ޕްރީ ސީޒަނަށް ހާޒިރެއްނުވޭ، މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަނީ

Jul 8, 2022, 4:26 AM
ކްރިސްޓިއާނޯ ރޮނާލްޑޯ: މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލާނެކަން މިހާރު ގާތްގަނޑަކަށް ވަނީ ޔަގީންވެފައި.

ކްރިސްޓިއާނޯ ރޮނާލްޑޯ: މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލާނެކަން މިހާރު ގާތްގަނޑަކަށް ވަނީ ޔަގީންވެފައި.

މެންޗެސްޓާ (ޖުލައި 8) - މެންޗެސްޓާ ޔުނައިޓެޑްގެ ޕްރީ ސީޒަން ޕްރެކްޓިހަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހާޒިރުނުވެ ދިގުލައިދާ މައްސަލައިގައި އެ ކްލަބުން އޭނާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ރޮނާލްޑޯ، 37، އެ ކްލަބަށް އެންގީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އޭގެ އެއް ދުވަސް ފަހުން، ރޮނާލްޑޯ ޔުނައިޓެޑްގެ ޕްރީ ސީޒަނަށް ރިޕޯޓްކުރަން ޖެހެ އެވެ. އެކަމަކު، މިހާތަަނަށް ރޮނާލްޑޯ، ޔުނައިޓެޑްގެ ޕްރީ ސީޒަން ޕްރެކްޓިހުގައި ބައިވެރިވެފައިނުވެ އެވެ. ކްލަބަށް އަންގާފައިވަނީ އާއިލީ ކަމެއްގެ ސަބަބުން މި ވަގުތު ޓްރެއިނިންގައި ބައިވެރިވެވެން ނެތް ކަމަށެވެ.

އާ ކޯޗު ނެދަލެންޑްސްގެ އެރިކް ޓެން ހާގްްގެ ކޯޗުކަމުގައި ޔުނައިޓެޑުން ތައިލެންޑާއި އޮސްޓްރޭލިއާގައި ކުރިއަށްގެންދާ ޕްރީ ސީޒަން ޓުއާގައި ރޮނާލްޑޯ ބައިވެރިނުވާކަން އެ ކްލަބުން ވަނީ އިއުލާނުކޮށްފަ އެވެ. ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ޔުނައިޓެޑުން މިހާރު ނިންމާފައިވަނި ރޮނާލްޑޯ ވިއްކާލުމަށެވެ.

ޔުނައިޓެޑުން ޓީމު ވަރުގަދަކުރަން ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ހޯދަން ކުރާ މަސައްކަތުގައި ތަފާތެއް ނުފެންނާތީ ވެސް ރޮނާލްޑޯގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އަދި ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަނުކުރާތީ އެ ކްލަބްގެ ސީނިއާ ކުޅުންތެރިންގެ މުސާރައިގެ 25 ޕަސެންޓް އުނިކުރާގޮތަށް ހެދުމަކީ ވެސް ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ނުރުހުންވި ސަބަބެކެވެ.

ތޭރަ އަހަރަށް ފަހު ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން، ޔުވެންޓަސް އަށް ފުރަތަމަ ދެއްކީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން ޔުވެންޓަސް އަށް އިތުރު ނުވަ މިލިއަން ޑޮލަރު ދޭން ވަނީ ކޮންޓްރެކްޓްގައި އެއްބަސްވެފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލާނީ ޔުވެންޓަސް އަށް ދައްކަން ޖެހޭ ބާކީ ނުވަ މިލިއަން ޑޮލަރުގެ ކަންކަމާ މެދު އެއްބަސްވުމަކަށް އަތުވެފަ އެވެ.

ރޮނާލްޑޯ ދެން ބަދަލުވާނީ ކޮން ކްލަބަކަށް؟

ޗެލްސީން ރޮނާލްޑޯ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ދާދިފަހުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ ޗެލްސީގެ އާ ވެރިޔާ، އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ، ދާދި ފަހުން ރޮނާލްޑޯގެ އޭޖެންޓް، މެންޑޭޒްއާ އެކު ބައްދަލުވުމެއް ބާއްވާފައިވާތީ އެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރޮނާލްޑޯގެ ސޮއި ހޯދަން 18 މިލިއަން ޑޮލަރުގެ ބިޑެއް ކުރާނެ އެވެ.

ރޮނާލްޑޯ، އޭނާގެ މަންމަ، ޑޮލޯރެސް އަވެއިރޯ އެދޭތީ ކެރިއަރުގައި އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ޕޯޗުގީސް މީޑިއާ އިން މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރު ރޮނާލްޑޯ، ޔުނައިޓެޑާ ގުޅުމުގެ ކުރިން ސްޕޯޓިން އަށް ގެންދަން ޑޮލޯރެސް މަސައްކަތް ކުރި ކަމަށް ޕޯޗުގަލް ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ އިން ރޮނާލްޑޯގެ ސޮއި ހޯދަން މަސައްކަތް ކުރި ނަމަވެސް އެ ޓީމުގެ ހުށަހެޅުން ރޮނާލްޑޯ ގަބޫލުނުކުރާނެ ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ޔުނައިޓެޑެކޭ އެއްގޮތަށް އަންނަ ސީޒަނުގައި ރޯމާ ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައި ނުވާތީ އެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ރޮނާލްޑޯ އަލުން ރެއާލް މެޑްރިޑަށް ބަދަލުވާން އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، މިހާތަނަށް ރޮނާލްޑޯ އަލުން ގެންނަން ރެއާލުން ޝައުގުވެރިކަން ފާޅުކުރިކަމަށް ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިނުވެ އެވެ.

އެކަަމަކު، ރެއާލްގެ ވާދަވެރި ބާސެލޯނާ އާއި ރޮނާލްޑޯއާ ގުޅުވައިގެން ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. އެއީ ދާދި ފަހުން ރޮނާލްޑޯގެ އޭޖެންޓް، މެންޑޭޒާ އެކު ބައްދަލުވުންތަކެއް ބާއްވާފައިވާތީ އެވެ. ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އާއި މެންޑޭޒާ ބޭއްވުނު މަޝްވަރާތަކުގެ ތެރެއިން ރޮނާލްޑޯގެ ޑީލްގެ ވާހަކަ ވެސް ދެކެވިފައިވެ އެވެ.

އެހެން ނަމަވެސް ރަސްމީ ސިފައެއްގައި ބާސެލޯނާ އިން ރޮނާލްޑޯގެ ސޮއި ހޯދަން މަސައްކަތް ކޮށްފާނެތޯ ކުރި ސުވާލަށް ލަޕޯޓާ ސީދާ ޖަވާބެއް ދޭން ބޭނުމެއް ނުވި އެވެ.

ބަޔާން މިއުނިކާއި ޕީއެސްޖީން ރޮނާލްޑޯ ގެންނަން މާބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެއް ނުވެ އެވެ. ބަޔާންގެ ސީއީއޯ އަދި ކުރީގެ ގޯލްކީޕަރު، އޮލިވާ ހާން ބުނީ ރޮނާލްޑޯ އަކީ ފުޓްބޯޅަ ތާރީހަށް ބަލާއިރު އުފެދުނު މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު ކަމަށާއި އެކަމަކު މި ވަގުތު ބަޔާނުން ދާން ބޭނުންވާ މިސްރާބަށް ބަލާއިރު، އެ ކްލަބުން ގެންގުޅޭ ފިލޯސަފީ އަށް ރޮނާލްޑޯ ފިޓެއް ނޫން ކަމަށެވެ.

މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ކުޅުނު 39 މެޗުން 24 ގޯލު ޖަަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޔުނައިޓެޑުން މިދިޔަ އަހަރު ރޮނާލްޑޯގެ ސޮއި ހޯދީ ވާދަވެރި މެންޗެސްޓާ ސިޓީއާ ވާދަކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox