ކްލަބް ވޮލީބޯލް އަތުން ބަދަލުހިފައި ވެމްކޯ އިން ގައުމީ ތަށި އުފުލާލައިފި

Jan 27, 2023, 7:11 PM
ވެމްކޯގެ ކުޅުންތެރިން ގައުމީ ތަށި އުފުލާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެމްކޯގެ ކުޅުންތެރިން ގައުމީ ތަށި އުފުލާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި މިރޭ ކްލަބް ވޮލީބޯލް އަތުން 3-1 ސެޓުން މޮޅުވެ، ކްލަބް ވެމްކޯ އިން ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ލީގު ބުރުގައި ކްލަބް ވޮލީބޯލް އަތުން ވެމްކޯ ވަނީ 3-1 ސެޓުން ބަލިވެފަ އެވެ. އެ ބަލިވުމުގެ ބަދަލުހިފައި ވެމްކޯ އިން ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ކުޅުނު ދެ ވަނަ ގައުމީ ފައިނަލް އެވެ. ވެމްކޯ ވަނީ އެންމެ ފަހުން، 2019 ވަނަ އަހަރުގެ ފައިނަލުގައި ޕޮލިސް ކްލަބް އަތުން ބަލިވެފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ދިޔައީ 25-11، 22-25، 25-19 އަދި 25-14 އިންނެވެ.

ވެމްކޯގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުުޅުނު މިރޭގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި އެ ޓީމުން ވަނީ ތަފާތު ރޫހެއްގައި ކުޅެލައިފަ އެވެ. ކްލަބް ވޮލީބޯލަށް މާ ބޮޑު ފުރުސަތެއް ނުދީ ވެމްކޯ އިން ވަނީ ރަނގަޅު ލީޑެއް މުޅި ސެޓުގައި ވެސް ހިފަހައްޓައިފަ އެވެ. ވެމްކޯގެ ސެޓަރު، ޖޫޒާން ޒަރީރު ދޭ ބޯޅަތަކުގައި އެ ޓީމުގެ ނޭޕާލް ކުޅުންތެރިޔާ، ޕްރަތީބާ މަލީ އާއި ރާއްޖޭގެ އައިޝަތު މާޖިދާގެ ރަނގަޅު އެޓޭކްތަކެއް ފެނިގެންދިޔައިރު، ވެމްކޯ އިން ވަނީ މި ސެޓު، 25-11 އިން ގެންގޮސް ފެށުން ވަރުގަދަކޮށްފަ އެވެ.

ކްލަބް ވޮލީބޯލްގެ ނަރީމާ (ވ) ކައިރިން ވެމްކޯގެ މާޖިދާ ޝޮޓެއް ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެކަމަކު، ދެ ވަނަ ސެޓުގައި، ކްލަބް ވޮލީބޯލް އިން އެނބުރި އައިސް ދެއްކީ ވަރުގަދަ ރޫހެކެވެ. އެ ޓީމުގެ ރިސީވްތަކާއި ޑިފެންސް މި ސެޓުގައި ރަނގަޅު ވުމުން އެޓޭކަރުންނަށް ވެސް އިތުބާރުގައި ކުޅެލަން ލިބުނެވެ. ސެޓުގެ ކުރީކޮޅުގައި ކްލަބް ވޮލީބޯލް އިން އެ ޓީމުގެ ކެޕްޓަން ޝަމްހާ ރިޔާޒު (ޝަމްކޮ) ދޭ ބޯޅަތަކުގައި، އެ ޓީމުގެ ތައިލެންޑް ކުޅުންތެރިޔާ، ނިލަޕާ ޗަޓްސުދާ ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށް ޕޮއިންޓްތަކެއް ހޯދައި، ލީޑެއްނެގި އެވެ.

ކްލަބް ވޮލީބޯލްގެ ދެ ލިބަރޯ އިން ކަމަށްވާ ފައިހާ މުހައްމަދު އާއި މައިހާ އަލީ ވެސް ކުޅެން އަރައި، ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ޝާނިޔާ އަހުމަދު ނިޒާމް ވެސް މޮޅަށް ކުޅެ، މި ސެޓު، 22-25 އިން ކްލަބް ވޮލީބޯލް އަށް ކުރިހޯދައިދޭން އެހީވި އެވެ. މި ސެޓުުގައި ވެމްކޯ އިން 12-12 އިން އެއްވަރުކުރި ނަމަވެސް، ކްލަބް ވޮލީބޯލް ކުޅެމުންދިޔަ ކޮންފިޑެންސް ލެވަލް ރަނގަޅުވުމުން ސެޓު އަނބުރާލެވޭ ގޮތެއް ވެމްކޯ އަށް ނުވި އެވެ.

ވެމްކޯ އިން ތިން ވަނަ ސެޓަށް ނުކުތީ ދެ ވަނަ ސެޓުގައި ގޯސްކޮށްދިޔަ ކަންތައްތަކަށް ވަރަށް ބޮޑަށް ސަމާލުވެގެން އެ އަށް ފަރުވާ ބަހައްޓައިގެންނެވެ. ކްލަބް ވޮލީބޯލް ކުޅުންތެރިންގެ ޑިފެންސާއި ރިސީވް މައްސަލަތައް މި ސެޓުގައި ބޮޑުވުމުގެ ފައިދާ ވެމްކޯ އިން ރަނގަޅަށް ނެގި އެވެ. ވެމްކޯގެ ޕްރަތީބާ އާއި މާޖިދާގެ އިތުރުން، ކެޕްޓަން، އައިމިނަތު އަރީޝާ އާއި އިންޑިއާގެ ކުޅުންތެރިޔާ، ސްޓޭންސީ ފެނާންޑޭސް ވެސް ވަނީ މުހިންމު ޕޮއިންޓްތަކެއް ހޯދައިދީފަ އެވެ.

ކްލަބް ވޮލީބޯލްގެ ލިވާ (ކ) ކައިރިން ވެމްކޯގެ ޕްރަތީބާ ބޯޅައެއް ވައްޓާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިން ވަނަަ ސެޓު، 25-19 އިން ލިބުމުން ވެމްކޯ ޓީމަށް އިތުބާރު ލިބި ހަތަރު ވަނަ ސެޓުގައި ބޮޑު ފަރަގެއްގައި މުޅި ސެޓުގައި ކުޅެލި އެވެ. އެ ގޮތުން މި ސެޓުގައި ވެމްކޯގެ ސެޓަރު، ޖޫޒާން މޮޅު ޕޮއިންޓްތަކެއް ހޯދިއިރު، އައިމިނަތު ރިޔާޝާ ވެސް ޕޮއިންޓްތަކެއް ހޯދައިދިނެވެ. ވެމްކޯ އިން މި ސެޓު، 25-14 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޕްރަތީބާ އެެވެ. މިއީ ޕްރަތީބާ، ރާއްޖޭގެ ގައުމީ މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން، 2016 އާއި 2017 ވަނަ އަހަރު ފުވައްމުލަކު މިސްކިތްމަގު ޓީމާ އެކު ހޯދި އެވެ. އޭގެ ފަހުން، 2019 ގައި ޕޮލިސް ކްލަބުން ވެމްކޯ ބަލިކޮށް ގައުމީ ތަށި ހޯދިއިރު، ޕްރަތީބާ ވަނީ ފައިނަލުގައި ޕޮލިސް ޓީމަށް މޮޅަށް ކުޅެ، އެ ފަހަރުގެ ފައިނަލުގެ ވެސް މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ.

ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނެނީ ވެމްކޯގެ މާޖިދާ، އަރީޝާ، ޖޫޒާން އަދި ރިޔާޝާގެ އިތުރުން ކްލަބް ވޮލީބޯލްގެ ޝާނިޔާ، ނަރީމާ އިދުރީސް (ނަންނި) އަދި ފައިހާ އެވެ.

ފައިނަލް މެޗަށް ފަހު ވެމްކޯ ކުޅުންތެރިން ޗެމްޕިއަން ބެނާއާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ކްލަބް ވޮލީބޯލްގެ ފާތިމަތު ލިވާ ހުސެއިން ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާ އެވެ.

އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އައިޝަތު ނާޒިމާ އެވެ. މިދިޔަ އަހަރު ވެމްކޯ އިން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރިއިރު ވެސް މޮޅު ކޯޗަކަށް ހޮވުނީ ނާޒިމާ އެވެ.

މިރޭގެ މެޗަށް ފަހު ނާޒިމާ ބުނީ މި ފަހަރުގެ މުބާރާތަށް ތައްޔާރުވިއިރު، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ޓީމުގެ ޕްރެކްޓިސްތައް ކުރިއަށްގެންދިޔައީ، އެސިސްޓަންޓް ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ބެލުމުގެ ދަށުން ކަމަށެވެ. އެހެންވެ، ޗެމްޕިއަންކަން ލިބުމުން ބޮޑޭގެ މަސައްކަތް ފާހަގަކޮށް އޭނާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށް ނާޒިމާ ވަނީ ބުނެފަ އެވެ.

ފައިނަލުން ބަލިވި ނަމަވެސް ކްލަބް ވޮލީބޯލްގެ ކޯޗު ސޮފްވާން އަހުމަދަށް އޮތް ހިތްހަމަޖެހުމަކީ އޭނާގެ ޓީމުގެ ބައެއް ކުޅުންތެރިން އަނިޔާގައި ހުރެ ވެސް ރަނގަޅަށް ކުޅުމެވެ.

ސޮފްވާން ދެކޭ ގޮތުގައި ވެމްކޯ ޓީމަށް ޗެމްޕިއަންކަން ލިބުމުގައި އެންމެ ބޮޑު ފަސޭހައަކަށް ދިމާވި އެއް ކަމަކީ އެ ޓީމުގައި ފައިނަލްގައި ކުޅެ އޭގެ ތަޖުރިބާ ލިިބިފައިތިބި ގިނަ ލޯކަލް ކުޅުންތެރިން ތިބުން ކަމަށެވެ. ގިނަ ޒުވާން ކުޅުންތެރިންތަކެއް ލައިގެން، ކްލަބް ވޮލީބޯލް އިން، ގައުމީ މުބާރާތުގެ ފައިނަލާ ހަމައަށް އައިސް މި ކުރި މަސައްކަތުން ދިވެހި ވޮލީ އަށް ވެސް ފައިދާކުރާނެ ކަމަށް ސޮފްވާން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox