ޗެމްޕިއަންކަން ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް: ނިޔާ

Apr 30, 2022, 12:16 AM
ހުޅުމާލެ ވެޓެރަންސް ޓީމުގެ ކޯޗު ނިޔާ: ތަށި ހޯދޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހުޅުމާލެ ވެޓެރަންސް ޓީމުގެ ކޯޗު ނިޔާ: ތަށި ހޯދޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު މޯލްޑިވްސް ސޮކަ މޭޓްސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހުޅުމާލެ ވެޓެރަންސް ކްލަބަށް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ބުނެފި އެވެ.

ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓެރަންސް ވެސް ފައިނަލުން ޖާގަ ހޯދީ ހަތް ޓީމު ވާދަކުރި ލީގު ބުރުގައި މެޗަކުން ބަލިނުވެ އެވެ. ދެ ޓީމަށް ވެސް ލިބުނީ 14 ޕޮއިންޓެވެ. ހުޅުމާލެ ވެޓެރަންސް ކުރި ހޯދީ ލަނޑުގެ ތަފާތުންނެވެ. ލީގު ބުރުގައި މި ދެ ޓީމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ފައިނަލްގެ ކުރިން އިއްޔެ ހަވީރު ޓާފް ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާ ބުނީ ދެ ޓީމު ވެސް ބަލިނުވެ ފައިނަލަށް ދިޔަ ކަމުގައި ވިޔަސް، މުބާރާތުގައި ހުޅުމާލެ ވެޓެރަންސް އިން ދެއްކި ކުޅުމަށް ބަލާއިރު ފައިނަލާ މެދު ކުރެވޭ އުންމީދު ބޮޑު ކަމަށެވެ.

"މި ޓީމު (ހުޅުމާލެ ވެޓެރަންސް)ގެ ފެންވަރުގައި ކުޅެލައިފިއްޔާ ނޫނީ އަޅުގަނޑުމެން ކުޅެފައި ހުރި މެޗުތަކަށް ބަލާފައި، ކުޅުންތެރިން ދައްކާފައިވާ ޕާފޯމަންސަށް ބަލާއިރު، ތަށި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ނިޔާ ބުންޏެވެ.

ހުޅުމާލެ ވެޓެރަންސް އިން ފައިނަލަށް ދަތުކުރީ ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، ދެ މެޗު އެއްވަރުކޮށްގެންނެވެ. ނިޔާ ބުނީ ފައިނަލާ ހަމައަށް ކުރި ދަތުރު ފަސޭހަ ކަމަށް ވިޔަސް ފައިނަލް މެޗު އެހެން ނުވާނެ ކަމަށެވެ.

"ސޮކަ މޭޓްސް އަކީ ވެސް ސީނިއާ ގިނަ ކުޅުންތެރިންތަކެއް، ތަޖުރިބާ ވެސް ހުރި ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެއް، ފައިނަލެއް ފަސޭހައެއް ނުވާނެ. އެހެން ނަމަވެސް މި ޓީމުގެ ފެންވަރަށް ބަލާއިރު، މި ޗެމްޕިއަންޝިޕް ނެގޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ނިޔާ ބުންޏެވެ.

ހުޅުމާލެ ވެޓެރަންސްގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކޮޔަރޭ ކުޅެނީ: ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އެ މެޗަށް ފަހު އޭނާ މުބާރާތުގައި ނުފެނޭ.

މި ފަހަރުގެ ވެޓެރަންސް މުބާރާތަށް ހުޅުމާލެ ވެޓެރަންސް އިން އެންމެ ބޮޑަށް ޓީމު ރޭވުމުގައި ބަރޯސާވި އެއް ކުޅުންތެރިއަކީ އަލީ ޝަމީމް (ކޮޔަރޭ) އެވެ. ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ނިއު ރޭޑިއަންޓްގައި މޮޅަށް ކުޅެ، މި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކޮޔަރޭ އަށް މި ފަހަރުގެ މުބާރާތުގައި އަނިޔާވެގެން ގިނަ މެޗުތަކުގައި ނުކުޅެވޭއިރު، ފައިނަލުގައި ވެސް ނުފެންނާނެ އެެވެ.

ކޮޔަރޭ ނުލައި ފައިނަލުގައި ކުޅެން ޖެހޭކަން ޔަގީންވެފައިވާއިރު، ހުޅުމާލެ ޓީމުން ފައިނަލަށް ވަނީ އޭދަފުށީގެ ތަރި، އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) ގެެނެސްފަ އެވެ. ފައިނަލް ވެގެންދާނީ މަޖިއްޓެ މުބާރާތުގައި ކުޅޭ ހަމައެކަނި މެޗަށެވެ.

"ޓީމު ވަރުގަދަ ކުރަންވެގެން މަޖީދު މި ގެނައީ. އޭނަގެ ބޭނުން ހިފެން ހުރި ހުރިހާ ގޮތަކަށް ހިފާނަން،" ނިޔާ ބުންޏެވެ.

މީގެ ކުރިން މި މުބާރާތުގައި ކުޅުނު ނިޔާ މި ފަހަރު ވެސް އަމާޒު ކަނޑައަޅައިގެން ހުރީ މުބާރާތުގައި ކުޅޭށެވެ. އެކަމަކު، ޕްރެކްޓިހުގައި އެކަށޭނެ ވަރަށް ބައިވެރިނުވެވޭތީ އޭނާ ނިންމީ ކޯޗިން ޓީމާ ގުޅޭށެވެ. މި އަހަރު ނުކުޅެވުނު ކަމުގައި ވިޔަސް އަންނަ އަހަރު މުބާރާތުގައި ކުޅެލުމުގެ އުންމީދު އެބައޮތް ކަމަށް ނިޔާ ވަނީ ބުނެފަ އެވެ.

"ރާއްޖޭގައި ކުރިން ކުޅެލާފައި ތިބި ކުޅުންތެރިންނަށް މި ކަހަލަ މުބާރާތެއް އޮތުން ވެސް މުހިންމު. ދަނޑުމަތިން ނުފައިބާ އެ ތިބޭ ތިބުމަކީ މި ކަހަލަ މުބާރާތެއް އޮތުން. އޭގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ކޮންމެ ވެސް ކަހަލަ ރަނގަޅު ކަންތައްތަކެއް އެބަވޭ،" ކުރިން ނިއު ރޭޑިއަންޓަށް ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްދިން ޓީމުގެ ފަހަތަށް ކުޅުނު ނިޔާ ބުންޏެވެ.

ނިޔާ ބުނީ މި މުބާރާތުގައި އުޅޭ އެކި ކުޅުންތެރިންނަކީ ފުޓްބޯޅަ އަށް މި ވަގުތު ވެސް އެކި ހިދުމަތްތަކެއް ކޮށްދެމުން އަންނަ ފަރާތްތައް ކަމަށާާއި މި އެންމެން ވެސް ބަދަހިކޮށް ގުޅިގެން ތިބުމަކީ ފުޓްބޯޅަ އަށް ފައިދާކުރާނެ ކަމެއް ކަމަށެވެ. އަދި ކުރިން ވެޓެރަންސް ކަޕަކީ ވަރަށް ބޮޑަށް ވާދަވެރިވެފައި އޮންނަ މުބާރާތެއް ވިޔަސް ފަަހަކަށް އައިސް ފެންނަނީ އެކުވެރި ރޫހެއްގައި ފޯރީގައި ކުޅެވޭ މުބާރާތެއްގެ ގޮތުގައި ކަމަށް ނިޔާ ގަބޫލުކުރެ އެވެ.

އަދި މި މުބާރާތް ގަވާއިދުން ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ނިޔާ ވަނީ ބުނެފަ އެވެ.

ސޮކަ މޭޓްސްގެ ކޯޗު އައްމަޑޭ: ފައިނަލުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސޮކަ މޭޓްސްގެ ޓާގެޓަކީ ވެސް ތަށި

މި ފަހަރުގެ ވެޓެރަންސް މުބާރާތުގައި ބައިވެރިވި ހަތް ޓީމަށް ބަލާއިރު، އެންމެ ވަރުގަދަކޮށް ފެނުނު ދެ ޓީމު ވެސް މި އޮތީ ފައިނަލުގަ އެވެ. ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު، އެހެން ޓީމުތަކަށް ވުރެ، ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓެރަންސް އޮތީ ވަރުގަދަކޮށެވެ.

ސޮކަ މޭޓްސްގެ ކޯޗު އަހުމަދު މުހައްމަދު (އައްމަޑޭ) ބުނީ މުބާރާތުގެ ފައިނަލުގައި ބަލައިލާން އެ ލިބެނީ މުބާރާތުގެ އެންމެ ވަރުގަދަ ދެ ޓީމުގެ ފޯރިގަދަ މެޗެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ނުކުންނާނީ މޮޅުވާން. މޮޅުވެގެން ފައިބާނީ. އިންޝާﷲ. ދެ ޓީމަށް ބަލާއިރު، ހުރިހާ ގޮތަކުން ވެސް އެޑްވާންޓޭޖް އޮތީ އެ މީހުންނަށް. ހުރިހާ ގޮތަކުން ވެސް އެޑްވާންޓޭޖް އޮތީ އެ މީހުންނަށް،" އައްމަޑޭ ބުންޏެވެ.

ޖުމްލަ ސްކޮޑަށް ބަލާއިރު، ސޮކަ މޭޓްސްގައި ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެކަމަކު، ކޮވިޑާ ހެދި މި އައި ބްރޭކުގެ ސަބަބުން ނުކުޅެ ތިބެން ޖެހުމުން ފިޓްނަސް އަށް އަސަރުކޮށްފައިވާތީ ބައެއް ކުޅުންތެރިންނަށް އަސްލު ލެވަލްގައި އެންމެ ރަނގަޅު ކުޅުން ދައްކަން ވަނީ އުނދަގޫވެފަ އެވެ.

"ވާނެ ގޮތަކީ ވަރުބަލިވެއްޖިއްޔާ ޗޭންްޖް ކޮށްލަން ޖެހޭނެ. ޗޭންޖް ކޮށްލިޔަސް ނުކުންނަން ތިބީ އެ ވަރުގެ ޕްލޭޔަރުންގެ ގޮތުގައި މި ދެކެނީ. ރަނގަޅުވާނެ އިންޝާﷲ،" އައްމަޑޭ ބުންޏެވެ.

ސޮކަ މޭޓްސް ފައިނަލަށް ނުކުންނައިރު، ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މުހުތާރު ނަސީރު (ޓޫކިލޯ) އަށް މި މެޗުގައި ނުކުޅެވުމެވެ. ޓޫކިލޯ އަށް އަނިޔާވީ ލީގު ބުރުގައި ސޮކަ މޭޓްސް އިން ހުޅުމާލެ ވެޓެރަންސާ ކުޅުނު މެޗުގަ އެވެ.

ހުޅުމާލެ ވެޓެރަންސް އާއި ސޮކަ މޭޓްސް ކުޅޭ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު 16:15 ގަ އެވެ. މެޗު ކުޅެނީ ޓާފް އެއް ނަމްބަރު ދަނޑުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox