މުއިއްޒު ވެރިކަމަށް ހޮވުނަސް ޔާމީނު ހުންނާނީ ޖަލުގައި: އިމްރާން

އެމްޑީޕީގެ ބޮޑު ޖަލްސާގައި އިމްރާން ވާހަކަ ދައްކަވަނީ؛ އިމްރާން ވިދާޅުވީ ޑރ. މުއިއްޒުއަށް ވެރިކަން ލިބިއްޖެ ނަމަ ރައީސް ޔާމީން މިނިވަން ނުކުރައްވާނެ ކަމަށް -- ފޮޓޯ: އިޔާން/އަދަދު

އެމްޑީޕީގެ ބޮޑު ޖަލްސާގައި އިމްރާން ވާހަކަ ދައްކަވަނީ؛ އިމްރާން ވިދާޅުވީ ޑރ. މުއިއްޒުއަށް ވެރިކަން ލިބިއްޖެ ނަމަ ރައީސް ޔާމީން މިނިވަން ނުކުރައްވާނެ ކަމަށް -- ފޮޓޯ: އިޔާން/އަދަދު

އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ވެެރިކަމެއްގައި ވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޔާމީނު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މަނީލޯންޑަރިންގެ ކުށާއި ރިޝްވަތުގެ ކުށް ސާބިތުވެގެންނެވެ.

މިރޭ މާލޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ތުހުމަތުކުރެއްވީ، ޑރ. މުއިއްޒަކީ އޭނާ މީގެ ކުރިން ހުންނެވި އެއްވެސް ޕާޓީއަކަށް އިހުލާސްތެރި ބޭފުޅެއް ނޫން ކަމަށާއި، އަބަދުވެސް އުޅުއްވީ މަގާމުތަކުގެ ދަހިވެތިކަމުގައި ކަމަށެވެ. އަދި މުއިއްޒުއަށް ވެރިކަން ލިބިއްޖެ ނަމަ ރައީސް ޔާމީން މިނިވަން ނުކުރާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އާދެ ލޮބުވެތި ރައްޔިތުން، ޕީޕީއެމްގެ ލޮބުވެތި ރައްޔިތުން. މުއިއްޒު ވެރިކަމަށް ހޮވިއްޖިއްޔާ ޔާމީނު އޮންނާނީ ޖަލުގަ. އަޅުގަނޑަށް އެނގޭ" އިމްރާން ޔަގީންކަމާ އެކު ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނު މިނިވަން ނުކުރާނެ ކަމަށެވެ.

މުއިއްޒުގެ ސިޔާސީ ހަޔާތް ފެށުނީ އަދާލަތު ޕާޓީއިންކަން ފާހަގަކުރަވައި އިމްރާން ވިދާޅުވީ އޭރު އޮތް ހާލަތުން އަރައިގަތުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އެޕާޓީއިން ކުރަމުން އައި އިރު މުއިއްޒު އެހުރިހާ ކަމަކާ ވެސް ދެކޮޅު ހެއްދެވި ކަމަށެވެ.

"އެހެން ނަމަވެސް ވެރިކަން ބަދަލުވެ މަގާމުތައް ބަހަން ޖެހުނު ވަގުތު އަޅުގަނޑު ކައިރީ، ކުޑަކުއްޖަކު މަންމަ ކައިރީ އައިސް ރޯހެން އަޅުގަނޑު ކައިރީ މަގާމަކަށް އެދި ރުއީ. އަޅުގަނޑު މުއިއްޒަށް ވަޒީފާ ދިނީ މަންމަގެ ލަގޮނޑިއަށް ކެތް ނުވާ ފަދައިން އަޅުގަނޑުގެ ލަގޮނޑިއަށް ކެތް ނުވެގެން." އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީގައި ހުންނަވަނިކޮށް މަގާމު ދިނުމުން ހައުސިން މިނިސްޓަރު ކަމުގެ ދަހިވެތިކަމުގައި އެމްޑީއޭއާ ގުޅިވަޑައިގަތީ "ދޮންކަޅުމިން" އަންގާނުލާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އެމްޑީއޭ ދޫކުރައްވައި އޭރުގެ ބޮޑު ޕާޓީ ޕީޕީއެމްއަށް ވަޑައިގަތްކަން އެނގުނީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް "ނިދިން ހޭލެވުނު އިރު" ކަމަށް އިމްރާން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނު ޖަލަށް ވަޑައިގަތް އިރު ވެސް މުއިއްޒު ހުންނެވީ ވެރިކަމަށް ދަހިވެތިވެ ފައްކާވެފައި ކަމަށް ވެސް އިމްރާން ތުހުމަތުކުރެއްވި އެވެ.

"ސިޔާމު ރޭގަނޑު ނިދިން ހޭލި އިރު ނޫހުން ފެންނަނީ މުއިއްޒު ޕީޕީއެމްއަށް ބަަދަލުވެއްޖެއޭ. އާދެ މިފަދަ ގޮތަކަށް ގޮސް ދައުރު ނިންމާލައިފި. ޔާމީނު ޖަލަށް ވަދެއްޖެ. މުއިއްޒު ހުރީ ވެރިކަމަށް ހަމަ ފައްކާވެފަ" އިމްރާން ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ފަރާތުން މުއިއްޒު ވެރިކަމަށް ކުރިމަތިލުމުން އެކަމާ ނުރުހުންވާ ބަޔަކު ވެސް އެ ޕާޓީތަކުގައި އެބަ ތިއްބެވެ.

މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށްފަހު އެންމެ ފުރަތަމަވެސް ވެވަޑައިގެންނެވި އެއް ވައުދަކީ އޭނާގެ ވެރިކަމެއްގައި ޔާމީނު މިނިވަންކުރާނެ ކަމަށް ވިދާޅުވުމެވެ. ނަމަވެސް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމެއްނެތި އެކަން ކުރައްވާނެގޮތެއް މުއިއްޒު މިހާތަނަށް ވިދާޅުވެފައެއް ނުވެ އެވެ.

މި އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ވެސް ޕީޕީއެމް ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ހަމަނުޖެހުން ވެސް ހިންގާފައިވެ އެވެ. ޔާމީނަށް ވަފާތެރި ސަޕޯޓަރުން އޭރު ވެސް ތުހުމަތު ކުރީ ޑރ. މުއިއްޒުއަކީ އަމިއްލަ އެޖެންޑާއެއްގެ ދަށުން ވެރިކަން ހޯއްދަވަން އުޅުއްވާ ބޭފުޅުއް ކަމަށެވެ.

ރިޔާސީ ޓިކެޓު އެރުވުމަށްފަހު، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ނިންމާފަ އެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް އަދި މައްސަލާގައި ވަކި ގޮތެއް ނުނިންމެ އެވެ.

އެ ޖަލު ހުކުމާއެކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިވި އެވެ. ހުކުމް އޮތް ނަމަވެސް ޕީޕީއެމުން ޔާމީނުގެ ކެންޑިޑެސީ އީސީއަށް ހުށަހަޅާ، އީސީއިން ކެންޑިޑެސީ ބަލައިނުގަތުމުން ޔާމީނު ވަނީ އިންތިހާބީ ހައްގު ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށްވެސް ގޮސްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންވެސް އިއްތިފާގުވީ ޔާމީނަށް މި އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox