ހުޅުލެ-ހުޅުމާލެ ލިންކު ރޯޑުގައި ގާއިމުކުރާ ސޯލާ ޕެނަލްތަކުން މި އަހަރު ނިމެންވާއިރަށް ކަރަންޓު އުފައްދަން ފެށޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
ހުޅުލެ އާއި ހުޅުމާލެ ލިންކު ރޯޑުގައި ގާއިމްކުރާ 5 މެގަވޮޓް ސޯލާ ޕީވީ ނިޒާމަކީ ވާލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ތެރެއިން ކުރާ މަސައްކަތެކެވެ.
މިއީ، ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ސޯލާ ޕެނަލް ހަރުކުރާނެ މަޝްރޫއު އެވެ.
ޖުލައި މަހު ޕެނަލްތައް ހަރުކުރަން ފަށާނެ
އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތާ ގުޅޭގޮތުން އެސްޕަޔާ ޕްރޮޖެކްޓުގެ އޮފިސާ އިފާދު ވަހީދު "އަދަދު"އަށް ވިދާޅުވީ މިހާތަނަށް ނިންމާލެވުނީ ސައިޓުގެ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ކަމަށެވެ. އަދި، މިހާރު ކުރިއަށް ދަނީ ސައިޓުގެ އީއައިއޭ މަސައްކަތާއި ސޯލާ ޕެނަލް ހަރުކުރާ ސްޓްރަކްޗާގެ ޑީޓެއިލް ޑިޒައިން މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ހުޅުލެ-ހުޅުމާލެ ލިންކު ރޯޑު ސޯލާ ހަކަތަ މަޝްރޫއު: މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ސޯލާ ޕެނަލް ހަރުކުރާނެ މަޝްރޫއު
މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި މި މަސައްކަތްތައް ނިމި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނީ މި އަހަރުގެ ޖުލައި މަހު އެވެ.
އަމަލީ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލާ، އަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ ގްރިޑާ ގުޅާލެވި ކަރަންޓު އުފެއްދޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ތެލަށް ކުރާ ހަރަދުން 15 މިލިއަން ސަލާމަތް ކުރެވޭނެ
މި 5 މެގަވޮޓުގެ ސޯލާ ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތް ކުރާނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑުންނެވެ. މި ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު އެންސިސް ކޯ އިން ސްޓެލްކޯއަށް ވިއްކަނީ ކަރަންޓު ޔުނިޓެއް 10.09 ޔޫއެސް ސެންޓް (ގާތްގަނޑަކަށް ދޮޅު ރުފިޔާ) އަށެވެ.
އެންސިސް ކޯ ލިމެޓެޑާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މި ނިޒާމުގެ ސްޓްރަކްޗާގެ މެއިންޓެނަންސް މަސައްކަތް ކުރަން ޖެހެނީ އެ ކުންފުނިންނެވެ.

ހުޅުމާލެ-ހުޅުލެ ލިންކު ރޯޑު ސޯލާ ހަކަތަ މަޝްރޫއު: ފަރުމާކުރަނީ މީހުންނަށް ހިނގާލަން ޕޭވްމަންޓު ބޭނުން ކުރެވޭ ގޮތަށް
މި ނިޒާމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓު ޔުނިޓުން ދައުލަތުން ކަރަންޓު އުފައްދަން ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ ފައިސާގެ އަދަދެއް ކޮންމެ އަހަރަކު ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
މިއީ ތިމާވެއްޓާ ރައްޓެހި ފަރުމާއެއްގައި ގާއިމުކުރެވޭ ނިޒާމެކެވެ. އަދި ހުޅުލެ-ހުޅުމާލެ ލިންކު ރޯޑު ބޭނުން ކުރާ މީހުންނަށް އެތަނުގެ ޕޭވްމަންޓް ބޭނުން ކުރެވޭނެ އެވެ.
ހުޅުލެ-ހުޅުމާލެ ލިންކު ރޯޑު މަޝްރޫއަކީ އެސްޕަޔާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލެ 1000 ހައުސިން ޔުނިޓުތަކުގެ މަތީގައި ހަރުކުރި ސޯލާ ޕެނަލްތަކުން 1.5 މެގަވޯޓުގެ ކަރަންޓު އުފައްދަ އެވެ.











