ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީ އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ފާސްކޮށްފައިވާއިރު، އެ ބިލަށް ތާއީދުކުރުމާ މެދު މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ، އެކަމަށް ވަކި ގޮތެއް ނުނިންމުނެވެ.
އާއްމު ސިއްހަތުގެ ގާނޫނު މިހާރު ބުނާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައަޅަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން ހެލްތު މިނިސްޓަރެވެ. އަދި މިހާރު ގާނޫނު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސް ކުރާކަށް ނުޖެހެ އެވެ.
ރައީސް އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން ފާސްކުރަން ޖެހޭއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފާސް ކުރަން ނުޖެހޭތީ އޭރު ވެސް މަޖިލީހުގެ މެމްބަރުން ގެންދެވީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ރާއްޖެ އޮތީ އެފަދަ ހާލަތެއްގައި ނޫން ކަމަށް ބުނެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެހެންވެ އާއްމު ސިއްހަތުގެ ގާނޫނަށް މިދިޔަ އަހަރުގެ ޖުލައި މަހު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ. އިސްލާހުތަކެއް އެ ގާނޫނަށް ގެންނަން ޖުޑީޝަރީ ކޮމެޓީން ފާސްކޮށް މިދިޔަ ބުދަ ދުވަހު ވަނީ ތަޅުމަށް ފޮނުވައިފަ އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިއަދު ތާވަލުކުރެވިފައިވާއިރު، އެޖެންޑާގައި ހިމެނިފައިވާ ކަންކަމާ މެދު ގޮތެއް ނިންމުމަށް ރޭ ވަނީ އެމްޑީޕީ ޕީޖީގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އާއްމު ސިއްހަތުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތައް ޖުޑީޝަރީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވެސް މާދަމާއަށް އެޖެންޑާކޮށްފައިވާއިރު، އެނގިފައިވާ ގޮތުގައި ރޭގެ ބައްދަލުވުމުގައި އެކަމާ މެދު މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފަ އެވެ.
އެނގިފައިވާ ގޮތުގައި، އެ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ރޭގެ ބައްދަލުވުން ވަނީ ހޫނުވެސްވެފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެމްބަރަކު ނަން ހާމަނުކުރުމަށް އެދިވަޑައިގެން "އަދަދު" އަށް ވިދާޅުވީ، މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުމުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމަށް މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް ބާއްވަން ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް، އެކަމަށް ނެގުނު ވޯޓު ނިމުނީ އަގުލަބިއްޔަތު ނުލިބި އެއްވަރުވެގެން ކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުން، ސިއްހީ ކުއްލި ހާލަތު ދެމެހެއްޓެމުގެ ބާރު މަޖިލީހަށް ނަގާ ގޮތަށް ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތަށް ތާއީދުކުރުމަށް ވެސް ވަކި ގޮތެއް ނުނިންމުނެވެ.
މުޅި މައްސަލައާ ގުޅިގެން މެމްބަރުން ދެކަފިވެފައިވަނިކޮށް ނެގުނު ވޯޓު ވެސް ނިމުނީ ވަކި ކޮޅަކަށް އަގުލަބިއްޔަތު ނުލިބި އެއްވަރުވެގެންނެވެ.
އާއްމުކޮށް ވޯޓު އެއްވަރުވުމުން ރިޔާސަތަށް ވޯޓު ދިނުމުގެ ފުރުސަތު ލިބުނު ނަމަވެސް، ރިޔާސަތުގައި އިންނެވި ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް އެއްވެސް ކޮޅަކަށް ވޯޓު ދެއްވަން ބޭނުންނުވި ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
ނަމަވެސް، އާޒިމް ވޯޓު ނުދެއްވި ސަބަބެއް އެ މެމްބަރު ވެސް ސީދާ ވިދާޅެއް ނުވެ އެވެ.
އަދި އާޒިމް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ސާފުވާ ގޮތެއް ނުވި އެވެ.
ރޭގެ ބައްދަލުވުމުގައި ވަކި ގޮތެއް ނިންމިފައިނުވާތީ، މިއަދުގެ ޖަލްސާގައި އާއްމު ސިއްހަތުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކަށް ވޯޓަށް އަހައިފި ނަމަ، އެ އަނބުރާ ކޮމިޓީއަށް ފޮނުވާލުމުގެ ފުރުސަތު ބޮޑެވެ.
މަޖިލީހުން ފާސް ކުރަން ޖެހޭ ކުއްލި ނުރައްކަލުގެ ހާލަތުތަކުގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހިމަނަން މަސައްކަތް ފެށުމުން ސިއްހީ ތަޖުރިބާކާރުން އޭރުވެސް ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ފަންނީ ކަމެއްގެ ތެރެއަށް މަޖިލީހުން ވަނުން ކަމަށް ސިއްހީ ބައެއް ތަޖުރިބާކާރުން ގަބާލުކުރެ އެވެ.












