ސިޓީން ހަރަދުކުރަނީ ހަމައެކަނި ޗެމްޕިއަންސް ލީގު ހޯދާކަށް ނޫން: ގާޑިއޯލާ

May 7, 2022, 5:26 AM
ސިޓީން ހަރަދުކުރަނީ ހަމައެކަނި ޗެމްޕިއަންސް ލީގު ހޯދާކަށް ނޫން: ގާޑިއޯލާ

މެންޗެސްޓާ (މެއި 7) - މެންޗެސްޓާ ސިޓީން ހަރަދުކުރަނީ ހަމައެކަނި ޗެމްޕިއަންސް ލީގު ހޯދާކަށް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ހިތްދަތި ގޮތަކަށް ރެއާލް މެޑްރިޑް އަތުން ކެޓުމުން ސިޓީ އަށް އަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. ހާއްސަކޮށް، ސިޓީން ފުޓްބޯޅައިގައި ކުރިއަށްދާން ކުރާ ބޮޑު ހަރަދުތަކާ އެއްވަރުގެ ކާމިޔާބީއެއް ނުލިބޭ ކަމަށް ބުނެ މީޑިއާގައި ވާހަކަދެކެވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގެ މެޗުތަކުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާއާ ބޮޑަށް އަމާޒުވީ ޗެމްޕިއަންސް ލީގާ ގުޅޭ ސުވާލުތަކެެވެ. ސިޓީގައި މި ވަގުތު އޮތް ޓީމަށް ޗެމްޕިއަންސް ލީގު ހޯދިދާނެތޯ އެހުމުން ގާޑިއޯލާ ބުނީ އެއީ "ޔަގީންކަމާ އެކު ޖަވާބު ދެވޭނެ" ކަމެއް ނޫން ކަމަށެވެ.

"މި ކްލަބް ގަތް މީހުން މި ހުރިހާ ހަރަދެއް ނޫނީ ހުރިހާ ކަމެއް މި ކުރަނީ ހަމައެކަނި ޗެމްޕިއަންސް ލީގު ހޯދާކަށް ނޫން. އެ މީހުން އެކަން ކުރަނީ ވާދަކުރެވެން އޮތް ހުރިހާ މުބާރާތެއްގައި ވާދަކޮށް، ކާމިޔާބު ހޯދަން،" ގާޑިއޯލާ ބުންޏެވެ. "ތެދެއް، އަހަރެން ބޭނުން ޗެމްޕިއަންސް ލީގު ހޯދަން. ފަހަރެއްގައި ވެދާނެ އަހަރެންގެ ކިބައިގައި އެ މީހުންނަށް ޗެމްޕިއަންސް ލީގު ހޯދައިދެވޭނެ ފެންވަރު ނެތީ ކަމަށް. އެއްވެސް މީހަކަށް ނޭނގޭނެ އެހެން ކޯޗަކު ހުރެގެން ނޫނީ އެހެން ކުޅުންތެރިންތަކެއް ތިބެގެން މި ޓީމު ވާނެ ގޮތެއް ބުނަން،"

ޔޫއޭއީގެ މަހުޖަނު ޝެއިހް މަންސޫރު، ސިޓީ ގަތީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމަށް ނުލިބޭ ބޮޑު ކާމިޔާބަކީ ޗެމްޕިއަންސް ލީގެވެ. ގާޑިއޯލާ ބުނީ ސިޓީ އަށް ޗެމްޕިއަންސް ލީގު ނުލިބުމަކީ ފެއިލްވުމެއް ނޫން ކަމަށެވެ.

އެންމެ ފަހުން ގާޑިއޯލާ ޗެމްޕިއަންސް ލީގު ހޯދީ 2011 ވަނަ އަހަރު ބާސެލޯނާއާ އެކު އެވެ. އޭގެ ފަހުން ބަޔާން މިއުނިކާއި ސިޓީގައި އެކަން ހާސިލެއްނުވެ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުން ސިޓީ ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެެ.

ގާޑިއޯލާ ބުނީ ކްލަބެއްގެ ގޮތުގައި ސިޓީން ކުރިއަށްދާނަމަ ކުރަން ޖެހޭނެ އެއް ކަމަކީ ރެއާލް ދަނޑުގައި ނަތީޖާ އެނބުރުނު ގޮތުން ފިލާވަޅު ނަގައި ކުރިއަށް ދިއުން ކަމަށެވެ.

ސިޓީން މި ސީޒަނުގައި ދެން އަމާޒުހިފާފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި، ތަށްޓަކާ އެކު ސީޒަން ނިންމާލުމަށެވެ. ސިޓީ, މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ބާކީ އޮތް ހަތަރު މެޗުން މޮޅުވެއްޖެނަމަ ސިޓީ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox