ބަންގްލަދޭޝް މެޗު މުހިންމު، ރާއްޖޭގެ އަސްލު ގޯލަކީ އޭޝިއަން ކަޕަށް ކޮލިފައިވުން: މޮރިއޭރޯ

ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މާދަމާރޭ ބަންގްލަދޭޝާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗަކީ ޖޫން މަހު އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ތައްޔާރީ އަށް ބަލާއިރު ވަރަށް މުހިންމު މެޗެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވި ފަހުން އަދި ރަސްމީ މެޗަކުން މޮޅެއް ނުވެ އެވެ. މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން މިހާތަނަށް ކުޅުނު ތިން މެޗަކީ މިދިޔަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގެ މެޗުތަކެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ 4-4 އިން ލަންކާއާ އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުން ބަންގްލަދޭޝް އަތުން 2-1 އިން ބަލިވިއިރު، ތިން ވަނަ މެޗުން ސީޝެލްސްއާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ.

މާދަމާރޭގެ މެޗުގެ ކުރިން މިއަދު މެންދުރު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ އެންމެ ފަހުން ލަންކާގައި ބަންގްލަދޭޝް އަތުން ބަލުވި މެޗުގައި ނަތީޖާ ނޫން ކަންކަން ރަނގަޅަށް ދިޔަ ކަމަށާއި އެ މެޗުން ފިލާވަޅު ނަަގައިގެން މާދަމާރޭ މޮޅުވާން ބޭނުންވާ ކަމަށެވެ.

"އެ މެޗުގެ ނެގެޓިވް ކަންތައްތަކުގެ އަސަރު ހުރި. އަހަރެންނަށް އެބައޮތް މި ޓީމާ މެދު އިތުބާރު. ވަރަށް ބޮޑަށް މި ޓީމު ކުރިއަރާނެތަން އެބަފެނޭ،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ވަނީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ޕްރެޒިޑެންޓްސް ކަޕްގެ މެޗުތަކާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ބަލައިފަ އެވެ. އަދި ޓީމުތައް ޕްރެކްޓިސްތައް ބަލަން ވެސް މޮރިއޭރޯގެ އިތުުރުން ދާދި ފަހުން ގައުމީ ޓީމަށް ގެނައި ޕޯޗުގީސް އެސިސްޓަންޓް ކޯޗު ސިމާއޯ ކޮސްޓާ ވަނީ ގޮސްފަ އެވެ.

މެޗުތަކާއި ޕްރެކްޓިސްތައް ބަލާފައި މޮރިއޭރޯ އެންމެ ހިތްހަމަޖެހުނު ކަމަކީ ރާއްޖޭގެ ފުޓްބޯޅައިގައި "ޓެކްނިކަލް" ކަންތައްތައް ރަނގަޅު ލެވަލެއްގައި ހުރުމެވެ. މޮރިއޭރޯ އަށް ޕޮޒިޓިވްކަމެއްގެ ގޮތުގައި ދެން ފެނުނީ ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ތިބުމެވެ.

"އަހަންނަށް ވަރަށް ޒުވާން ވަރަށް އުންމީދީ ކުޅުންތެރިންތަކެއް އެބަފެނޭ. އަހަރެންގެ ގޯލަކީ މި ކުޅުންތެރިން އަހަންނާ އެކު ކުރިއަރައިގެންދާތަން ދެކުން. އެބަތިބި މަދުން ނަމަވެސް ތަޖުރިބާހުރި ބޭނުންހިފޭނެ މުހިންމު ކުޅުންތެރިން. އެއީ ވެސް ރަނގަޅެއް. އެކަމަކު، މިހެން ވަގުތުތައް ހިނގައިދެންދާއިރު، އެ ކުޅުންތެރިންގެ ބަދަލުގައި އެހެން ކުޅުންތެރިން ވެސް ނެރެން އެބަޖެހޭ. އެހެންވެ، މި ޒުވާން ކުޅުންތެރިން ޓީމާ އެކު ގެންގުޅުން މުހިންމު މިވަނީ،" މޮރިއޭރޯ ބުންޏެވެ.

"މި ޒުވާން ކުޅުންތެރިން މާދަމާ ކުޅެފާނެ. ތަޖުރިބާ ދީގެން ކުރިއަރުވާނަމަ އަހަރެމެން އެބަޖެހޭ މި ޒުވާން ފުރުސަތު ނުލިބި ކުޅުންތެރިންނަށް އެ ފުރުސަތު ފަހިކޮށްދޭން. މިއީ ރަނގަޅު ފުރުސަތެއް އެ މީހުން،"

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން މޮރިއޭރޯ ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގައުމީ ޓީމުން އަންނަ ޖޫން މަހު އޭއެފްސީ އޭޝިއަން ކަަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅޭނެ އެވެ. އެ މެޗުތައް އުޒްބެކިސްތާންގައި ކުޅޭއިރު، ރާއްޖެ އާއި އުޒްބެކިސްތާންގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ތައިލެންޑާއި ލަންކާ އެވެ. ގްރޫޕްގެ އެއް ވަނަ ނުހޯދުނަަސް ދެ ވަނަ މަގާމުގައި ނިންމައިގެން ވެސް އޭޝިއަން ކަޕްގެ ޖާގަ ހޯދިދާނެ އެވެ.

"އަހަންނަށް އެނގޭ މި މެޗު (ބަންގްލަދޭޝް މެޗު)ގެ ނަތީޖާ އަކީ ކަން އެންމެނަށް ވެސް މުހިންމުވާނެ އެއްޗަކީ. އަހަރެން ބޭނުންވަނީ ދަނޑުމަތީގައި އަހަރެމެން ޕްރެކްޓިސް މި ކުރި ކަންކަމުގެ ނަތީޖާ ފެންނަން. ހަނދާނުން ފޮހެލައިގެން ނުވާނެ އަހަރެމެންގެ ބޮޑު ޓާގެޓް އޮތީ ޖޫން މަހުގައިކަން،" ކުރިން އިންޓަ މިލާނާއި އިޓަލީ ގައުމީ ޓީމަށް ވެސް ކުޅުުނު މޮރިއޭރޯ ބުންޏެވެ.

"ކުޅުންތެރިންނާއި އޮފިޝަލުންނާއި އެފްއޭއެމާ އެންމެން އެއްކޮށް މަސައްކަތް މި ކުރަނީ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް. ރަނގަޅަށް ގޮސްފިނަމަ އަހަރެމެންނަކީ އެ ކޮލިފައިންގެ ސަޕްރައިޒިން ޓީމަށް ވެސް ވުމުގެ ފުރުސަތު އެބައޮތް،"

އޮކްޓޫބަރު މަހު ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވާން ރަސްމީކޮށް އެއްބަސްވުމަށް ފަހު ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޅެފައިވާ މެޗުތަކުގެ ވީޑިއޯ ބެލިކަމަށާއި ރާއްޖޭގެ މީހުން ގައުމީ ޓީމު ދެކެ ވާ ލޯބި ފެނިފައި "ހައިރާންވި" ކަމަށް މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ އޭނާ ބޭނުންވަނީ ދިވެހި ސަޕޯޓަރުން ގައުމީ ޓީމު ދެކެ ވާ ލޯބި އިތުރުކުރެވޭ ވަރުގެ މަސައްކަތެއް ކުރަން ބޭނުންވާ ކަމަށެވެ.

ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ރާއްޖޭގެ 28 ކުޅުންތެރިންގެ ސްކޮޑުގައި ފިޓްނަސް ރަނގަޅު ނޫން ހަ ވަރަކަށް ކުޅުންތެރިއަކު އެބަތިބި ކަމަށާއި އެއީ ފޮރުވައިގެން އުޅޭ ކަމެއް ނޫން ކަމަށް މޮރިއޭރޯ ބުންޏެވެ. އެ ކުޅުންތެރިންނާ ބެހޭ ގޮތުން ގޮތެއް ނިންމާނީ މިރޭ ބާއްވާ ފަހު ޕްރެކްޓިހަށް ފަހު ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އަންނަނީ އަނިޔާ އަކުން ރިކަވާވަމުންނެވެ. ސްކޮޑުގައި ހިމެނުނު ނަަމަވެސް މުހައްމަދު އިރުފާން (އިރޭ) ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޓްރެއިނިނިންގައި ބައިވެެރިއެއް ނުވެ އެވެ. ރޭގެ ޕްރެކްޓިހުގައި ލިބުނު އަނިޔާގެ ސަބަބުން ޒުވާން ކުޅުންތެރިޔާ، އަހުމަދު ނާހިލް އަށް ޓްރެއިނިން ކުރިއަށް ނުގެންދެވުނެވެ.

މޮރިއޭރޯ ބުނީ ސިލެކްޝަނެއް ހަދަން ބަލާއިރު، 2004 ކުޅުންތެރިން ޖުމްލަ އެބަތިބި ކަމަށާއި މީގެއިން ރަނގަޅު ޓީމެއް ނަގާއިރު، ބައެއް ކުޅުންތެރިން ބާކީވެސް ވާނެ ކަމަށެވެ. އޭގެ މާނަ އަކީ އެ ކުޅުންތެރިންނާ މެދު މައްސަލައެއް އޮތުން ނޫން ކަމަށް ވެސް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

މާދަމާރޭގެ މެޗަކީ ބަންގްލަދޭޝްގެ އާ ކޯޗު ސްޕެއިންގެ ހަވިއޭ ކަބްރޭރާ އެ ޓީމު ގޮވައިގެން ނުކުންނާނެ ފުރަތަމަ މެޗެވެ.

ބަންގްލަދޭޝް އިން ނޮވެމްބަރު މަހު ރާއްޖެ އަތުން ހޯދި ތާރީހީ މޮޅު ހާސިލްކުރީ ޕޯޗުގީސް ކޯޗު މާރިއޯ ލެމޯސްގެ އިރުޝާދުގެ ދަށުންނެވެ. އެ ފަހަރު ބަންގްލަދޭޝް އިން ރާއްޖެ އަތުން މޮޅުވީ 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ. މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ގަލޮޅު ދަނޑުގައި އަލީ ސުޒޭންގެ ކޯޗުކަމުގައި ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

"އަހަންނަށް އެނގޭ ބަންގްލަދޭޝް ކޯޗަކީ (ކަބްރޭރާ އަކީ) ޔޫރަޕްގެ ކޯޗެއް ކަން. އަަހަންނަށް ކޮންމެ ވެސް ވަރެއްގެ ވިސްނުމެއް އެބައިން. އޭނަ ބަންގްލަދޭޝް ލައްވައި ކުޅުވަން އުޅޭނެ ގޮތުގެ. އަހަރެމެން ޖެހޭނީ އަމިއްލަ ނަފްސަށް ބަލައި، އަހަރެމެންނަށް ކުޅެވެން އޮތް އެންމެ ރަނގަޅަކަށް ކުޅެން. އަހަރެމެން ނުޖެހޭ އިދިކޮޅު ޓީމު ނޫނީ އެ ޓީމެއްގައި ހުރި އާ ކޯޗެއް ދެކެ ޖެހިލުންވާން. އޭނާގެ މަސައްކަތަށް އިހުތިރާމް ކުރުމާ އެކު މޮޅުވާން ޖެހޭނީ،" މޮރިއޭރޯ ބުންޏެވެ.

ބަންގްލަދޭޝްގެ ޓީމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ ބަންގްލަދޭޝް ނޫސްވެރިއަކު ސުވާލުކުރުމުން މޮރިއޭރޯ ބުނީ ބަންގްލަދޭޝް ޓީމުގައި ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށާއި ރާއްޖޭގެ އަމާޒަކީ އަމިއްލަ ގޭމެއް ކުޅުން ކަމަށެވެ.

"އަހަރެމެން ތަފާތު ގޮތަކަށް ކުޅޭނީ ވެސް. އެއީ ލަންކާގައި ކުޅުނު ގޮތަށް ނުވެދާނެ. ފަހަރެއްގައި އަހަރެމެންނަށް ވެސް މިއީ އާ ގޮތަކަށް ވެދާނެ. އެކަމަކު، ޔަގީނުން ވެސް އެއީ ބަންގްލަދޭޝަށް ފަސޭހަ ގޮތަކަށް ނުވާނެ. އާ ކުޅުންތެރިން ވެސް ފެންނާނެ. ތަފާތު ކަމެއް ވެސް ހުންނާނެ،" މޮރިއޭރޯ ބުންޏެވެ.

ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު މާލޭގަ އެވެ. އެ މެޗުން ރާއްޖެ މޮޅުވީ 5-0 އިންނެވެ. މާދަމާރޭގެ މެޗު ފަށާނީ 21:00 ގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox