އެފްއޭއެމް ވެޓްރަންސް ލީގު: ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭ ދެ ވަނަ އަށް

Apr 13, 2022, 5:18 PM
ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކުލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް 4-0 އިން ފަސޭހަ މޮޅެއް ހޯދައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ލީގު ބުރުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މިހާތަނަށް މުބާރާތުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައިވާ ދަ ގްރާންޑޭ މި ވަގުތު އޮތީ ނުވަ ޕޮއިންޓާ އެކު ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދައި ލަނޑުގެ ތަފާތުން ކުރީގައި އޮތް ހުޅުމާލެ ވެޓްރަންސް އެވެ. އެ ޓީމު ވެސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށްފަ އެވެ. ތިން ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ މޯލްޑިވްސް ސޮކަ މޭޓްސް އެވެ.

ގްރީން ސްޓްރީޓްސް ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ. މެޗުގެ ކުރީކޮޅު މި ގޯލު ޖަހައިދިނީ ހަސަން ޝަރީފު އެވެ. މިއީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޝަރީފު ޖެހި ގޯލެކެވެ. މި ގޯލަށް ފަހު ވެސް ޝަރީފަށް ގޯލު ޖަހާނެ ފުރުސަތެއް ލިބުނެވެ. މެދުތެރެއިން ޖައްސާލި ބޯޅައަށް ކުރިއަށް ޖެހިލައި އޭރިއާ ތެރެއަށް ނުވަދެވެނީސް ކީޕަރު ކުރިއަށް ނިކުތެވެ. ޝަރީފު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި ހާފުގައި ދަ ގްރާންޑޭ އިބްރާހިމް ޒައީމް ވެސް ރަނގަޅު ހަމަލާއެއް އުފެއްދި އެވެ. އޭރިއާ ބޭރުގައި ހުރެފައި ޒައީމް ގޯލްގެ މަތީ ކަނަށް ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު މައީޝް މުހައްމަދު މަތަކުރި އެވެ. އޭގެ ފަހުން ގްރާންޑޭގެ ފޯވާޑް އަހުމަދު ޝަކީބު ފޮނުވާލަން މަސައްކަތްކުރި ބޯޅަވެސް ކާމިޔާބުނުވީ ކީޕަރު މައީޝް ނުކުމެ ހުރަސް އެޅުމުންނެވެ.

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުޅި މެޗު ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާ އުފެއްދި ދަ ގްރާންޑޭ އިން ދެ ވަނަ ހާފުގައި އިތުރު ތިން ގޯލު ޖެހި އެވެ. ދެ ވަނަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޒައީމް ޖެހި ގޯލެކެވެ. މިއީ ގްރީން ސްޓްރީޓްސްގެ އޭރިއާ ތެރެއިން ޑިފެންޑަރު އަބްދުﷲ ވަހީދު ދަ ގްރާންޑޭގެ ޝަކީބު އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މި ޕެނަލްޓީ ޖެހުމުގެ ކުރިން ގްރާންޑޭގެ އިލްޔާސް އިބްރާހިމަށް ގޯލެއް ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ބޭރުން ޝަރީފް ފޮނުވާލި ހިލޭޖެހުން ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ހުސްކޮށް ލިބުނީ އިލްޔާސް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ޝަކީބު ނަގައިދިން ހުރަހަކުން ޝަރީފަށް ލިބުނު ބޯޅަ ވެސް އޭނާއަށް ގޯލާ އަމާޒެއް ނުކުރެވުނެވެ.

ދަ ގްރާންޑޭގެ ތިން ވަނަ ލަނޑު ޖަހައިދިނީ އަބްދުލް ހަފީޒެވެ. މިގޯލަކީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އިބްރާހިމް އާދަމް މަނިކު ފަހަތުން ރަނގަޅަށް ބޯޅަ ދިފާއު ނުކުރެވު އުޅެނިކޮށް ދަ ގްރާންޑޭގެ ޝަކީބަށް ލިބުނު ބޯޅައަކުން ތަނަވަސްކުރި ފުރުސަތުން ޖެހި ގޯލެކެވެ. ޝަކީބަށް ބޯޅަ ގޯލަށް ފޮނުވާ ނުލެވުނީ ކީޕަރު މައީޝް އެ ބޯޅަ އަށް ނުކުމެ ޓެކުލް ކުރުމުންނެވެ. ކީޕަރު މައީޝް ފައިގައި ޖެހިފައި އެ ބޯޅަ ލިބުނީ ހުސްކޮށް ހުރި ހަފީޒަށެވެ. އޭނާ ވަނީ ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ދަ ގްރާންޑޭ އިން ލީޑު ފުޅާކުރަން ދެން ހުސް ފުރުސަތެއް ލިބުނީ މުހައްމަދު ޝާހީން އަށެވެ. ދަ ގްރާންޑޭގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ފަޒީމް ހުސްކޮށްލާފައި ދިން ބޯޅަ ޝާހީން ބޮލުން ފޮނުވާލުމުން އެބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ދަ ގްރާންޑޭ އިން ޖެހި ފަހު ގޯލަކީ ޝަކީބުގެ މަސައްކަތުން ޖެހި ގޯލެކެވެ. ގްރީން ސްޓްރީޓްސް އިން ނެގި ކޯނަރެއްގައި ފަހަތުން ދިފާއުކުރި ބޯޅަ މެދު ރޮނގު ކައިރިން ބޭރަށް ދިޔުމުގެ ކުރިން ޝަކީބް ވަނީ އެ ބޯޅަ ހޯދައިފަ އެވެ. އެ ބޯޅަހިފައިގެން ގޮސް ޝަކީބް ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން މުޅި މެޗުގައި ފޮނުވާލި އެންމެ ރަނގަޅު ހަމަލާ ފޮނުވާލީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގަ އެވެ. މިއީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އެކެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމުން މުހައްމަދު އަރީފް (އަރިއްޕެ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ދަނޑި އަށެވެ.

މުބާރާތުގައި މާދަމާ ހަވީރު 16:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި މޯލްޑިވްސް ސޮކަ މޭޓްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox