ހުޅުމާލޭގައި އެމްޕީއެލުން ހެދި ބަސް ޓާމިނަލް ކައިރީގައި، މީގެ ތިން އަހަރު ކުރިން ތަރައްގީކުރަން ފެށި ވޯޓާ ތީމް ޕާކާއި ސިޓީ ހޮޓަލުގެ މަސައްކަތް ނިމެން އިތުރު ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ހައުސިން ޑިވެލޮޕަމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ.
ހުޅުމާލެ ވޯޓާ ތީމް ޕާކް މަޝްރޫގައި ސޮއިކުރީ ޖުލައި 2017 ގަ އެވެ. އޭރު ބުނީ މި މަޝްރޫއުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ. އެކަމަކުު އެކި ސަބަބުތަކާ ހެދި މަޝްރޫއުގެ ބޮޑު ބައެއް އަދިވެސް ނުނިމެ އެވެ.
ވޯޓާ ތީމް ޕާކަކާ އެކު 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކުރާ ގޮތަށް އެޗްޑީސީން މި މަސައްކަތް ހަވާލުކުރީ މެލޭޝިއާގެ މިރީ ހައުސިންގް ޑިވެލޮޕްމެންޓް ރިއަލްޓީ ސެންދްރިއަން ބަރުހާދާ އެވެ. މި މަޝްރޫއަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ބެލެވެ އެވެ.
މިރީއަކީ މެލޭޝިއާގައި ހައުސިން މަޝްރޫއުތަކާއި ހޮޓެލް ޑިވެލޮޕްމަންޓުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. ޕާކު ހިންގަން މިރީއާ ހަވާލުކުރީ 35 އަހަރު ދުވަހުގެ މުއްދަތަށެވެ.
މަސައްކަތް ނިމޭނެ ތާރީހެއް ބިނާވަނީ ކޮވިޑުގެ ހާލަތަށް
ވޯޓާ ތީމް ޕާކާ ގުޅޭގޮތުން "އަދަދު" އަށް މައުލޫމާތު ދެމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕާކުގެ މަސައްކަތް އެންމެ އަވަހަށް ވެސް ނިމޭނީ 2022 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2023 ވަނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. ސީދާ ތާރީހެއް އޭނާ ނުދެއްވި އެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކް ހުންނާނެ ގޮތުގެ ކުރެހުމެއް -- ފޮޓޯ: އެޗްޑީސީ
އޭނާ ވިދާޅުވި ގޮތުގައި ޕާކުގެ މަސައްކަތް ނިމޭނެ ތާރީހެއް ޔަގީންކަމާ އެކު އެނގޭނީ ކޮވިޑާ ގުޅިގެން ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ހުރަސްތަކަށް ބަލައިފަ އެވެ.
މި ޕާކުގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގައި ފަށައިގަތް އިރު ވެސް އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ބުންޏެވެ. ނަމަވެސް ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން އިގުތިސޯދަށް އައި ހީނަރުކަމާއި މުދާ ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން، ނިމުނު އަހަރުގެ އޮކްޓޫބަރުން ފެށިގެން މަސައްކަތްތައް އޮތީ ހުއްޓިފަ އެވެ.
މި ޕާކުގެ މަޝްރޫގެ ނިމުމުން ވެގެން ދާނީ ރާއްޖޭގައި ހެދޭ އެންމެ ފުރަތަމަ ވޯޓާ ތީމް ޕާކަށެވެ. މި ޕާކު ތަރައްގީކުރަނީ ވޯޓާ ސްލައިޑާއި ބަމްޕާ ބޯޓްސް އަދި ވޯޓާ ގައިރޯގެ އިތުރުން ފެނުގެ ގިނަ ކުޅިވަރުތަކާ އެކުގަ އެވެ. އަދި ސިޓީ ހޮޓަލާއި، ފުޑް އައުޓްލެޓްތަކާއި އެހެނިހެން ރެކްރިއޭޝަނަލް އައުޓްލެޓްތައް މިތާ ހުންނާނެ އެވެ.











