އައްޑޫ ލިންކް ރޯޑު ވަރަށް ބޮޑަށް ހަލާކުވެ އާންމުންނަށް އެކަން ބޮޑު ތަކުލީފަކަށްވުމާ ގުޅިގެން މަގު ހަދަން ގޮވާލައި "ބެރިކޭޑް" ގެ ނަމުގައި މާދަމާ އައްޑޫގައި މުޒާހަރާއެއް ކުރަން ނިންމައިފި އެވެ.
"މަބެނީ ތޯ ކޮބާ" ނަމަކަށް ކިޔާ ފޭސްބުކް ޕޭޖަކުން އިސްނަގައިގެން ޒުވާނުންނާ ގުޅިގެން ބާއްވާ މި މުޒާހަރާ ކުރިއަށް ގެންދަން ނިންމާފައިވަނީ މާދަމާ ހަވީރު 4:00 ޖަހާއިރު ލިންކް ރޯޑުގައި ހުންނަ އައްޑޫގެ މައި އިންޖީނުގެ ކުރިމަތީގައި އޮންނަ ހުސް ބިމުގަ އެވެ.
މި އިހުތިޖާޖު ކުރިއަށްގެންދިޔުމަށް ރާވާފައިވަނީ ސުލްހަވެރިކަމާއެކު ކަމަށް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ. އެގޮތުން އެއްވެސް މީހެއްގެ އަބުރަށް ނާރައި، އެއްވެސް ސިޔާސީ މީހެއްގެ ފޮޓޯ ބޭނުން ނުކުރުމުގެ އިތުރުން ބޭއަދަބީ ބަހުރުވަ ހިމެނޭ ޕޯސްޓަރު ބޭނުން ނުކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ.
ލިންކް ރޯޑު މައްސަލައިގައި އައްޑޫގެ ރައްޔިތުން ސޯޝަލް މީޑިއާގެ އިތުރުން އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންދާތާ ގިނަ ދުވަސްތަކެއްވެއްޖެ އެވެ.
އައްޑޫ ލިންކް ރޯޑް އަލުން ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަތުލުމަށްފަހު އެ މަސައްކަތް ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ 446.1 މިލިއަން ރުފިޔާއަށް ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު 24، ގަ އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއު ޗައިނާ ކުންފުންޏާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ސެޕްޓެމްބަރަށް މަސައްކަތް ނިންމަން ޖެހޭނެ އެވެ.
އައްޑޫ ލިންކް ރޯޑު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެގެން މި ހިނގާ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް މަސައްކަތް ފެށިފައެއް ނުވެ އެވެ.
މީގެކުރިން އައްޑޫގެ ކަރަންޓު މައްސަލައިގައިވެސް ޒުވާނުން ވަނީ ނުކުމެ މުޒާހަރާކޮށްފަ އެވެ. ނަމަވެސް މިހާތަނަށްވެސް އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެ އެވެ.













