ވިސާ މައްސަލަ އަލުން ބަލާތީ ޖޮކޮވިޗް ނެރުނީ ބަޔާނެއް

Jan 12, 2022, 4:10 PM
ވިސާ މައްސަލަ އަލުން ބަލާތީ ޖޮކޮވިޗް ނެރުނީ ބަޔާނެއް

މެލްބަން (ޖެނުއަރީ 12) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރަން އޮސްޓްރޭލިއާ އަށް ދިޔަ ނޮވަކް ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލި މައްސަލަ ކޯޓަށް ހުށަހަޅައިގެން އޭނާ ކާމިޔާބު ހޯދި ނަމަވެސް އޭގެ އާ މައްސަލައެއް އޮސްޓްރޭލިއާ އިމިގްރޭޝަނުން ބަލަން ފެށުމާ އެކު ޖޮކޮވިޗް ކަން ހިނގާދިޔަގޮތް އޮޅުންފިލުވައިދޭން ބަޔާނެއް ނެރެފި އެވެ.

ކޯޓުގެ އެންގުމާ އެއްގޮތަށް ޖޮކޮވިޗް މިހާރު ދޫކޮށްލާފައިވާއިރު، ކުރިއަށް އޮތް ހަފްތާގެ ތެރޭ ފަށާ އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ޖޮކޮވިޗް އަންނަނީ ތައްޔާރުވަމުންނެވެ.

މި މަހު 17-30 އަށް ބާއްވާ މުބާރާތަށް ޖޮޮކޮވިޗް އިއްޔެ ވަނީ ޕްރެކްޓިސްތަކެއް ވެސް ބާއްވައިފަ އެވެ. އެކަމަކު، މުބާރާތުގައި ޖޮކޮވިޗަށް ކުޅެވޭނެ ކަމާ މެދު އަދި ވެސް ޔަގީންކަމެއް ނެތެވެ. އެއީ އޮސްޓްރޭލިއާ އިމިގްރޭޝަނުން އަންނަނީ ޖޮކޮވިޗްގެ ވިސާ ފޯމުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.

ބަލަނީ ކޮން މައްސަލައެއް؟

އޮސްޓްރޭލިއާގެ ވިސާ އެޕްލިކޭޝަން ހުށަހެޅިއިރު، ޖޮކޮވިޗް ވަނީ އޮސްޓްރޭލިއާ އަށް އައުމުގެ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އެއްވެސް ގައުމަކަށް ދަތުރުކުރަން ހަމަޖެހިފައިވޭތޯ މައުލޫމާތު ދޭން ބުނެފައިވާ ބައިގައި އެއްވެސް ގައުމަކަށް ދަތުރުކުރަން ހަމަޖެހިފައިނުވާ ކަމަށް ބުނެފަ އެވެ.

އެކަމަކު، މޮންޓެ ކާލޯގައި ދިރިއުޅޭ ޖޮކޮވިޗް ވަނީ ޑިސެމްބަރު މަހު 25 ވަަނަ ދުވަހު ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ގޮސްފަ އެވެ. އަދި އޭގެ ފަހުން ޑިސެމްބަރު މަހު 31 ވަނަ ދުވަހު ޖޮކޮވިޗް ސްޕެއިނުގެ މާބެލާ އަށް ވެސް ވަނީ ގޮސްފަ އެވެ.

ބެލްގްރޭޑާއި މާބެލާ އަށް ޖޮކޮވިޗް ދިޔަ ފޮޓޯޓައް ސޯޝަލް މީޑިއާގައި ވެސް އޭނާ ހިއްސާކޮށްފައިވާއިރު، މިއީ އޭނާ އޮސްޓްރޭލިއާގެ ވިސާ އެޕްލިކޭޝަނަށް މައުލޫމާތު ދިން ފަހުން ކޮށްފައިވާ ދަތުރުތަކެކެވެ. ކޮވިޑަށް ޕޮޒިޓިވްވި މުއްދަތުގައި ޖޮކޮވިޗް މީޑިއާ އަކަށް އެކްސްކްލޫސިވް އިންޓަވިއު އެއް ދިން މައްސަަލަ ވެސް ވަނީ އިނގިރޭސި ނޫހަކުން ރިޕޯޓްކޮށްފަ އެވެ.

މި ކަންކަމުގެ ހަގީގަތް ދެނެގަންނަން ކުރަމުން އަންނަ މަސައްކަތުގައި، އޮސްޓްރޭލިއާ އިިމިގްރޭޝަނުން ޖޮކޮވިޗްގެ ވިސާ މައުލޫމާތު އަލުން ބަލާއިރު، އޭނާގެ ބެލްގްރޭޑާއި މާބެލާ ދަތުރުގެ މައްސަލަ ފެންމަތިވުމުގެ ފުރުސަތު އެބައޮތެވެ. އޮސްޓްރޭލިއާގެ ގާނޫނު ބުނާގޮތުން ވިސާ އަށް ހުށަހަޅާއިރު، ދޮގު މައުލޫމާތެއް ދީފިނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޖޮކޮވިޗްގެ ބަޔާންގެ އުސްއަލިތައް

ކޮވިޑް ވެކްސިން ދެ ޑޯޒު ނުޖަހާ މީހަކަށް އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ފުރުސަތު ނުދޭން އޮތީ ނިންމައިފަ އެވެ. އެކަމަކު، ދެ ޑޯޒް ވެކްސިން ޖެހިކަމުގެ މައުލޫމާތު ނުދިން ނަމަވެސް ޖޮކޮވިޗަށް އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ފުރުސަތު ދިނީ "މެޑިކަލް އެގްޒެމްޝަން"ގެ ތެރެއިންނެވެ. އެއީ މިދިޔަ މަހު 16 ވަނަ ދުވަހު ޖޮކޮވިޗަށް ކޮވިޑް ޖެހިފައިވުމުންނެވެ.

ޖޮކޮވިޗް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ބެލްގްރޭޑްގައި ޑިސެމްބަރު މަހު 14 ވަނަ ދުވަހު އޮތް ބާސްކެޓްބޯޅަ މެޗެއް ބަލަން އޭނާ ވެސް ދިޔަ ކަމަށާއި އެ ދުވަހު އެތަނަށް ދިޔަ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އޭނާގެ ވެސް ރެޕިޑް އެންޓިޖެން ޓެސްޓެއް ހަދައި އެ ދުވަހު ކޮވިޑަށް ނެގެޓިވްވި ކަމަށެވެ. ހަމަ އެ ދުވަހު އޮފިޝަލް ޕީސީއާރް ޓެސްޓެއް ކޮށްގެން ވެސް ނެގެޓިވްވި ކަމަށް ޖޮކޮވިޗް ވަނީ ބަޔާނުގައި ބުނެފަ އެވެ.

އޭގެ ޖެހިގެން އައި ދުވަހު ކުޑަކުދިންގެ ޓެނިސް އިވެންޓަކަށް ދިއުމުގެ ކުރިން ވެސް އެންޓިޖެން ޓެސްޓެއް ކުރި ކަމަށާއި އޭގެއިން ވެސް ވީ ނެގެޓިވްކަމަށް ޖޮކޮވިޗް ބުންޏެވެ. އެކަމަކު، އެ އިވެންޓް ނިންމާލި ފަހުން އޭނާ ހެދި ކޮވިޑް ޓެސްޓެއްގެ ނަތީޖާ ލިބުނުއިރު، ކޮވިޑަށް ޕޮޒިޓިވްވިކަން އެންގި ކަމަށެވެ.

ޕޮޒިޓިވްވި ފަހުން ޑިސެމްބަރު 18 ވަނަ ދުވަހު ޖޮކޮވިޗް ވަނީ ފްރާންސްގެ ނޫހެއް ކަމަށްވާ "ލެކިއުޕޭ" އަށް އިންޓަވިއު އެއް ދީފަ އެވެ. ޖޮކޮވިޗްގެ ބަޔާނުގައި ބުނީ އެ އިންޓަވިއު ދޭން ނިންމީ އެއީ ވަރަށް ކުރިން ޔަގީންކަން ދީފައި އޮތް އިންޓަވިއު އަކަށްވާތީ ކަމަށެވެ. އަދި އެ އިންޓަވިއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދިޔައީ ލެކިއުޕޭގެ ނޫސްވެރިޔާ އަށް ވީ ވައުދަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ޖޮކޮވިޗް ބުނެފައިވެ އެވެ. އަދި އެ އިންޓަވިއު ނޫނީ އޭނާގެ ޝެޑިއުލްގައި ހުރި އެއްވެސް އިވެންޓަކަށް އެ މުއްދަތުގައި ހާޒިރުނުވާ ކަމަށް ޖޮކޮވިޗް ބުންޏެވެ.

"އަހަރެން އެ އިންޓަވިއު ވެސް ނެގީ ފިޒިިކަލް ޑިސްޓެންސް ބަހައްޓާފައި މާސްކް ވެސް އަޅައިގެން ހުރީ. ހަމައެކަނި މާސްކް ނެގީ ފޮޓޯ އަކަށް އެކަނި. އިންޓަވިއު އަށް ފަހު އަހަރެން ދިޔައީ އައިސޮލޭޝަން މުއްދަތު ފުރިހަމަ ކުރަން ގެއަށް. ހަގީގަތުގައި އަހަންނަށް އެ ކަން ކުރެވުނީ ރަނގަޅަކަށް ނޫން. އެ އިންޓަވިއު އެއީ ފަސްކުރަން ޖެހޭ ކަމެއް،" ޖޮކޮވިޗްގެ ބަޔާނުގައި ލިޔެފައިވެ އެވެ.

ވިސާ ލިޔެކިޔުމުގައި ބެލްގްރޭޑާއި މާބެލާގެ ދަތުރުތަކުގެ މައުލޫމާތު ނުހިމެނުނު ސަބަބާ ބެހޭގޮތުން ވެސް ޖޮކޮވިޗްގެ ބަޔާނުގައި ވަނީ ޖަވާބު ދީފަ އެވެ.

ޖޮކޮވިޗް ބުނީ އޭނާގެ ވިސާ އެޕްލިކޭޝަންގެ މައުލޫމާތުތައް ފުރީ ސަޕޯޓް ޓީމުން ކަމަށާއި އެކަމަށްޓަކައި އޭނާ އެންމެ ފުރަތަމަ އޮސްޓްރޭލިއާ އަށް އައިސް މެލްބަން އެއާޕޯޓްގައި ހުރެ ވެސް މައާފަށް އެދިފައިވާނެ ކަމަށެވެ.

"މިއީ ހިއުމަން އެރާ އެއް. މިއީ ގަސްދުގައި ހިނގި ކަމެއް ނޫން. އަހަރެމެން ބޮޑު ޕެންޑަމިކެއްގައި މި އުޅެނީ ވަރަށް އުނދަގޫ ފައްތަރެއްގައި. މި ކަހަލަ ދުވަސްވަރެއްގައި މި ކަހަލަ އޮޅުމެއް އަރާފާނެ. މިހާރު އަހަރެމެންގެ ޓީމުން ވާނީ މިކަމާ ބެހޭގޮތުން އޮސްޓްރޭލިއާ ސަރުކާރަށް ދޭން ޖެހޭ ހުރިހާ މައުލޫމާތެއް ދީފައި،" ޖޮކޮވިޗް އޭނާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖޮކޮވިޗް ބުނީ އޭނާގެ މި ބަޔާނުގެ މަގުސަދަކީ އޮޅުން އަރާގޮތަށް ފެތުރޭ މައުލޫމާތުތައް ސާފުކޮށްދިނުން ކަމަށާއި ދެން އޭނާ ދިފާއުގައި ވާހަކަތަކެއް ދައްކައި އިންޓަވިއު ދޭން ބޭނުންނުވާ ކަމަށެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުން އޭނާގެ ކަންކަމުގައި ގޮތެއް ނިންމަން ދެން އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox