އޭނާ ބޮޑުވީ ތަފާތު މާލެ އަކަށެވެ؛ ފެހިކަމާއި އާރޯކަމުގެ ވެށްޓަކަށެވެ. ރަށްފުށުގެ އަމާން މާހައުލަކަށެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މުޖުތަމައަކަށެވެ. ހެނދުނު ހެނދުނާ ސްކޫލަށް ދާނީ ގޭދޮށު ކުދިން އެކުއެކީގަ އެވެ. ހެމުން ސަކަރާތް ޖަހަމުންނެވެ. މެންދުރުފަހު މަސް ހިފަން މޫދަށް އެރުމާއި ތޮށްޓަށް ދިއުމަކީ އާދައެކެވެ. ހަވީރު ދަޅައިގައި މަންމަމެން ބޮލި ހޮވަން ދާނެ އެވެ. ރޭގަނޑު ކިޔަވަން ތިބޭނީ މަގު ހޮޅިބުރި އަލީގައި ޖޯލިފަތީގަ އެވެ. ގެ ހުންނަނީ އަތިރިމަތީގައި ކަމުން ދެމޫސުން ބެދޭއިރު ގޭދޮށަށް ރާޅު އަރާނެ އެވެ.
ނިކަމެތި ފަގީރު ދިރިއުޅުމެއް ގޮތަށް އޭރުގައި ސިފަ ކުރެވުނު ނަމަވެސް އެ ދިރިއުޅުމަކީ ގުދުރަތުގެ މުއްސަނދި މާހައުލެއްގައި ބިނާކުރެވުނު ދިރިއުޅުމެވެ. އެހެންވެ ގަސްދުގައި ނޫން ނަމަވެސް އެ ދިރިއުޅުން އޭނާ ބައްޓަން ކުރުވީ ވަށައިގެންވާ މާހައުލަށެވެ. ސްކޫލުގައި ވެސް އޭނާ ޝައުގުވެރިވީ ގަސް އިންދުމާއި ގަސްގަހާގެއްސާއި ދޫނިސޫފާސޫފީގެ މައުލޫމާތު އެއްކުރުމަށެވެ. މަޒުމޫނެއް ލިޔުނަސް އަމާޒުކުރެވިފައި ހުރީ ތިމާވެށްޓަށެވެ. އެއާ އެކު އޭނާގެ ޒުވާން އުމުރަށް އެޅުނުއިރު ހިތުގައި ވެށްޓާ މެދު ފުން ލޯތްބެއް ވަނީ އާލާވެފަ އެވެ.
އެއީ "މީމުޒަވިޔަނީ" ގެ ނަމުން މުޅި ރާއްޖެ އަށް މަޝްހޫރުވެގެން ދިޔަ ތިމާވެށީގެ ލިޔުންތެރިޔާ، ނޫސްވެރިޔާ އަދި ހިދުމަތްތެރިޔާ މުހައްމަދު ޒާހިރު އެވެ. ދިވެހި ވެށްޓަށް އޭނާ ކޮށްދިން ފުރަތަމަ ކަމަކީ އޭގެ ސަބަބުން އެތައް ކަމަކަށް މަގުފަހިވެގެން ދިޔަ ކަމެކެވެ. އީޕީއެސްއެސް ނިންމުމަށް ފަހު އެތަނުގައި ވަޒީފާގައި އުޅެމުން މަޝްހޫރު ޑައިވަރު ހަސަންމަނިކު (ލަކުޑިބޯ) އާ އެކު ފީނައި އޭނާ ހޯދީ މާލޭ އުރަފަށުގެ އިރު އުތުރު ކަންމަތީގައި ހުރި އާދަޔާހިލާފު ރެނދުތަކެކެވެ. އެކަން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަމާލުކަމަށް ގެންނެވުމުން، އިނގިރޭސި ޓީމުތަކެއް ގެނެސް ދިރާސާތަކެއް ހަދައި އެ ރެނދު ހުރިކަން ކަށަވަރުކުރި އެވެ.
އެއާ އެކު މީމުޒަވިޔަންޏާއި ލަކުޑިބޯ އަށް ރައީސް މައުމޫން ހުށަހެޅުއްވީ ސަރުކާރުން ތިމާވެށްޓާ ގުޅޭ ވަޒީފާ އެކެވެ. އެ ހުށަހެޅުއްވުމަށް މީމުޒަވިޔަނި ދިން އާނ ބަހާ އެކު އޭނާ ލެއްވިގެން ދިޔައީ، ދިވެހިރާއްޖޭގެ ތާރީހުގައި އުފެއްދި ތިމާވެށްޓާ ބެހޭ ފުރަތަމަ ވުޒާރާގެ ފުރަތަމަ ވަޒީފާ އަށެވެ. އޮނަރަބަލް އުމަރު ޒާހިރުގެ ވަޒީރުކަމުގައި އުފެއްދި އެ ވުޒާރާގެ އެންވާރަމަންޓް އޮފިސަރުގެ މަގާމުން ފެށި ދަތުރުގައި، މެދުކެނޑުމެއް ނެތި ހިދުމަތްކުރައްވައި މި ވަގުތު އޭނާ އަކީ އެތަނުގެ ޑިރެކްޓަރ ޖެނެރަލެވެ.
