ރާއްޖެ އަށް ބަންގްލަދޭޝް އަތުން ތާރީހީ މޮޅެއް

ރާއްޖެ އަށް ބަންގްލަދޭޝް އަތުން ތާރީހީ މޮޅެއް

ފީފާ އިންޓަނޭޝަނަލް އެކުވެރިކަމުގެ މެޗެއްގައި މިއަދު ރާއްޖޭން 1-0 އިން ބަންގްލަދޭޝް ދަނޑުގައި އެ ޓީމު އަތުން ތާރީހީ މޮޅެއް ހޯދައިފި އެވެ.

މިއީ ބަންގްލަދޭޝްގައި ކުޅެގެން އެ ޓީމު އަތުން ރާއްޖޭން މޮޅުވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ބަންގްލަދޭޝްގައި ރާއްޖޭން ވަނީ އެ ޓީމާ ދެކޮޅަށް ފަސް ފަހަރު ކުޅެފަ އެވެ. އެއީ، 1985 ވަނަ އަހަރުގެ ސާފް ގޭމްސްގައި 8-0 އިން ރާއްޖެ ބަލިވި މެޗާއި 1995 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗާއި 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި 1-0 އިން ރާއްޖެ ބަލިވި މެޗާއި، އެ ފަހަރު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވި މެޗުގެ އިތުރުން، މިދިޔަ އަހަރުގެ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި، 2-1 އިން ރާއްޖެ ބަލިވި މެޗެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗަކީ މިއަދުގެ މެޗެވެ. މި މެޗުގެ ކުރިން އެންމެ ފަހުން ގައުމީ ޓީމުން ކުޅެފައިވަނީ، ބަންގްލަދޭޝާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގަ އެވެ.

ބަޝުންދަރާ އެރީނާގައި ކުޅުނު މި މެޗު ފަށައިގެން، ބަންގްލަދޭޝް އިން ކުރިއަށް ޖެހިގެން ކުޅެ، ފުރުސަތުތައް ތަނަވަސްކުރި އެެވެ. އެކަމަކު، ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އާއި ޑިފެންޑަރު، ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ވަނީ އެހެން ކުޅުންތެރިންނާ އެކު މަސައްކަތްކޮށް އެ ބޯޅަތައް ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބުކޮށްފަ އެވެ.

ރާއްޖޭން ލީޑުނެގީ މެޗުގެ 18 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ލިބުނު ހިލޭޖެހުމަކުން، ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ބޯޅައަކަށް އަރައި، އަލީ ފާސިރު (ސެންޓޭ) ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ބަންގްލަދޭޝް އިން ކުރި އެޓޭކްތަކުގެ ތެރެއިން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ސޮހޭލް ރާނާ އެވެ. މެޗުގެ 43 ވަަނަ މިނިޓްގައި ސޮހޭލް އެރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ކުރިން، ބަންގްލަދޭޝްގެ އަހުމަދު ފަހީމް ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިކައިރިން ގޮސްފަ އެވެ.

ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ ރާއްޖޭގެ އަހުމަދު އައިހަމް (ފަތޯ) ބަންގްލަދޭޝްގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ގޯލަށް ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން، ސެންޓޭ އަށް ހުސްކޮށް ލިބުނު ބޯޅައެއް ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެވެ.

ކައުންޓަ އެޓޭކުގައި މެޗުގެ 55 ވަނަ މިނިޓްގައި ރާއްޖޭގެ ނާއިޒު ހަސަން (ދާދު) ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަންނަނިކޮށް، ބަންގްލަދޭޝްގެ އީސާ ފައިސަލް ވަނީ ފައުލްކޮށްފަ އެވެ. ރާއްޖޭގެ ކުޅުންތެރިން ރަތް ކާޑެއް ދައްކަން އެޕީލްކުރި ނަމަވެސް، ރެފްރީ ނިންމީ ރީނދޫ ކާޑެއް ދައްކާށެވެ. އެ ފައުލަށް ލިބުނު ހިލޭ ޖެހުމުން ސެންޓޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ބަދަލުތައް ގެނެސްގެން ބަންގްލަދޭޝުން ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔައިރު، މެޗުގެ 74 ވަަނަ މިނިޓްގައި އެ ޓީމުގެ މުޖީބުއްރަހްމާން ޖޯނީ ޖެހި ބޯޅަ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން، ޝެއިހް މޮރްސަލީން ޖެހި ޝޮޓް ވެސް އަމާޒުވީ ކީޕަރު ހުސެން އަތަށެވެ.

މެޗުގެ 85 ވަނަ މިނިޓްގައި އޭރިއާތެރެއިން މޮރްސަލީން ތިރީ ކަނަށް އަމާޒުކޮށް ޖެހި ބޯޅަ ކީޕަރު ހުސެން ވަނީ ހުއްޓުވައިފަ އެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން، ބަންގްލަދޭޝްގެ ރަކީބް ހުސެން ހުސްކޮށް އަރައި ފޮނުވާލި ބޯޅަ ވެސް ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ ދެ ވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox