ވެލެންސިއާ ބަލިކޮށް އީގަލްސް އިން ލީގުގެ ރޭހަށް

Jun 21, 2022, 6:35 PM
އީގަލްސްގެ ރިޒޭ (ކ) އާއި އިންމަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އީގަލްސްގެ ރިޒޭ (ކ) އާއި އިންމަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ އަތުން 3-1 އިން މޮޅުވެ، ކްލަބް އީގަލްސް އިން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެ ޕޮއިންޓަށް ގާތްކޮށްފި އެވެ.

މިއީ އީގަލްސްގެ ކޯޗުކަމާ މުހައްމަދު އާތިފް (އާތީ) ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އާތީގެ ކޯޗުކަމުގައި އީގަލްސް އިން މޮޅަކުން ފެށިއިރު، އޭނާ މި ކާމިޔާބު މި ހޯދީ ފުރަތަަަމަ ޑިވިޝަނުގައި އެންމެ ފަހުން އިރުޝާދު ދިން ޓީމު އަތުންނެވެ. މިދިޔަ ސީޒަނުގައި އާތީ ވެލެންސިއާ ކޯޗަކަށް ހުރިއިރު، އީގަލްސްއާ ހަވާލުވުމުގެ ކުރިން ވަނީ ބ. އޭދަފުށީގެ ކްލަބް އޭދަފުށްޓަށް ކޯޗުކޮށްދީފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަށް 12 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް އަށް ވަނީ 13 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. ތޭރަ މެޗުން 16 ޕޮއިންޓާ އެކު ވެލެންސިއާ އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. މިރޭގެ މެޗުން ބަލިވިއިރު، ވެލެންސިއާ ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފަ އެވެ.

އީގަލްސް އާއި ވެލެންސިއާ އިން މެޗަށް ނުކުތްއިރު ވަނީ އެ ޓީމަށް އެންމެ ފަހުން ޓްރާންސްފާ މާކެޓްގައި ގެނައި ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. ވެލެންސިއާ އިން ޓްރާންސްފާގައި އެ ޓީމާ ގުޅުނު އަބްދުﷲ ހަނީފް (ބެންޖޯ)، މުހައްމަދު އުމެއިރު، އަލީ ޝާމިސް (ތޮއްޕޭ) ލައިގެން ފެށިއިރު، އީގަލްސް އިން ވަނީ އެ ޓީމާ ގުޅުނު އެންހެލް މުނޯޒް އާއި މިސްރުގެ ޑިފެންޑަރު އަހުމަދު ސޯބީ އަށް ފަށަން ފުރުސަތު ދީފަ އެވެ.

ވެލެންސިއާގެ ބެންޖޯ (ކ) ކައިރިން އީގަލްސްގެ އައްމަޑޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މެޗު ފަށައިގެން މާގިނައިރެއްނުވެ، އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އީގަލްސް އިން ލީޑުނެގީ މެޗުގެ 25 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން އަހުމަދު ހަސަން (އައްމަޑޭ) ޖެހި ގޯލު މިސްރާބު ބަދަލުވެގެން ގޮސް އަމާޒުވީ ގޯލުގެ ތެރެއަށެވެ. އެ ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އަށް ހުއްޓުވޭނެ ގޮތެއް ނެތެވެ.

ފުރަތަަމަ ހާފުގައި ވެލެންސިއާ އަށް ގޯލު ޖަހައިދޭން އަބްދުﷲ ޔާމީން (ޔާނު) އާއި އުމެއިރު ޖެހި ބޯޅަތައް ދިޔައީ ގޯލާސީދާނުވެ އެވެ. އީގަލްސް ގޯލުގައި ހުރި ހަސަން އަލީފް އިބްރާހިމް ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާއެއް ވެލެންސިއާ އަށް ފުރަތަމަ ހާފުގައި ފޮނުވާލެވޭ ގޮތެއްނުވި އެވެ. އީގަލްސްގެ ޑިފެންސްލައިނުން ވަނީ ވެލެންސިއާގެ ހަމަލާތައް ބްލޮކްކުރުމުުގައި ކާމިޔާބު ހޯދައިފަ އެވެ.

އީގަލްސް އިން ދެ ވަނަ ހާފް ފެށިގެން ތިން ވަނަ މިނިޓްގައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި މި ގޯލު ޖެހީ އިމްރާން ނަޝީދު (އިންމަ) އެވެ. އީގަލްސްގެ ފޯވާޑް، އަހުމަދު ރިޒްވާން (ރިޒޭ) ޖެހި ބޯޅައެއް ކީޕަރު ފައިސަލް ފައިގައި ޖެހިފައި މައްޗަށް އެރި ވަގުތު ރަނގަޅުތަނެއް ވަދެ، އިންމަ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ވެލެންސިއާގެ ތޮއްޕޭ (ވ) ކައިރިން އީގަލްސްގެ ރިޒޭ ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެލެންސިއާ އިން ގޯލެއް ޖަހައި މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތް މެޗުގެ 55 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. އަނިޔާ އަށް ފަހު، ކުޅުމަށް އެނބުރި އައި ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް އޭރިއާތެެރެއަށް ހުރަސްކޮށްލި ބޯޅަ އުމެއިރު ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ. މިއީ މާޒިޔާ ދޫކޮށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވެލެންސިއާ އަށް ބަދަލުވެ، އެ ޓީމަށް އުމެއިރު ޖަހައިދިން ފުރަތަމަ ގޯލެވެ.

މެޗުގެ 81 ވަނަ މިނިޓްގައި ވެލެންސިއާގެ އިސްމާއިލް އީސާ (މެސީ) ހުސްކޮށްލާފައ އޭރިއާތެރެއިން ޔާނު އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ ފަަސް މިނިޓް ފަހުން އޭރިއާ ރޮނގުކައިރިން ވެލެންސިއާގެ ހަލީލް ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ނަތީޖާ ހަމަހަަމަކުރަން ވެލެންސިއާ އިން ކުރި މަސައްކަތް ކާމިޔާބުނުވެ، މެޗުގެ 90 ވަނަ މިނިޓްގައި އީގަލްސް އިން ވަނީ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ރިޒޭ ހުސްކޮށްލާފައި ދިން ބޯޅައަކުން އައްމަޑޭ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ފައިސަލް އަތުގައި ޖެހިފަ އެވެ.

އީގަލްސް އިން ލީގު ބްރޭކަށް ދިޔައިރު، ނިންމާލީ ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވެގެންނެވެ. އެނބުރި އައިސް މޮޅަކުން ފެށުމުން ލީގުގެ ރޭހަށް ވަންނަން އެ ޓީމަށް ފަސޭހަވާނެ އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ. އަދި މާދަމާރޭ މާޒިޔާ އާއި ޓީީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox