އަކޫގެ ގޯލާ އެކު މާޒިޔާ އިން ސަސް ބަލިކޮށްފި

Dec 20, 2021, 12:59 PM
އަކޫ ބޮލުން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަކޫ ބޮލުން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގައުމީ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ ގޯލާ އެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

މިއީ ކެރިއަރުގައި މާޒިޔާއާ ދެ ވަނަ ފަަހަރަށް ގުޅުނު އަކޫ އެ ޓީމުގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އަކޫ މީގެ ކުރިން 2011 ވަނަ އަހަރު މާޒިޔާ އަށް ކުޅުނެވެ.

މިއަދުގެ މެޗުގެ ކުރިން މި ސީޒަނުގައި ކުޅުނު ތިން މެޗުގައި ވެސް ފެނުނީ ތަފާތު ބޮޑު ނަތީޖާތަކެވެ. މާޒިޔާ އިން މިިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ ބަލިކުރީ 5-0 އިންނެވެ. ޕްރެޒިޑެންޓްސް ކަޕް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ގްރީން ސްޓްރީޓްސް އިން ދަ ގްރާންޑޭ ބަލިކުރީ ވެސް 5-0 އިންނެވެ. އަދި ރޭ ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މައްޗަށް ކުރިހޯދީ ވެސް 5-0 އިންނެވެ.

ސަސްގެ އައިހަމް (ކ) މާޒިޔާގެ ހައިޝަމް ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދުގެ މެޗަކީ މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަން ފެށި ސަސް އިން ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މާޒިޔާ އިން މިއަދުގެ މެޗަށް ނުކުތީ ޗެރިޓީ ޝީލްޑް މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްގެންނެވެ. އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ހުސެއިން ނިހާން (ނިހާޓް) އަދި އަހުމަދު އަބްދުﷲ (ލިލީ)ގެ ބަދަލުގައި މުހައްމަދު އުމެއިރު، އަސަދުﷲ އަބްދުﷲ (އަސައްކޮ) އަދި އަކޫ އަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

ޑިފެންސަށް ފޯކަސް ކޮށްގެން ސަސް އިން މެޗު ފަށައިގެން ކުުޅުނުއިރު، މާޒިޔާ އިން ފުރަތަމަ ފުރުސަތު ތަަނަަވަސްކުރީ މެޗުގެ 21 ވަނަ މިނިޓްގަ އެވެ. މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ހުސްކޮށްލާފައި ދިން ބޯޅަ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން އޭރިއާބޭރުން މާޒިޔާގެ އިބްރާހިމް އައިސަމް ޖެހި ބޯޅަ ސަސް އަށް ކުޅޭ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އިން ލީޑުނެގީ މެޗުގެ 28 ވަނަ މިނިޓްގަ އެވެ. އުމެއިރު ނެގި ކޯނަރަކުން އަސައްކޮ ފައިން ޖައްސާލި ބޯޅަ ގޯލު ކުރިމަތީގައި ހުރި ސަމޫހު އަލީ (ސަމުއްޓެ) ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގައި މާޒިޔާ އަށް ލީޑުފުޅާކޮށްދޭން އަސައްކޮ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ކޯނޭ ބޮލުން ޖެހި ބޯޅަ ސަސްގެ ކީޕަރު ޝަފީއު އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ހަމްޕު ފޮނުވާލި ނަމަވެސް ދިޔައީ ބޭރުންނެވެ.

ފުރަތަމަ ހާފުގައި ސަސް އިން ކައުންޓަ އެޓޭކުގައި ލިބޭ ޖާގަތަކުން ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރި އެވެ. އެ ގޮތުން ސަސްގެ ކުރިއަށް ކުޅޭ އިބްރާހިމް އަތީގް (އިއްބެ) އަށް ލިބުނު ބޯޅައެއްގައި ޔަސްފާދު ހަބީބު (މުލަކޭ) ރަނގަޅު ތަނަށް ހުސްވި ނަމަވެސް އިއްބެ އަށް އެ ބޯޅައިގައި މާބޮޑު ކަމެއް ނުކުރެވުނެވެ. އެކަމަކު، ދެ ވަަނަ ހާފް ފަށައިގެން މެޗުގެ 59 ވަނަ މިނިޓްގައި އިއްބެ ވަނީ އޭރިއާތެރެއިން ހުސްކޮށްލާފައި މުލަކޭ އަށް ރަނގަޅު ފުރުސަތެއް ހޯދައިދީފަ އެވެ. މުލަކޭ ފޮނުވާލި ބޯޅަ މާޒިޔާ ގޯލުގައި ހުރި ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ލިމްބޫ ވަނީ މަތަކޮށްފަ އެެވެ.

ސަސްގެ ފައްރާހު (ކ) ކައިރިިން މާޒިޔާގެ ކޯނޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭގެ ފަހުން މެޗުގެ 68 ވަނަ މިނިޓްގައި އައިހަމް އަހުމަދު ނެގި ހުރަހަކުން މުލަކޭ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ ފަހު ކޮޅުގައި މާޒިޔާ އިން ކުރިއަށް ޖެހިގެން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 88 ވަނަ މިނިޓްގައި އައިސަމް ނެގި ކޯނަރަކުން އަކޫ މި ގޯލު ޖެހީ ބޮލުންނެވެ.

ސަސްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ސީޒަނުގެ ފުރަތަމަ މެޗަށް ބަލާއިރު، ރަނގަޅަށް ކުޅެ ފުރުސަތު ވެސް ތަނަވަސްކުރި ކަމަށާއި އެހެން ކަމުން މިއީ އެއްކޮށް ގޯސް ދުވަހެކޭ ނުބުނެވޭނެ ކަމަށެވެ.

"ޕާފޯމަންސް ރަނގަޅު، މަސައްކަތް ވެސް ރަނގަޅު. ކުރިއަށް އޮތްތަނުގައި މި އަށް ވުރެ ރަނގަޅަށް ކުޅެ އަޅުގަނޑުމެންނަށް މި ލިބޭ ފުރުސަތުތައް ނިންމާލުމުގެ ބައި ރަނގަޅުކުރާނަން،" އިންމަ ބުންޏެވެ.

މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއަދުގެ މެޗުން މޮޅުވެވުނީ އުނދަގުލުން ކަމަށާއި ނަތީޖާ ނެރުމުން ލިބޭ އެ ތިން ޕޮއިންޓްގެ ހިތްހަމަޖެހުން އޮތް ކަމުގައި ވިޔަސް ކުޅުމަށް ބަލާއިރު، އެންމެ ރަނގަޅެއް ނޫން ކަމަށެވެ.

"ސެޓް ޕްލޭތަކުން ދެ ގޯލު ވެސް މިއައީ. މާގިނަ ޗާންސް ކްރިއޭޓް ކުރެވުނު ދުވަހެއް ނޫން. މޫވްމަންޓް ވެސް ދަށްކޮށް ފެނުނު ދުވަހެއް. ދެން ކޮމްބިނޭޝަން ވެސް ދަށް. އެކަން ރަނގަޅުކުރަން އެބަޖެހޭ. މި ގޮތަށް ފަހަތަށް ފައިބައިގެން ކުޅޭ ޓީމުތަކާ ދެކޮޅަށް މި އަށް ވުރެ ރަނގަޅަށް ކުޅެން ޖެހޭ،" މޯހަން ބުންޏެވެ.

މިއަދުގެ މެޗު ފެށުމުގެ ކުރިން މާޒިޔާ އަށް ވަނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންގެ ޝީލްޑް ހަވާލުކޮށްފަ އެވެ. މާޒިޔާ އަށް މިިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ދޭން ނިންމީ ކޮވިޑް-19ގެ ސަބަބުން ލީގުގެ ތިން ވަނަ ބުރު ނުކުޅޭ ގޮތަށް ނިންމުމަށް ފަހު އެވެ. މާޒިޔާއާ ޝީލްޑް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

މީގެ އިތުރުން މެޗު ފެށުމުގެ ކުރިން ވަނީ މިއަދު އަވަހާރަވި ނިޝާން ޢިއްޒުދީންގެ ޢިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ. އަދި އުމަރު ޒާހިރު ކުޅިވަރަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް އެކަން ދަނޑުގައި އިއުލާނުކުރި އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox