ސަރުކާރުން މިއަހަރު ވިއްކަން ނިންމާފައިވާ ސުކޫކުގެ ތެރެއިން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ސުކޫކު ވިއްކައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވިއްކި 100 މިލިއަން ޑޮލަރުގެ ސުކޫކަކީ މި އަހަރަށް ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް ވިއްކަން ނިންމާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކުގެ ބަޔެކެވެ.
އައިސީޑީ މެދުވެރިކޮށް ވިއްކަން ހަމަޖެއްސި 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށް، އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ބޭނުންވެ އެވެ.
އެ އެސްޕީވީ ހެދުމަށްޓަކައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ޓްރާންސްފާ ކުރަންޖެހޭތީ، އެކަމަށް ހެލްތު މިނިސްޓްރީގެ ދަށުގައި އޮތް ދަރުމަވަންތަ ހޮސްޕިޓަލު ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރަން ސަރުކާރުން ނިންމި އެވެ.
އެއާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކޮށްގެން ދަރަނި ނަގާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އިސްވެ އަންނަނީ ކުރަމުންނެވެ.

އެ ވާހަކަތައް ދޮގުކޮށް ސަރުކާރުން ދާދި ފަހުން ބުނެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލު އެއްވެސް ހާލެއްގައި ރަހުނު ކުރެވެނީ ނޫން ކަމަށާއި، ސުކޫކަށް ފައިސާ ދައްކަން ބޭނުންކުރާނީ އެތަނުން ލިބޭ ފައިދާ ކަމަށެވެ.
އަދި އެ ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ވެސް، އެ ހޮސްޕިޓަލުގެ މިލްކުވެރިކަން ބޭރުގެ ފަރާތެއްގެ އަތް މައްޗަށް ނުދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.
ދަރުމަވަންތަ ރަހުނުކޮށްގެން ވިއްކާ ސުކޫކުގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ވަނީ 200 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކައިފަ އެވެ.
އެ ސުކޫކުން ލިބުނު ފައިސާ ބޭނުންކޮށްފައިވަނީ ކުރީގެ ސަރުކާރުގައި ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑު އަންނަ އަހަރު މެޗުއާވާތީ، އެ ބޮންޑު އަދާ ކުރުމަށެވެ.
އެގޮތުން، ސުކޫކު ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން މިހާތަނަށް 191 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
ރޮއިޓާޒް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި މިދިޔަ މަހު ވިއްކި ސުކޫކުގެ ޓާމްސްއާ އެއްގޮތަށް "ޓެޕް" އިޝޫ އެއްގެ ގޮތުގައި 100 މިލިއަން ޑޮލަރު ސުކޫކު ވިއްކާފައިވަނީ ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށް 10.50 ޕަސަންޓު އިންޓަރެސްޓް ރޭޓެއްގައި ކަމަށެވެ.
ދައުލަތުގެ ދަރަނި އިތުރުވުމާމެދު ބޭރުގެ މާލީ އިދާރާތަކުން ކަންބޮޑުވުންފާޅު ކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 86.5 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.
އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީގެ 148 ޕަސަންޓެވެ.












