަށް ނިމުމެއް ގެންނަން ތިލަކަ ބޭނުމެއް ނުވެ އެވެ. ތިން ކުދިން ބޮޑުވެ ވަޒީފާތަކުގައި ތިބުމާ އެކު ޒިންމާތަކުން ވީއްލިގެން ގޭގައި ހުރެވެން މިއަދު އޮތަސް ރިޓަޔާކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ބޭނުންވަނީ ދިވެހިރާއްޖެއާ އޭނާއާ އޮތް ގުޅުން ރަމްޒުވާނެހެން، ދިވެހީންގެ ހިދުމަތުގައި އަބަދު އުޅޭށެވެ.
ތިލަކައާ އެކު ހައި ކޮމިޝަނުގައި ވަޒީފާއަދާކުރި، މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް ބުނީ ތެދެކެވެ؛ ތިލަކައާ ބެހޭ ގޮތުން ދިވެހި ބަހުން ލިޔާ މި ލިޔުން ކިޔަން އޭނާ އަށް ތަރުޖަމާނެއްގެ އެހީއެއް ބޭނުމެއް ނުވާނެ އެވެ. އެއީ މި ގައުމާ އޭނާއާ އޮތް ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެކެވެ. ދިވެއްސަކަށް ނުވި ނަމަވެސް އޭނާ ދިވެއްސަކަށް ވަނީ އެހެންވެ އެވެ.