"ހަވީރު" ގެ ބޭރުގަނޑަށް: އާ ކުރިއެއް
މީމުޒަވިޔަންޏާއި ލަކުޑިބޯގެ ހޯދުމުގެ ވާހަކަ އޮކްޓޫބަރު 26، 1986 ގެ "ހަވީރު" ގެ ބޭރުގަނޑަށް އެރި އެވެ. ޑރ. އަލީ ޝަމީމް (އެލީޝް) ގެ ގަލަމުން އެ ވާހަކަ ފަލަ ސުރުހީން އަޅާލުމާ އެކު މީމުޒަވިޔަނީގެ ޝައުގުވެރިކަން ތިމާވެށި ލިޔުމަށް ދަމައިގަތެވެ. އެކަމަކު ހަގީގަތުގައި ނޭގި ނަމަވެސް އެކަމުގެ ބިންގާ ވެސް އޮތީ ސްކޫލް ދައުރުގައި އެޅިފަ އެވެ. އީޕީއެސްއެސްގައި ތިމާވެށްޓާ ބެހޭގޮތުން އޭނާ ލިޔުނު ލިޔުންތަކުގެ ފެންވަރު ރަނގަޅު ކަމަށް ދިވެހި މުދައްރިސް އަބްދުﷲ ސޯދިގު (ސޯދުބެ) އަށް ފާހަގަވެ އެ ލިޔުންތައް އޭރު ނެރުނު "އަމާޒު" ގައި ވަނީ ޝާއިއުކޮށްފަ އެވެ.

އޭނާގެ ލިޔުންތައް "ހަވީރު" ގައި ޖަހައިދޭތޯ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން ގާތު އެދުމުން ރުހުން ދިނެވެ. މައިޒާން ހަސަން މަނިކު ދެއްވި ލަފައަކާ އެއްގޮތަށް އޭނާ ގަލަމު ނަމެއްގެ ގޮތުގައި "މީމުޒަވިޔަނި" ޖަހައިގެން "ހަވީރު" އަށް ލިޔަން ފެށި ފެށުން ވެގެންދިޔައީ ދިވެހި ނޫސްވެރިކަމުގެ ދައުރެއްގެ ފެށުމަކަށެވެ.
"އަޅުގަނޑުގެ މާހައުލުން" ނަމުގައި އޭނާ ހަފުތާއަކު އެއް ދުވަހު ލިޔުނު ސަފުހާ އަށް ކިޔުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އާއްމުން ހޭލުންތެރިވި އެވެ. އަދި އެ ސަފުހާގައި އޭނާ ނެގި މައްސަލަތަކަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަން ލިބުނެެވެ. އޭނާ ކަންބޮޑުވުން ފާޅުކުރި އެތައް ކަމެއް ގާނޫނަށް، ގަވާއިދަށް ބަދަލުވި އެވެ. އެހާ ވެސް ނުފޫޒުގަދަ އެވެ.
ދުވާލު ގަޑީގައި އޭނާ އަކީ އެންވާރަމަންޓް މިނިސްޓްރީގެ މުވައްޒަފެކެވެ. ދެން ލިބޭ ވަގުތު ތިމާވެށްޓަށް ހޭލުންތެރިކުރުވާ ލިޔުންތެރިއެކެވެ. އެވަރުން މަޑުޖައްސާލީކީ ނޫނެވެ. މަދަނީ މުޖުތަމައު އަށް ވެސް ހިދުމަތްކުރި އެވެ. ވެލާކަހަނބު ނެގުން ހުއްޓުވަން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އިކޯ ކެއާގެ ނަމުގައި ޖަމިއްޔާއެއް ހިންގި އެވެ. މެދުނުކެނޑި 18 އަހަރު މާލޭގެ ސްކޫލްތަކާއި ބ. އަތޮޅުތަކުގެ ކިޔަވާ ކުދިން ގޮވައިގެން އެ އަތޮޅަށް ތިމާވެށީގެ ދަތުރުތައް ކުރި އެވެ. އޭގެ ނަތީޖާއަކަށްވީ ބ. އަތޮޅުން ތިމާވެށްޓަށް ލޯ ހުޅުވޭ ޖީލެއް އުފެދި އެ އަތޮޅު ބަޔޮސްފިޔާ ރިޒާވަކަށް ވުމެވެ.
މީމުޒަވިޔަނީގެ އެ ހިދުމަތް ބަލައިގަނެ ދިވެހި ސަރުކާރުން 1989 ވަނަ އަހަރު ތިމާވެއްޓާބެހޭ ހޭލުންތެރިކަން އުފެއްދެވުމުގެ ރޮނގުން އޭނާ އަށް އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ދިނެވެ. ޖެހިގެން އައި 1990 ވަނަ އަހަރު އޭނާ އަށް ބައިނަލްއަގްވާމީ ޝަރަފްވެރި އެވޯޑެއް ލިބުނެވެ. ތިމާވެށްޓަށް ހިދުމަތްކުރުމުން އ.ދ އިން ދޭ "ގްލޯބަލް 500" ގެ ޝަރަފެވެ. އެކަމަކު އެ އެވޯޑް ބަލާ ދިއުމަށް މެކްސިކޯ އަށް ކުރި ދަތުރުގައި އޭނާ އަށް ކުރިމަތިވީ ހުރަސްތަކާއި މާޔޫސްކަމެވެ.
އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނި ނަމަވެސް، އެމެރިކާގެ ލޮސް އެންޖެލިސްގައި ޓްރާންސިޓް ކުރުމުން، ވިސާ ނެތް ކަމަށް ބުނެ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރި އެވެ.
"ލޮލުން ފައިބަންފެށި ކަރުނަތައް ގިނަވެ ރޮވެން ފަށައިފި އެވެ. އަޅުގަނޑުގެ ކަނެކްޓިން ފްލައިޓް މިހާރު ނައްޓާލަފާނެ އެވެ. ގަޑިއެއް ނެތެވެ. ހިތުލަފައަށް ގަޑި ބަލަމުން އެއްކަލަ ގޮޅިން ބޭރު ބަލަމުން މި ކަހަލަ ގޮތަކަށް އެ ތަނުގައި އިނދެ ރޭގަނޑުވެ އަނދިރި ވެއްޖެ އެވެ،" މީމުޒަވިޔަނި އެ ދަތުރުގެ މާޔޫސްކަން ސިފަކޮށް "އަލިމަސް" ފޮތުގައި ލިޔެފައިވެ އެވެ.

އޭނާ އަށް ސަލާމަތްވެ މެކްސިކޯ ސިޓީ އަށް ދެވޭގޮތްވީ ދެ ދުވަސް ފަހުންނެވެ. މި ފަހަރު ވެސް ޖެހުނީ ފުލުހުންނާ ހަވާލުވާށެވެ. އެކަމަކު އ.ދ ގެ އޮފިޝަލުންގެ އެހީއާ އެކު ވިސާ ލިބި، އެންމެ ފަހުން އެވޯޑް ހަފުލާގައި ބައިވެރިވެވޭ ގޮތްވި އެވެ. އެނބުރި އައުމުން އެ އުފާ ފާހަގަކުރީ "ހަވީރު"ން އެކަންޏެވެ. އެހެން ދިމަދިމާލުން ކުރިމަތިވީ ހުރަސްތަކެވެ. އަދި އޭނާ ވަޒީފާ އަދާކުރަމުން އައި އެންވާރަމަންޓް މިނިސްޓްރީން އެންގީ ލިޔާ ލިޔުންތައް އޮފީހުން ހުއްދަ ދިނުމުން ނޫނީ އެއްވެސް ތަނެއްގައި ޝާއިއުނުކުރުމަށެވެ.
"މިހެން އެންގެވުމުން އަޅުގަނޑު ހަފްތާގެ ވަރަށް ކުރީކޮޅު އެ ހަފުތާއެއްގެ އާޓިކަލް ލިޔުމަށް ފަހު އޮފީހުގެ ވެރިއަކަށް ދައްކާ ސޮއިކުރުވުމަށް ފަހު ހަވީރަށް ފޮނުވަމުން ގެންދިޔައީމެވެ. ދުވަސްކޮޅަކުން ނުކުންނަން ފެށި މައްސަލައަކީ އަޅުގަނޑުގެ ލިޔުން ކިޔައި ފާސްކޮށްދޭނެ ވެރިއަކާ ދިމާވާގޮތް ނުވުމެވެ،"
އެންމެ ފަހުން ލިޔުން ފާސްކޮށްދޭނެ ވެރިއަކު ނުވެ "ހަވީރު" ޗާޕަށް ދާއިރު އޭނާގެ ލިޔުން ޖެހޭގޮތް ނުވި އެވެ. ނަތީޖާއަކަށްވީ އޭނާ ލިޔުންތެރިކަމާ ދުރަށް ދާން ޖެހުމެވެ. އެކަމަކު އޭރު އޭނާ ވަނީ ނޫސްވެރިއެއްގެ ގޮތުގައި ރާއްޖޭގައި މަޝްހޫރުކަން ހޯދައިފަ އެވެ. ފޮޓޯޖާނަލިސްޓެއްގެ ގޮތުގައި 1987 ގެ ބޮޑުރާޅާއި 1988 ގެ ނޮވެމްބަރު ތިނަކާއި އެނޫން ވެސް ގައުމުގައި ހިނގި ބޮޑެތި ހާދިސާތައް ކަވަރުކުރި އެވެ. ރައީސް މައުމޫނުގެ ރަސްމީ ފޮޓޯގްރާފަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެވެ. އޭނާ އަށް ނޫސްވެރިކަމަށް ހިދުމަތްކުރުމުގެ ރޮނގުން 1993 ވަނަ އަހަރު ރަން ގަލަން ވެސް ލިބުނެވެ. ނޫސްވެރިކަމުން ދުރަށް ދިޔައީ "ހަވީރު"ގެ ސަބް އެޑިޓަރުގެ ގޮތުގައި ދުވަސްކޮޅު ނޫސް ވެސް ހިންގުމަށް ފަހު އެވެ.

ތިމާވެށީގެ ލިޔުންތެރިއެއްގެ ގޮތުގައި ނޫން ނަމަވެސް މިއަދު ވެސް މީމުޒަވިޔަނި އަންނަނީ އެ ދާއިރާ އަށް ހިދުމަތްކުރަމުންނެވެ. އެންވާރަމަންޓް މިނިސްޓްރީގެ އިސް މަގާމެއްގައި ހުރެގެންނާއި އަމިއްލަ ގޮތުން ވެސް މެ އެވެ. މިއަދު އޭނާގެ ދަރިފުޅު މައީދު މުހައްމަދު ޒާހިރަކީ ވެސް ތިމާވެށީގެ ރޮނގުގައި ފާހަގަކޮށްލެވޭ ޒުވާނެކެވެ. އާތު ސައިންސް ކިޔަވައިގެން އެ ދާއިރާ އަށް ހިދުމަތްކުރަމުން ރެޑް ކްރެސެންޓުގައި ދަރުމައަށް މަސައްކަތްކުރަމުން އަންނަ މައީދު ވަނީ އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފަ އެވެ.
އެ ހުރިހާ ކަމަކާ މެދު ފަހުރުވެރިވެ އެވެ. އެކަމަކު "ގްލޯބަލް 500" ހޯދަން މަސައްކަތް ފެށި ހިސާބުން އޭނާގެ މެދު ޒާތީ ގޮތުން ހިތް ކިލަނބުވި ދިވެހިންތަކެއް ތިބި ކަމީ އޭނާ މިއަދު ވެސް ހިތާމަކުރާ ކަމެކެވެ. މީމުޒަވިޔަނި ދެކޭ ގޮތުގައި ލޮސް އެންޖެލިސް ޖަލުގައި އޮންނަން ޖެހުނީ އިއްތިފާގަކުން ނޫނެވެ. ވިސާގެ މައްސަލައިގައި ތާށިކޮށް އެ ބަޔެއްގެ ބޭނުމަކަށްވީ އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުވާލުން ކަމަށް އޭނާ ދެކެ އެވެ. އެހެންވިޔަސް އޭނާ ކުރި މަސައްކަތެއް ތާރީހުން ފޮހެނުލެވޭނެ އެވެ
"ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގޮތުން ލިޔުންތެރިކަމުގެ ރޮނގުން، ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކުރެވުނު މަސައްކަތްތަކާ މެދު ވަރަށް ހިތްހަމަ ޖެހުނެވެ. ހަމަ ގައިމު ވެސް މި ގައުމުގެ ރައްޔިތުން ތިމާވެށީގެ ރޮނގުން ހޭލުންތެރިވެގެން ދިޔަ އެއް ވަސީލަތަކީ އަޅުގަނޑުގެ ލިޔުންތައް ކަމާ މެދު ޝައްކެއް ނުކުރަމެވެ،"
ތެދެކެވެ. "މީމުޒަވިޔަނި" އެއީ ދިވެހިރާއްޖޭގެ ތިމާވެށީގެ ހައްގުގައި އެޅިގެން ދިޔަ ދެ އަކުރެވެ.








