ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އަންނަ މަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކުރުމާއެކު ހުޅުމާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ މުހައްމަދު ނޫރައްދީން (ނޫރޭ)އަށް ފުރުސަތު ގެއްލިއްޖެ އެވެ.
ނޫރޭއަކީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލި ދެ މީހުންގެ ތެރެއިން އެކަކެވެ.
ނޫރޭއަށް ރިލްވާން މައްސަލާގައި އޮތް ތުހުމަތަކީ، ކިޑްނެޕްކުރި ކަމުގެ ތުހުމަތެވެ. އެގޮތުން، ރިލްވާން ވަގަށް ނެގި ކަމަށް ބެލެވޭ ރަތް ކާރު އެ ރޭ ދުއްވާފައިވަނީ ނޫރޭ ކަމަށް ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވެ އެވެ. އެކަމާ ގުޅޭ ހެކި ވެސް ދައުލަތުން އޭރު ކޯޓަށް ހުށަހެޅި ނަމަވެސް، ކުރިމިނަލް ކޯޓުން އޭނާ ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި އެވެ. ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ބުނި ނަމަވެސް، ފަހުން ވަނީ އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް ވެސް ދައުލަތުން ނޭދޭކަން ހާމަވެފަ އެވެ.
އެފަދަ ބޮޑު ތުހުމަތެއް، އަދި އެމްޑީޕީން އެ މައްސަލައެއްގައި އިންސާފު ހޯދައިދޭނެ ކަމަށް ބުނެ ވައުދުވެފައިވާ މައްސަލައެއްގައި ހިމެނޭ މީހަކު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާތީ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދިޔަ އެވެ.
"އެމްޑީޕީ އައީ ރިލްވާންއަށް އިންސާފު ހޯދައިދޭން ރިޔާސީ ވައުދަކާ އެކު، އެކަމަކު އެކަމުގައި ތުހުމަތުވާ މީހާ މި ވާދަކުރަނީ އެ ޕާޓީގެ އިންތިހާބުގައި، މިވެސް އިންސާފު،" ސޯޝަލް މީޑިއާގައި މީހަކު ޝުއޫރު ފާޅުކޮށްފައިވެ އެވެ.

އެ ކަންބޮޑުވުންތައް އެހެން ހުރުމާއެކު ރޭ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެކި މަގާމްތަކަށް ކުރިމަތިލާ ޕާޓީގެ މެމްބަރުންނަކީ ބޮޑެތި ކުށްތަކުން ބަރީއަވެގެންވާ ބައެއްކަން ސާބިތުކޮށްދޭންވާނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދަށް ރިއާޔަތްކޮށް ހިންގާ ކޮމިޓީން އިގުރާރުވާށެވެ.
އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި އެވެ.
ނޫރޭއަކީ، ރިލްވާންއާ ގުޅޭ މައްސަލާގައި ކޮމިޝަންގެ ރިޕޯޓްގައި ވެސް ނަން އޮތް މީހެކެވެ. އެހެންކަމުން، އޭނާއަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ނޫރޭއަށް ފުރުސަތު ގެއްލުނުއިރު އޭނާ ގެންދިޔައީ ވަރުގަދަ ކެމްޕެއިންތައް ވެސް ކުރަމުންނެވެ. އަދި، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ހުޅުމާލޭ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރި ކުރީގައި ނޫސްވެރިކަން ވެސް ކުރި ރިޒްނާ ޒަރީރުގެ ކެމްޕެއިންގައި ވެސް އިސްކޮށް އުޅުނެވެ.
ގަރާރުގައި އިތުރަށްވާ ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ޖިނާއީ ބޮޑެތި ކުށްތަކަށް ތުހުމަތުވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ އެވެ.
- މީހަކު މެރުން
- ރޭޕްކުރުމުގެ ކުށް
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް
- ޑްރަގް ޓްރެފިކް ކުރުމުގެ ކުށް
މީގެ އިތުރުން އެންޓި ޓޯޗާގެ ގާނޫނުގައި ބަޔާންކުރާ ކުށްތަކާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގައި ހިމެނޭ މީހަކަށް ވެސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދޭން އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް ވެސް ވާދަ ނުކުރެވޭ ގޮތް ހެދި އެވެ.
އެމްޑީޕީން ފާސްކުރި ގަރާރާ ގުޅިގެން، ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާކަން ގަބޫލުކުރޭތޯ ބެލުމަށް ގުޅައި، މެސެޖު ކުރުމުން ޖަވާބު ނުދޭތީ ނޫރޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.













