ސަސް ބަލިކޮށް ވެލެންސިއާ ހަމަޖެހިލައިފި

Mar 8, 2022, 1:13 PM
ލަނޑު ޖެހުމަށް ފަހު ވެެލެންސިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލަނޑު ޖެހުމަށް ފަހު ވެެލެންސިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-1 އިން ބަލިކޮށް ކްލަބް ވެލެންސިއާ އިން ދެ ވަނައިގައި ލީޑެއް ނަަގައި ހަމަޖެހިލައިފި އެވެ.

ވެލެންސިއާ އިން މިއަދު ހޯދި ޕޮއިންޓްތަކާ އެކު ވަނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. މާޒިޔާ އިން ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައިވާއިރު، ވެލެންސިއާ އިން 12 ޕޮއިންޓް ހަަމަކޮށްފައިވަނީ ފަސް މެޗު ކުޅެގެންނެވެ. ވެެލެންސިއާ ދެ ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ ތިން ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ހަތަރެއްގައި އޮތް ކްލަބް އީގަލްސް އަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ވެލެންސިއާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަ އާއި އެހެނިހެން ކަންކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލުތަކެއް ލިބެން ފެށުމެވެ. އެ ގޮތުން އަނިޔާގެ ސަބަބުން އެންމެ ފަހުން މެޗުތަކުގައި ފުރަތަމަ އެގާރައިގައި ބޭނުންނުކުރެވުނު ހަލީލް ޖަމާލް މިއަދު މެޗު ފެށިއިރު، އަލީ ފާސިރު (ސެންޓޭ) އާއި އިސްމާއިލް އީސާ (މެސީ) ވަނީ ބެންޗުގައި ހިމަނައިފަ އެވެ. އަދި 15 ދުވަހުގެ ޖަލު ހުކުމެއް ފުރިހަމަ ކުރުމަށް ފަހު ޓީމާ ގުޅުނު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ ބެންޗުގައި ހިމަނައިފަ އެވެ.

ވެލެންސިއާގެ ހަލީލް، މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެން.-- ފޮޓޯ: އަަބްދުﷲ އިޔާން/ އަދަދު

ވެލެންސިއާ އިން ވަނީ މިއަދުގެ މެޗުގެ ހަތަރު ވަނަ މިނިޓްގައި ލީޑުނަގަން ރަނުގެ ފުރުސަތެއް ހޯދައިފަ އެވެ. އަބްދުﷲ ޔާމީން (ޔާނު) ޖެހި ބޯޅަ ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ފައިގައި ޖެހިފައި ނުކުތް ވަގުތު ވެލެންސިއާގެ ހުސެއިން ހަނާން (ޖޯ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 11 ވަނަ މިނިޓްގައި ޖޯ ޖެހި ބޯޅަ ވެސް ބެންޖޯ ވަނީ ބްލޮކްކޮށްފަ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހާސް މާޓިން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

އޭގެ ފަހުން ސަސް އިން މަޑުމަޑުން މެޗުގެ ތެރެއަށް ވަންނަން ފެށި އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ސަސްގެ ފޯވާޑް އިބްރާހިމް އަތީގް ހަަސަން (އިއްބެ) ޖެހި ބޯޅައެއް ދިޔައީ ބޭރުންނެވެ. ސަސް އިން މެޗުގެ ތެރެއަށް ވަދެގެން ކުޅެން ފެށިތާ ފަސް މިނިޓް ފަހުން ވެލެންސިއާ އިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ގޯލު ޖެހި އެވެ. މެޗުގެ 22 ވަނަ މިނިޓްގައި މެދު ތެރެއިން ހިފައިގެން ދިޔަ ބޯޅަ ހަލީލް ވަނީ އޭރިއާތެރެއަށް ވަދެ، ގޯލުގެ ތިރީ ކަަނަށް ފޮނުވާލައި ގޯލު ޖަހައިފަ އެވެ.

ވެލެންސިއާ އިން ފުރަަތަމަ ގޯލު ޖެހިތާ ދެ މިނިޓް ފަހުން އިތުރު ގޯލެއް ޖަހައި ލީޑުފުޅާކުރި އެވެ. މެޗުގެ 24 ވަނަ މިނިޓްގައި ޔާނު ހުސްކޮށްލާފައި ބޯހާސް އަށް ދިނުމުން އޭނާ ހުރަސްކޮށްލީ އޭރިއާތެރެއަށް ހުސްކޮށް ދުވެފައި އައި އާދަމް އިސާމް (ސަން) އަށެވެ. ސަން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަތުގައި ޖެހިފަ އެވެ.

ސަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަސް އަށް ފުރަތަމަ ހާފުގައި ގޯލެއް ޖަހައިދޭން އިއްބެގެ އިތުރުން މުހައްމަދު ސަހާއު (ބޭލް) ޖެހި ޝޮޓްތައް ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މި ހާފު ނިމުމުގެ ކުރިން ވެލެންސިއާ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން ހަލީލަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ތިރިތިރިން ބޭރަށެވެ.

ދެ ވަނަ ހާފް ފަށައިގެން ސަސް އިން ވެލެންސިއާ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. މި ހާފުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ވެސް ސަސް އިންނެވެ. މެޗުގެ 58 ވަަނަ މިނިޓްގައި ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ)، ވެލެންސިއާ އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އޭގެ ހަތް މިނިޓް ފަހުން ސަސް އިން ވަނީ ގޯލު ޖަހައިފަ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި އޭރިއާތެރެއިން ސަހާއު ތިރިތިރިން ޖެހި ބާރު ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ.

ސަސް އިން ނަތީޖާ ހަމަހަމަ ކުރެވޭތޯ ކުރި މަސައްކަތުގައި މެޗުގެ 87 ވަނަ މިނިޓްގައި އައިހަމް އަހުމަދު (އައިހު) ނެގި ހުރަހެއް ބޮލުން ޖަހަން އެރި އިއްބެ އަށް ރަނގަޅު ލިބޭގޮތްނުވުމުން ގޯލަށް ފޮނުވާނުލެވުނެވެ. މެޗުގެ އިތުރު ވަގުތުގައި ސަސްގެ ސަހާއު ފޮނުވާލި ބާރު ބޯޅަ ކީޕަރު ފައިސަލް ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން ލިބުނު ކޯނަރެއްގައި ސަސްގެ އަހުމަދު ހަމީދު (އައްމަޑޭ) ބޮލުން ޖެހި ބޯޅައިގައި ބާރެއް ނެތްއިރު، ކީޕަރު ފައިސަލް ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ އަތަށް ނަަގައިފަ އެވެ.

ސަސް އޮތީ ފަސް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox