އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް އަދި ރިކްރިއޭޝަން ސެންޓަރުތަކެއް ގާއިމުކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ސަޕޯޓް ހޯދުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެމްއޯޔޫއަކީ އިންޑިއާގެ ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" (އެޗްއައިސީޑީޕީ) ގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލާސުބްރަމާނިއަން އެވެ.
މީގެ އިތުރުން މަޝްރޫއު ހިންގާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު ރާފިއު ވިދާޅުވީ، މި ސެންޓަރުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ކަސްރަތު ކުރުމާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ފަސޭހައިން ވަދެވޭނެ މާހައުލެއް ގާއިމުވެގެންދާނެ ކަމަށެވެ.

"މި އިސްނެގުމުގެ ސަބަބުން ހުރިހާ އުމުރެއްގެ މީހުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި ރިކްރިއޭޝަން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ދުޅަހެޔޮކަމަށް މަގުފަހިވާނެ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އިސްނެގުމުގެ ސަބަބުން ރަށްރަށުގެ މުޖުތަމައުތަކުގައި ފިޓްނަސް އަދި ރިކްރިއޭޝަން ވަސީލަތްތައް ފުޅާވެ، ހަމަހަމަ ތަރައްގީއާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
މިއީ މި އަހަރުގެ ޖުލައި މަހު 42 ރަށެއްގެ މަޝްރޫއު ކުރިއަށްގެންދަން ސޮއިކުރި އެއްބަސްވުމުގެ އިތުރުން، އިތުރު ތިން ރަށަކަށް ފުޅާކުރެވުނު އެހީއެއްކަން ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ރަށްރަށުގެ މުޖުތަމައުތައް ތަރައްގީކުރަން އިންޑިއާއިން ދެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމަށްޓަކައި ދެ މިނިސްޓަރުން ވެސް ވަނީ އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރުގެ އިތުރުން ހައިކޮމިޝަނަރު ބާލާސުބްރަމާނިއަން އަދި އެބޭފުޅާގެ ޓީމުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރެއް އަދާކުރައްވާފަ އެވެ.












