ޗެލްސީ ބަލިކޮށް ސިޓީން އާސެނަލާ ދެމެދު ފަރަގުކުޑަކޮށްފި

Jan 6, 2023, 4:33 AM
ސިޓިގެ މާރޭޒް ޗެލްސީ ކޮޅަށް ގޯލު ޖަހަނީ: މާރޭޒް ވަނީ ލީގު ކަޕްގައި ވެސް ޗެލްސީ ކޮޅަށް ލަނޑު ޖަހާފައި.

ސިޓިގެ މާރޭޒް ޗެލްސީ ކޮޅަށް ގޯލު ޖަހަނީ: މާރޭޒް ވަނީ ލީގު ކަޕްގައި ވެސް ޗެލްސީ ކޮޅަށް ލަނޑު ޖަހާފައި.

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު ފަސް ޕޮއިންޓަށް ފަރަގު ކުޑަކޮށްފި އެވެ.

މި ހަފްތާގައި އާސެނަލް ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑާ ލަނޑެއް ނުޖެހި ވީ އެއްވަރެވެ. އެހެންވެ، ސިޓީ އަށް އޮތީ ލީގުގެ ރޭހުގައި ކުރިއަށް ޖެހިލަން ފުރުސަތެއް ލިބިފަ އެވެ.

މި ބުރުގެ ނަތީޖާތަކަށް ފަހު، އާސެނަލް އެއް ވަނައިގައި އޮތީ 17 މެޗުން 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސިޓީ އޮތީ 17 މެޗު ކުޅެގެން 39 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް އަށް 18 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް، ހަތަރެއްގައި އޮތީ 17 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން ދެ ބަދަލެއް މެޗުގެ ކުރީކޮޅުގައި ގެންނަން ޖެހުމެވެ. އެ ގޮތުން ފުރަތަމަ 22 މިނިޓް ތެރޭ އަނިޔާގެ ސަބަބުން ޗެލްސީން ވަނީ ރަހީމް ސްޓާލިން އާއި ކްރިސްޓިއަން ޕުލިސިޗްގެ ބަދަލުގައި ޕިއޭ އެމެރިކް އޮބާމަޔަން އާއި ކާނީ ޗުކުމޭކާ ކުޅެން އަރުވައިފަ އެވެ.

ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑުނަގައިދޭން އޭރިއާ ރޮނގުކައިރިން ޗުކުމޭކާ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ކައިރީ ދަނޑިއަށެވެ. ދެ ވަނަ ހާފުގައި ސިޓީ އަށް ލީޑުނަގައިދޭން އެ ޓީމުގެ ކެވިން ޑި ބްރޭނާ ނެގި ހުރަހަކުން ނޭތަން އަކޭ ބޮލުން ޖެހި ބޯޅަ ޖެހުނީ ގޯލުގެ ހުރަސްދަނޑީގަ އެވެ.

އޭގެ ފަހުން ސިޓީ އޭރިއާތެެރެއިން ލިބުނު ފުރުސަތެެއްގައި ޗެލްސީގެ ތިއާގޯ ސިލްވާ ޖެހި ބޯޅަ ދިޔައީބޭރުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީން ކާމިޔާބުކުރީ 63 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ޖެކް ގްރީލިޝް ނެގި ހުރަހަކުން މި ލަނޑު ޖެހީ ރިޔާދު މާރޭޒް އެވެ. މިއީ މި ފަހަރު ލީގުގައި މާރޭޒް ޖެހި ދެ ވަނަ ގޯލެވެ. މާރޭޒާއި ގްރީލިޝް ކުޅެން އެރީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. އެއީ ފިލް ފޯޑެން އާއި ބެނާޑޯ ސިލްވާގެ ބަދަލުގަ އެވެ. ކުޅެން އެރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގްރީލިޝް އާއި މާރޭޒް ގުޅިގެން ކުރި އެޓޭކްގައި ސިޓީ އަށް ގޯލު ހުޅުވައިދިނީ އެވެ.

ޗެލްސީ އަށް އެއްވަރުކޮށްދޭން ލެވިސް ހޯލް އަށް ލިބުނު ފުރުސަތުން އޭރިއާތެރެއިން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ސިޓީން އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވަނީ ކޮޅަށް ގޯލެއް ނުވަދެ އެވެ. ސިޓީ އާއި ޗެލްސީ އަންނަ އާދިއްތަ ދުވަހު އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ބައްދަލުކުރާނެ އެވެ.

ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު، އެ ޓީމު އޮތީ 17 މެޗުން 25 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.

ރޭގެ މެޗަށް ފަހު ޕޮޓާ ބުނީ މިއީ ޗެލްސީ އަށް މި ސީޒަނުގައި ކުރިމަތިވާނެ އެންމެ އުނދަގޫ ވަގުތު ކަމަށާއި މި ހާލަތު ބަދަލު ކުރެވޭނީ ޓީމެއްގެ ގޮތުގައި އެކުވެގެން މަސައްކަތްކޮށް ނަތީޖާ ނެރެން ކުރެވުނު ހުރިހާ ކަމެއް ކޮށްގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox