މިދިޔަ އަހަރު ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށް ވެސް މި އަހަރު، ރާއްޖެއަށް ފަތުރުވެރިން ޒަޔާރަތްކުރާނެ ކަމަށް ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު، ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ މި އަހަރަށް ކަނޑައެޅި ފަތުރުވެރިންގެ ޓާގެޓު ހާސިލުވާނެކަމަށް މިހާރު ނުބެލެވޭ ކަމަށެވެ.
"2026 ވަނަ އަހަރަށް އަންދާޒާކުރި އަދަދަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް މިހާރު ނުބެލެވުނު ކަމުގައިވިޔަސް، 2025 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރީންގެ ޖުމުލަ އަދަދާއި ގާތްކުރާ އަދަދަކަށް، މި އަހަރު ނިމޭއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކުރެވޭ،" ޒަރީރު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައި ވަނީ 2.4 މިލިއަން ޓޫރިސްޓުން އައިސް، ޓީޖީއެސްޓީގެ ގޮތުގައި 11.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްގެންނެވެ.
ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތްކުރީ 1.7 މިލިއަން ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ 66،034 މަދު އަދަދެކެވެ. މިދިޔަ އަހަރު ރާއްޖެއަށް ޖުމުލަ 2.25 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އަދަދަށް މި އަހަރު ފަތުރުވެރިން ޒިޔާރަތް ނުކޮށްފިނަމަ، އެއީ ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ވެސް އަހަރަކުން އަހަރަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައި އިތުރުވުމަށް އަންނަ ނިމުމެކެވެ.
ސަރުކާރުން މިހާރު އަންދާޒާކޮށްފައި ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރާނީ 2.17 މިލިއަން ފަތުރުވެރިން ކަމަށެވެ.
މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައި ވަނީ 2.5 އާއި 2.28 މިލިއަނާ ދެމެދުގެ އަދަދެއްގެ ފަތުރުވެރިންނެވެ.
ޒަރީރު ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވީ އިރާން ހަނގުރާމައިގެ ސަބަބުން ކަމަށެވެ.
"މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރިއާ ދަތުރުފަތުރަށް ލޮޅުންތަކެއް ކުރިމަތިވި. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދިޔަ. ވައިގެ ދަތުރުފަތުރުގެ އަގު އުފުލި، އެއާލައިންތަކުގެ ދަތުރުތައް މަދުވާން ފެށި،" ޒަރީރު ވިދާޅުވި އެވެ.
"މީގެ ސީދާ އަސަރު އަޅުގަނޑުމެންގެ އިގުތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރި."
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް، މި އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް އާމްދަނީ ލިބޭނެކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.













