މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި އެކި ފަރާތްތަކަށް މެސެޖުކުރަމުންދާތީ ސަމާލުވާން އެދިވަޑައިގެންފި އެވެ.
އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ އޭނާގެ އަމިއްލަ ފޯނު ނަމްބަރު ބޭނުންކޮށްގެން އެސްއެމްއެސް އަދި ވައިބާ މެސެޖްތައް އެކި ފަރާތްތަކަށް ފޮނުވަމުންދާ ކަމަށެވެ.
އެހެންކަމުން، މިފަދަ ކަންކަމަށް ސަމާލު ވުމަށާއި އެފަދަ މެސެޖެއް ލިބިއްޖެނަމަ ލަސްނުކޮށް އެކަމުގެ ހަގީގަތް ސާފުކުރުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑުގެ މޯބައިލް ނަންބަރު 7788937 އިން އެސްއެމްއެސް އަދި ވައިބާ މެސެޖު އެކި ފަރާތްތަކަށް ފޮނުވަމުންދާކަން ހުރިހާ ބޭފުޅުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން. އިއްޔެ އެންމެ ފަހުން މިކަހަލަ ކަމެއް ހިނގީ. ވީމާ އެއްވެސް ބޭފުޅަކަށް އަޅުގަނޑުގެ ނަމްބަރުން މެސެޖެއް ލިބިލައްވާ ނަމަ ސީދާ އަޅުގަނޑު ކައިރިން އޮޅުން ފިލުވާލެއްވުން އެދެން،" މުއިއްޒު ވިދާޅުވި އެވެ.
މީގެ ކުރިންވެސް މުއިއްޒުގެ ނަމުގައި އެކި ފަރާތްތަކަށް ވަނީ ފޭކު މެސެޖުތަކެއް ފޮނުވައިފަ އެވެ.













