ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

Oct 13, 2026, 10:36 AM
ގައްދޫން މި ފަހަރުގެ ޕްރިމިއާ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ނަަޒީހު.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ގައްދޫން މި ފަހަރުގެ ޕްރިމިއާ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ނަަޒީހު.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ގދ. ގައްދޫ ފުޓްބޯޅަ ޓީމުން ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު، މުހައްމަދު ނަޒީހު ބުނެފި އެވެ. 

ދިހަ ޓީމު ވާދަކުރާ ލީގުގައި މިހާތަނަށް ގައްދޫން ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ، އަމިއްލަ ދަނޑުގައި ކުޅެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އަތުންނާއި މާލޭގައި ކުޅެގެން އޮޑި ސްޕޯޓްސް ކްލަބް އަތުންނެވެ. ލީގުގައި މިއަދު ހަވީރު ގައްދޫން ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެެވެ. އެ ޓީމަކީ ވެސް މި ފަަހަރުގެ ލީގުގައި ކުޅުނު ތިން މެޗުން ބަލިވެފައި އޮތް ޓީމެކެވެ. މި ފަހަރުގެ ލީގުގައި ޕޮއިންޓެއް ނުލިބި އޮތީ ގައްދޫ އާއި ބުރު އެވެ. 

މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒީހު ބުނީ، މުބާރާތަށް ފެށިއިރު ވެސް ތައްޔާރުވި ހާލަތުގައި ގައްދޫން މަޑުމަޑުން ކުރިއަށްދަމުން އަންނަ ކަމަށެވެ. އަދި، މި ލީގުގައި މި ވަގުތު އޮތް ގޮތުން، އެންމެ ބޮޑެތި ޓީމުތަކާ ވާދަކުރާ ވަރުގެ ބަޖެޓެއް ގައްދޫ ޓީމުގައި ނެތް ނަަމަވެސް، އެކި ކަހަލަ ދަތިތައް ފަހަނަ އަޅައި ގޮސް މެޗުތަކަށް ތައްޔާރުވަމުން އަންނަ ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ. 

ބުރުއާ ދެކޮޅަށް ކުޅޭ މެޗަކީ ނަތީޖާ ނެރެން ވަރަށް އުންމީދުކުރާ މެޗެއްގެ ގޮތުގައި ނަޒީހު ފާހަގަކުރި އެވެ. އަދި، މެޗަކުން މޮޅުވުމަށްޓަކައި ނަސީބުގެ އެހީ ވެސް ލިބެނީ އެއާ އެއްވަރަށް މަސައްކަތްކޮށްގެން ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ. 

"ނަސީބަކީ ވެސް ކަމެއް ނުކޮށްތިއްބަކާ ދެއްވާ އެއްޗެއް ނޫން، އެ ކަންތައް ރަނގަޅަށް ކޮށްގެން އެ މީހުން ނަތީޖާ ނެރެނީ، އުންމީދުކުރަން ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަން، އެއީ، ވަރަށް ހަމަހަމަ ދެ ޓީމު މިއީ. ދުވަހެއްގައި މޮޅުވާނެ ރަނގަޅަށް ކުޅޭ ޓީމަކަށް އެކަމަކު، އެހެން ނުކިޔޭނެ ތަންކޮޅެއް ބޮޑެތި ޓީމުތަކާ ކުޅޭއިރު، އެއީ ތިބޭނެ އިންޑިވިޖުައަލީ ވެސް ގޭމެއް ޗޭންޖްކުރާނެ ކުޅުންތެރިން، މިއީ، އެ ކަހަލަ ކުުޅުންތެރިންތަކެއް ނެތް ޓީމުތަކެއް ބޮޓަމް 4 ގައެއް. ނަތީޖާ ނެރުމަށް ތަންްކޮޅެއް ސަމާލުވެގެން ކުޅެއްޖިއްޔާ ހަމަ ރަނގަޅު ނަތީޖާ ނެރެވޭނެ،" ނަޒީހު ބުންޏެވެ. 

ގައްދޫ އަށް އެންމެ ބޮޑު ގޮންޖެހުމަކަށް އޮތް އެއް ކަމަކީ، ޕްރިމިއާ ލީގުގެ ލެވަލްގައި ކުޅެފައި ތިބި ދިވެހި ކުޅުންތެރިން ޓީމުގައި ނެތުމާއި ވަކި މަގާމުތަކަށް އެންމެ ރަނގަޅު ބިދޭސީ ކުޅުންތެރިން ނެގުމުގައި ހުރި ދަތިތަކެވެ. 

މިއަދު ބުރުއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވިޔަސް މުޅިން އުންމީދު ކެނޑިގެންނުދާނެ ކަމަށާއި އެކަމަކު، މި މެޗުގެ ނަތީޖާ އަކީ ޓާގެޓް ކަނޑައަޅައިގެން ދިއުމަށް މުހިންމު މެޗެއް  ކަމަށް ނަޒީހު ވަނީ ބުނެފަ އެެވެ. 

"އަޅުގަނޑަކީ ވަރަށް ދުރަށް ހިސާބު ހަދައިގެން އަންނަ މީހެއް، ހިސާބު ބައެއް ފަހަރު ދިމާނުވެވެސް ދޭ. އެހެން ނަމަވެސް، 12 ޕޮއިންޓަކީ ޔަގީން ވަރެއް. ވަރަށް ގިނަ ފަހަރަށް، ބޮޓަމް 4 އަށް ދާ ޓީމުތަކުގެ ތެރެއިން މިދިޔަ ސީޒަނަށް ބެލިކަމުގައި ވިޔަސް އެބައުޅޭ 9 ޕޮއިންޓް 10 ޕޮއިންޓް، ވެއްޓުނު ޓީމުތަަކަށް ބަލާއިރު، އެހެންވީމަ، 12 ޕޮއިންޓުން މައްޗަށް ދެވިއްޖިއްޔާމު އެއީ ރަނގަޅު ވަރެއް، މި ބުރުގައި ހަ ޕޮއިންޓް ނުހޯދައިފިނަމަ ވަރަށް ނާދިރު ކަމެކޭ ބުނެވޭނީ ސަލާމަތްވުމަކީ،" ނަޒީހު ބުންޏެވެ. 

ދިވެހި ޕްރިމިއާ ލީގު އަތޮޅުތަކުގެ ތެރޭ މެޗުތައް ކުޅޭ ގޮތަށް މިހާރު ކުރިއަށްދާއިރު، މި ސީޒަނުގައި އެ ފުރުސަތު ލިބުނީ ގައްދޫގެ އިތުރުން، ހއ. ދިއްދޫ އެވެ. ދިއްދޫން ވަނީ ޕްރިމިއާ ލީގުގައި ބުރު ބަލިކުރުމުގެ އިތުރުން ނިއުއާ އެއްވަރުކޮށްަފަ އެެވެ. ގައްދޫ އަށް ދިއްދޫއާ ވާދަކުރެވިދާނެތޯ ސުވާލުކުރުމުން، ނަޒީހު ބުނީ، އެކަން ކުރެވޭނީ ވެސް ގައްދޫން ކަންތައްތަކެއް ރަނގަޅުކޮށްގެން ކަމަށެވެ. 

"މިސާލަކަށް އަޅުގަނޑުމެންގެ މިޑްފީލްޑް ތެރޭގައި، މީގެ އެބަހުރި މި ވަގުތުގެ ހާލަތަށް ބަލީގެ ކަންކަން ވެސް އެބައުޅޭ ބައެއް ކުޅުންތެރިންގެ، އެ އެންމެން ފިޓްވެގެން ނުކުމެއްޖިއްޔާ ވާދަކުރެވޭނެ. ގައްދޫ އަށް ދިމާވާ މައްސަލަ އަކީ އިންޖީނުގެ މައްސަލަ އެއީ މިޑްފީލްޑްގައި. އެހެން ހުރިހާ ޓީމެއްގައި ވެސް މިޑްފީލްޑްގައި އެބަކުޅޭ ބޭރު ކުޅުންތެރިން. ގައްދޫން މި ކުޅެނީ މުޅިން ލޯކަލް ކުޅުންތެރިން، ދިއްދޫން އެ ނެރޭ ނަތީޖާތަކާ ދިއްދޫގެ ގޭމަށް ބަލާއިރު ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅެމުން އެބަދޭ، އެ މީހުންނަށް ތައުރީފު ހައްގު، ނިއު ރޭޑިއަންޓް އަތުން ވެސް ޕޮއިންޓެއް ރަށުގައި ހޯދައިފި، ހަމަ ރަަނގަޅަށް ކުޅެ ޕޮއިންޓެއް ހޯދައިފި، ހަމަ ޕޮއިންޓެއް ލިބުނީކީއެއް ނޫން،" ނަޒީހު ބުންޏެވެ. 

ބުރުގެ ކޯޗު ސްޕެއިނުގެ ކްރިސްޓިއަން ރޮޑްރިގޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ، ކަޕް ވިނާސް ކަޕް ތިން މެޗާއި ޕްރިމިއާ ލީގުގެ ތިން މެޗުގަ އެވެ. 

ރޮޑްރިގޭޒް އަންނަނީ ޓީމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެ ގޮތުން، ގައްދޫ މެޗަށް ނުކުންނައިރު ވެސް ޓީމަށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްގެން މެޗުން ނަތީޖާ ނެެރެވޭތޯ މަސައްކަތްކުރާނެ ކަމަށް ރޮޑްރިގޭޒް ވަނީ ބުނެފަ އެވެ. 

"އަހަރެމެންނަށް މި އޮތީ އުނދަގޫ ޗެލެންޖެއް. ހަގީގަތުގައި ވަރަށް މަސައްކަތް އެބަކުރޭ، ކުޅެން ވެސް ކުޅޭ، މައްސަލަ މި އަންނަނީ ނަތީޖާ ނުނެރެވިގެން، އެކަން ރަނގަޅުވިހާ އަވަހަކަށް ބުރުގެ ކަންކަން ދާނީ ރަނގަޅަށް އަަހަރެން މި ހުރީ އުންމީދާ އެކު،" ރޮޑްރިގޭޒް ބުންޏެވެ. 

ގައްދޫ އާއި ބުރު ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގަ އެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox