ތެލަސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ އަސާސީ ބޭސް އަބަދު ހުސްވެފައި ހުންނާތީ ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށް އެ ބަލި ތަހައްމަލު ކުރަމުންދާ މީހުން ބުނަން ފަށައިފި އެވެ.
ތެލަސީމިއާ ޕޭޝަންޓެއް ކަމަށްވާ އަބްދުﷲ ޝަނީޒް އަދަދު އާ ވާހަކަ ދައްކަމުން ބުނީ ތެލަސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ އަސާސީ ބޭސްތައް ރަނގަޅަށް ނުލިބޭތާ "ވަރަށް ގިނަ ދުވަސް" ވެފައިވާ ކަމަށެވެ. އޭނާ ބުނީ ކުރިން އެއް މަހަށް ދޫކުރާ ބޭސް މިހާރު ލިބެނީ ދެ ހަފްތާއަށް ކަމަށާއި އަލަށް އުފެއްދި ބޭސް ކުންފުނި، ސްޓޭޓް ފާމާ އައި ފަހުން އިތުރަށް މައްސަލަ ވީ ގޯސް ކަމަށެވެ.
"މިހާރު އެންމެ އާދައިގެ ޕެނަޑޯލް ވެސް ނުލިބޭ ވާހަކަ ތުންތުންމަތިން މި ދެކެވެނީ ސިޓިންރޫމުންނާއި ކޮފީ ޓޭބަލުން. އެކަމަކު އެހެން ދައްކާވަރަށްވުރެ މާ މައްޗަށް ދޯ މިދަނީ. މިހާރު ތެލަސީމިއާ ޕޭޝަންޓުން ވެސް ގާތްގަނޑަކަށް ހަ ވަރަކަށް މަސްވެއްޖެ މަޑުމަޑުން މި ތިބެނީ ސްޓޭޓްފާމާ އަލަށް އުފައްދައިގެން އުޅޭ ތަނެއްވީމަ ވަގުތު ދީގެން އެބޭފުޅުންނަށް މިކަން ހައްލުވޭތޯ،" ޝަމީޒް ބުންޏެވެ.
"އެކަމަކު މި ގެންނަނީ އެތިއެތިކޮޅުން ކޮންމެވެސް ތަނަކުން 500 ޓެބްލެޓް ނޫނީ 200 ޓެބްލެޓް ނޫނީ މި އަންނަނީ ޝިޕްމަންޓެއް. ލިމިޓްކޮށްގެން މި ދޭ އެތިކޮޅު މި ދެނީ ދެ ހަފްތާއަށް. މިއީ ކުރިން އެއް މަހަށް ދޫކުރާ ބޭސް. އެއް ހަފްތާގައި ލިބުނިއްޔާ އަނެއް ހަފްތާގައި ނުލިބޭ. ބުނެފާނެ އަންނަ ހަފްތާގައި ލިބޭނެއޭ."
ޝަމީޒް ބުނީ ތެލަސީމިއާ ބަލި ވަކި އުމުރަކަށް ދިޔާމަ ގޯސްވާ ކަމަށާއި އެކަމަށް ވެސް އެކި ކަހަލަ ބޭސްތައް ކުރާ ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ ބޭސްތައް ވެސް ނުލިބޭތީ ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން އޭނާ ބުނީ ކޮންމެ ދުވަހަކު ބޭނުންކުރާ ބޭސްތައް ނުލިބުމުގެ ސަބަބުން ބޭސް ބޭނުން ކުރުން މެދުކެނޑި ބޭސް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ހުންނަން ޖެހޭ ކަމަށެވެ.
ޝަމީޒް ފާހަގަކުރާ ގޮތުގައި ބޭހުގެ މައްސަލަ ހަމައެކަނި ދިމާވެގެން އުޅެނީ ތެލަސީމިއާ ޕޭޝަންޓުންނަށް އެކަންޏެއް ނޫނެވެ. ކެންސަރު ބައްޔާއި، ނަފްސާނީ ބަލިމީހުން ހިމެނޭ ގޮތަށް ގިނަ ގިނަ އަދަދެއްގެ މީހުންނަށް ބޭސް ނުލިބޭކަން އޭނާ ފާހަގަކުރި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ދެބައިވެގެންދިޔައިރު ވެސް ރައްޔިތުންނަށް ބޭސް ނުލިބުމުގެ މައްސަލަ ހައްލު ކުރެވިފައިނުވާކަން އެމަނިކުފާނު މިދިޔަ ސެޕްޓެމްބަރުގައި ގަބޫލު ކުރެއްވި އެވެ.
ރާއްޖޭގައި ބޭސް ލިބުން މިހާ ބޮޑަށް ދަތިވެފައި ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގަ އެވެ. އެކަން ފެށުނީ ވެރިކަމުގެ ފުރަތަމަ ކޮޅު ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އިއުލާނު ކުރެއްވި އިންޑިއާއާ ދުރުވުމުގެ މަގުޗާޓަށްފަހު އެވެ. މުއިއްޒު ބޭނުންވެވަޑައިގަތީ އިންޑިއާއިން ބޭސް ގެނައުން ހުއްޓާލުމަށެވެ.
އޭގެ ފަހުން ބޭހުގެ މައްސަލަ ބޮޑުވުމުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ދިމާވަނީ ބޭހުގެ ވިޔަފާރި ކުރާ މީހުން ގަސްދުގައި ބޭސް އެތެރެނުކޮށް ދަތި ކުރާތީ ކަމަށެވެ.
އެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ސެޕްޓެމްބަރު 9، 2025، ގައި ސްޓޭޓް ފާމާގެ ނަމުގައި ދައުލަތުގެ ބޭސް ކުންފުންޏެއް އުފައްދައިފަ އެވެ. އޭގެ ފަހުން ވެސް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ.









