ޓެން ހާގަށް ޔަގީންކަމެއް ނެތުމުން އަޔަކްސްގެ އޮފާ ދޫކޮށްލައިފި

Nov 12, 2025, 7:50 AM
ޓެން ހާގަށް ޔަގީންކަމެއް ނެތުމުން އަޔަކްސްގެ އޮފާ ދޫކޮށްލައިފި

އަމްސްޓެޑަމް، ނެދަލެންޑްސް (ނޮވެމްބަރު 12) - ނެދަލެންޑްސްގެ ކޯޗު، އެރިކް ޓެން ހާގް، އަޔަކްސް އަށް އެނބުރި ދިއުމަށް ލިބުނު އޮފާ އަމިއްލަ ސަބަބުތަކެއް ހުރި ކަމަށް ބުނެ ދޫކޮށްލައިފި އެވެ.

އަޔަކްސްގެ ކޯޗުކަމުން ޖޯން ހައިޓިންގާ ވަކިކޮށް، ވަގުތީ ކޯޗެއްގެ ގޮތުގައި ހުރި ފްރެޑް ގްރިމް އެ މަގާމުގައި ސީޒަން ނިމެންދެން ނުހުންނާނެ ކަމަށް އެ ކްލަބްގެ އޮފިޝަލަކު ވަނީ މީޑިއާގައި ބުނެފަ އެވެ. އަޔަކްސް އިން ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ކްލަބްގެ ކުރީގެ ކޯޗު ޓެން ހާގަށް ވަނީ އެނބުރި އަންނަން ހުށަހަޅައިފަ އެވެ.

ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓެން ހާގް، އެނބުރި އަންނަން ބޭނުންނުވި ސަބަބަކީ، ކުރު މުއްދަތެއްގެ ތެރޭގައި އެ ކްލަބްގަައި ހުރި މައްސަލަތަކަށް ހައްލެއް ނުހޯދޭނެއިރު، އެހާ ވަގުތެއް ކަންކަން ރަނގަޅުކުރަން އެ ކްލަބުން ނުލިބޭނެތީ އެވެ.

މި ސީޒަން ފަށައިގެން އެންމެ ތިން މެޗަށް ފަހު، ބަޔާ ލެވަކޫސަނުން ޓެން ހާގް މަގާމުން ވަކިކުރި އެވެ. ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ލެވަކޫސަނާ ހަވާލުވި ޓެން ހާގް، ލެވަކޫސަންގެ ކޯޗުކަމުގެ، ޒިންމާއާ ހަވާލުވެ ހުރި މުއްދަތުގައި، ޖަރުމަނު ލީގުގައި ކުޅުނު ދެ މެޗުން، އެންމެ ޕޮއިންޓެއް ހޯދިފައިވާއިރު، އޭނާގެ ކޮންޓްރެކްޓް އުވާލުމުގެ ބަދަލެއްގެ ގޮތުގައި ލެވަކޫސަނުން ހަތް މިލިއަން ޑޮލަރު ދޭން ޖެހުނެވެ.

ލެވަކޫސަނުން ވަކިކުރި ފަހުން ޓެން ހާގަށް ވަނީ އަޔަކްސްގެ އޮފާގެ އިތުރުން ވުލްވްސްގެ ކޯޗަކަށް ދިއުމުގެ އޮފާ ވެސް ލިިބިފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން ޓެން ހާގް ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އޭގެ ފަހުން، ލެވަކޫސަނާ ހަވާލުވެ، މަގާމުގައި ހުރީ އެންމެ 60 ދުވަހު އެވެ.

ނެދަލެންޑްސްގެ ގޯ އަހެޑް އީގަލްސް ޓީމުން 2012 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޓެން ހާގް، އެއް އަހަރު އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރުމަށް ފަހު ދެން ދިޔައީ ބަޔާން މިއުނިކްގެ ދެ ވަނަ ޓީމަށް ކޯޗުކޮށްދޭށެެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، ބަޔާން މިއުނިކާ ހަވާލުވެހުރިއިރު، 2013-2015 އަށް ޓެން ހާގް ހުރީ ބަޔާންގެ ދެ ވަނަ ޓީމުގެ ކޯޗަކަށެވެ. ބަޔާންގެ ޔޫތު ޓީމުގައި ހޭދަކުރި ދެ އަހަރަށް ފަހު ޓީމެއްގެ ހެޑް ކޯޗެއްގެ މަގާމުގައި ހުންނަން ބޭނުންވާތީ، ޓެން ހާގް ވަނީ އަލުން ނެދަލެންޑްސް ލީގަށް ބަދަލުވެފަ އެވެ.

އެ ގޮތުން 2013 ވަނަ އަހަރު ނެދަލެންޑްސްގެ ޔޫޓްރެކްޓްގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމާއި ހެޑް ކޯޗުގެ ޒިންމާ އެކު އެކީގައި ނަގައި، ޓެން ހާގް ވަނީ އެ ޓީމަށް އެކަށީގެންވާ ކުރިއެރުމެއް ހޯދައިދީފަ އެވެ. ފުރަތަމަ ސީޒަނުގައި ލީގުގެ ފަސް ވަނައިގައި ނިންމިއިރު، ދެ ވަނަ ސީޒަނުގައި ގަދަ ހަތަރަކަށް އަރައި، ޔޫޓްރެކްޓަށް ޔޫރޮޕާ ލީގު ކޮލިފައިން އިން ފުރުސަތު ހޯދައިދިނެވެ.

ޓެން ހާގް، އަޔަކްސްއާ ހަވާލުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އެ ޓީމު ގޮވައިގެން އަހަރުން އަހަރަށް ޓީމެއް އެކުލަވާލައި ކުރި ރަނގަޅު މަސައްކަތުން ޓެން ހާގް ވަނީ 2019 ވަނަ އަހަރު އަޔަކްސް އަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިދީފަ އެވެ. ޗެމްޕިިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އެ ފަހަރު ސެމީން ފުރުސަތު ހޯދި، އަޔަކްސް އަށް ފައިނަލުން ފުރުސަތު ނުލިބުނީ ސެމީގެ ދެ ވަނަ ލެގުގެ ފަހު ވަގުތު ޓޮޓެންހަމުން ލަނޑު ޖެހުމުންނެވެ. އެ ފަހަރު އަޔަކްސް އިން ޗެމްޕިއަންސް ލީގުގެ ސެމީ އަށް ދަތުރުކުރުމަކީ 1997 ވަނަ އަހަރަށް ފަހު އެ ޓީމަށް ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅު ނަތީޖާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox