ޓީސީ ބަލިކޮށް އެފްއޭއެމް ލީގު ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ މާޒިޔާ އަށް

May 25, 2025, 1:00 PM
މާޒިޔާގެ ގޯލު ޖެހުމަށް ފަހު ކުރޯ އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މާޒިޔާގެ ގޯލު ޖެހުމަށް ފަހު ކުރޯ އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެފްއޭއެމް ލީގު ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ޖުމްލަ އެކު، ފަސް ޓީމު ވާދަކުރާ ލީގު ކަޕް ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ އެއް ވަނަ މާޒިޔާ އިން ހޯދީ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. ޓީސީ އަތުން ލީގު ބުރުގައި މާޒިޔާ 2-0 އިން މޮޅުވިިއިރު، ލީގު ބުރުގައި މާޒިޔާ އަށް މޮޅުނުވެވުނީ އޮޑި ސްޕޯޓްސް ކްލަބާ އެއްވަރުވި މެޗެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި، ލީގު ބުރުގެ އެއް ވަނަ، މާޒިޔާ އިން ހަތަރު ވަނަ ދިޔަ ޓީސީއާ ދެކޮޅަށް ހޯދުނީ އުނދަގޫ މޮޅެކެވެ. ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި، މާޒިޔާއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ، މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރާ ދެ ވަނަ ސެމީ ފައިނަލުންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި، މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ. އޭގެ ފަހުން، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ދެ ބޯޅައެއް ޓީސީގެ ކީޕަރު، ސްރީ ލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 34 ވަނަ މިނިޓްގައި، މާޒިޔާގެ ޕޯޗުގަލް ޑިފެންޑަރު، ލުއިސް އަލްމައިޑާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. އޭގެ ތިން މިނިޓް ފަހުން، މާޒިޔާގެ ގޯލު ޖެހީ، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އެވެ. އޭރިއާބޭރުން ކުރޯ އަށް ލިބުނު ބޯޅައެއްގައި ހުރަސް ނަގާނެ ކަމަށް ބެލެވިފައި އޮއްވައި، އޭނާ ފޮނުވާލި ހަމަލާ ކީޕަރު ސުޖަން އަތްމަތިން ގޮސް ވަނީ ގޯލުގެ މަތީ ކަނަށެވެ. މާޒިޔާ އިން ލީޑުނެގުމުގެ ކުރިން، ކައުންޓަ އެޓޭކެއްގައި، ޓީސީގެ އަހުމަދު މާއިޝް ރަޝީދު (މާއި) އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވާޑް، އަޝްހަމް އިބްރާހިމް މުހައްމަދަށް ލިބުނު ފުުރުސަތު ގެއްލުނީ، ރަނގަޅު ވަގުތު ބޯޅަ ފޮނުވާނުލެވުމުންނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން މާޒިޔާގެ ލީޑުޅާކުރަން ހަމްޕު އަށް ދެ ފުރުސަތެއް ލިބި، ރަނގަޅަށް ފޮނުވާނުލެވިގެން ބޭކާރުވީ އެވެ.

ޓީސީ އަށް ގޯލެއް ޖަހަން މެޗުގައި އެންމެ ރަނގަޅު ފުރުސަތު ލިބުނީ 60 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު، މާޔިޒް ވަހީދު އަށެވެ. މާޒިޔާ ޑިފެންޑަރުން ތެރެއިން ހުސްކޮށް، މާޔިޒް އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

މަޑުމަޑުން އެޓޭކަށް ޖެހޭ މިންވަރު އިތުރުކޮށް، ޓީސީން ވަނީ 77 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ކައިރިން ނައްޓާފައި، ޓީސީގެ މާއި ޖައްސާލި ބޯޅަ ހުސްކޮށް އެރި އަޝްހަމް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. އެކަމަކު، ބޯޅަ ފޮނުވާލިއިރު، އަޝްހަމް ހުރީ އޮފްސައިޑްގައި ކަމަށްވުމުން، އެ ގޯލު ބަލައިނުގަތެވެ.

ޓީސީން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ގޮތުން، 80 ވަަނަ މިނިޓްގަައި ބަދަލަކަށް ކުޅެން އެރި، ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ނަފްކޮ އާއި މާޒިޔާގެ އިބްރާހިމް އައިސަމް އަށް ގާތްގާތުގައި ރީނދޫ ކާޑެއް ދެއްކުމަށް ފަހު، ކުޑައިރުކޮޅެއްގެ ތެރޭގައި، ރެފްރީ، އަބްދުﷲ ސާތިރު ވަނީ، ނަފްކޮ އަށް ރަތް ކާޑެއް ދައްކައިފަ އެވެ.

ބަދަލަކަށް ކުޅެން އެރި މާޒިޔާގެ ޒުވާން ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގައި، މެޗުގެ އިތުރު ވަގުތުގައި، ދެ ވަނަ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ހޯދި އެވެ. އެ ގޮތުން، މުހައްމަދު އިލާން އިމްރާން ދިން ބޯޅައެއް އޭރިއާތެރެއިން ހުސްކޮށް އެރި، މުހައްމަދު ޒީކް އަހުމަދު ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox