ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރެއް ވެލެންސިއާ އަކަށް ނެތް: އާތީ

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ބަލިވުމުން ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ކްލަބް ވެލެންސިއާ އަށް ގެއްލިފައިވާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ދެ ވަނަ ބުރުގައި ވެލެންސިއާ ކުޅޭ ފަހު މެޗަށް ނުކުންނައިރު އެ ޓީމަށް 13 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. މިއީ އެއް ވަނައިގައި އޮތް މާޒިޔާ އަށް ވުރެ ހަތް ޕޮއިންޓް މަދު އަދަދެކެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 13 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ބުރުގައި ވެލެންސިއާ މާދަމާރޭ ބައްދަލުކުރާނީ ކްލަބް އީގަލްސްއާ އެވެ. މާޒިޔާ މި ބުރުގައި ކުޅޭ ފަހު މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.

އީގަލްސް މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާތީ ބުނީ އެންމެ ފަހުން މެޗުން ވެލެންސިއާ ކުޅުނު މެޗުން ގެއްލުނު ތިން ޕޮއިންޓަކީ ވަރަށް މުހިއްމު ޕޮއިންޓްތަކެއް ކަމަށާއި އެ ގެއްލުމުން ލީގުގެ ރޭހުގައި އެ ޓީމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"އެ ތިން ޕޮއިންޓް ގެއްލުމާ އެކު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ކެނޑިގެން ހިނގައްޖެ. ދެން ކޮންމެ އަކަސް ދެން މި އޮތީ ދެން އޮތް މަގާމަށް މަސައްކަތްކުރުން ކަންނޭނގެ. އެހެން ޓީމުތަކެއްގެ މަސައްކަތުން (ލީގުގެ ކުރިއަށް އަރަން) އެއީ ދައްކަން ބޭނުން ވާހަކައެއް ނޫން ކަންނޭނގެ. ވެލެންސިއާ އިން ދެން ހަމަ އެންމެ ގިނަ ޕޮއިންޓް ލިބޭތޯ މަސައްކަތްކުރަމުން ދަނީ،" އާތީ ބުންޏެވެ.

"މި ބުރު ނިންމާއިރާއި އަންނަ ބުރު ފަށާއިރު މި މަގާމުގައި ލީޑެއް ނަގަން މި މެޗުން (އީގަލްސް މެޗުން) ތިން ޕޮއިންޓް ވަރަށް މުހިއްމު،"

އާތީ ބުނީ މި ވަގުތަށް ބަލާއިރު މާޒިޔާ ނޫނިއްޔާ ތާވަލުގެ ތިން ވަނަ ބުރު ނިމޭއިރު އޮންނާނީ ކިހާ ހިސާބެއްތޯ ބުނަން އެނގޭ ޓީމެއް ނެތް ކަމަށެވެ. އަދި ވެލެންސިއާ މި ވަގުުތު ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު ދެ ވަނައިގައި އޮތް ކަމުގައި ވިޔަސް މިއީ މާ ބޮޑު އެއްޗެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ވެލެންސިއާ ވެސް އެބަޖެހޭ ދެ ވަނަ މަގާމު ދެމެހެއްޓުމަށްޓަކައި މަސައްކަތްތަކެއް ކުރަން،" ކުރިން ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ އަށް ކޯޗުކޮށްދިން އާތީ ބުންޏެވެ.

މާދަމާރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ އީގަލްސް އަށް އާތީ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އާތީ ބުނީ އީގަލްސް އާއި މާޒިޔާ އަކީ ގިނަ ދުވަސްތަކަކުން ބިނާކޮށްފައި އޮތް ވަރަށް ރަނގަޅު ދެ ޓީމު ކަމަށެވެ. އެ ގޮތަށް ވިސްނާއިރު އީގަލްސް އަކީ ވެލެންސިއާ އިން ކުރިމަތިލާނެ އުނދަގޫ މެޗެއް ކަމަށް އާތީ ގަބޫލުކުރެ އެވެ.

"މުބާރާތުގެ ކުރީކޮޅުގައި (އީގަލްސް) ތަންކޮޅެއް ދަށްކޮށް ދިޔައީ ޓީމުގެ ތެރޭގައި ކޮންމެ ވެސް ކަންތައް ގަނޑެއް ހުރީ އެއީ އަޅުގަނޑަށް ސިފަކުރެވުނު ގޮތް. އެއީ ޔަގީނުން ވެސް އެ ޓީމު (އީގަލްސް)ގެ ލެވަލެއް ނޫން. މިދިޔަ ތިން އަހަރު ވެސް ވަރަށް ރަނގަޅަށް ޕާފޯމް ކުރަމުން އައި ޓީމެއް. އީގަލްސް މިހާރު އޮތީ ރަނގަޅު ފޯމެއްގައި. ވެލެންސިއާ ވަރަށް މަސައްކަތްކުރަން ޖެހޭނެ މި މެޗުން މޮޅުވުމަށްޓަކައި،" އާތީ ބުންޏެވެ.

ލީގުގެ މެޗެއްގެ ކުރިން ފައިސަލް: މާދަމާރޭ އޭނާ ނުކުޅޭނެ ކަމަށް ވެލެންސިއާ އިން ބުނޭ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ ފުރަތަމަ މެޗުތަކުގައި ވެލެންސިއާގެ ދެ އަރިމަތި ބަލަހައްޓަމުން އައީ މަހިބަދޫގެ ދެ ކުޅުންތެރިން ކަމަށްވާ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން މެޗުތަކުގައި މި ދެ ކުޅުންތެރިން ނުކުޅެ އެވެ.

"(ބޮކުރީ އާއި ބިޗަޑް ތެރެއިން) އެއް ކުޅުންތެރިއަކު ފެނިދާނެ. އެހެން ނަމަވެސް ވެލެންސިއާ މި ހިސާބު އޮތުމަށްޓަކައި ވެލެންސިއާގެ ބެންޗު ޓީމު އެހާ ސްޓްރޯންގެއް ނޫން ކަންނޭނގެ ފެންނަ ފެނުމަށް. ބްރޭކް ތެރޭ ވަރަށް މަސައްކަތްކުރާނަން އެކަމަށް،" އާތީ ބުންޏެވެ.

ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ފަހުން ގޯލު ބެލެހެއްޓީ މުހައްމަދު ޝަފީއު (ޗެކް) އެވެ. އާތީ ބުނީ ކުރިއަށް އޮތް އީގަލްސް މެޗުގައި ފައިސަލް ބޭނުންނުކުރާނެ ކަމަށާއި އެއީ ވެލެންސިއާގެ އިތުރުން ގައުމީ ޓީމާ މެދު ވެސް ވިސްނުމަށް ފަހު ނިންމަންޖެހޭ ބުއްދިވެރި ނިންމުމެއް ކަމަށެވެ.

"ފައިސަލް ހިއެއްނުވޭ މި މެޗުން ފެނިގެންދާނެ ހެނެއް. އެއީ ބޮޑު ބްރޭކެއް އަންނައިރު އެއް މެޗަށް ފައިސަލް އަރުވާއިރުގައި އެ މެޗުގައި ބޮޑު އިންޖަރީ އެއް އައިސްގެން ނެޝަނަލް ޓީމަށް ވެސް އޭގެ އަސަރުކޮށްފާނެ. ދެން ވެލެންސިއާ އަށް ވެސް އޭގެ އަސަރުކޮށްފާނެ. ވަގުތު އެބަ ލިބޭ އަޅުގަނޑުމެންނަށް އެހެންވީމަ ފައިސަލް ރިކަވާ ކޮށްގެން ބޯޅަ ކުޅުން އަޅުގަނޑުމެންނަށް މާ ރަނގަޅު. ހަަމައެކަނި މި މެޗު ކުޅުމަށް ވުރެ،" އާތީ ބުންޏެވެ.

ވެލެންސިއާ އާއި އީގަލްސް އަކީ ތިރިން ޕާސްކޮށްގެން ރީތި ގޭމެއް ކުޅެން މަސައްކަތްކުރަމުން އަންނަ ދެ ޓީމެވެ. އާތީ ބުނީ ޕްލޭނަކީ އެ ގޮތަށް ކުޅުން ކަމަށާއި އެކަމަކު ނަތީޖާ ނެރުން މުހިއްމު މެޗުތަކުގައި އެ އަށް ފޯކަސް ކޮށްގެން ކުޅޭއިރު ބައެއް ފަހަރު ޓީމުގެ ސްޓައިލް ބަދަލުކުރަން ވެސް ޖެހޭ ކަމަށެވެ.

ވެލެންސިއާ އިން ވަނީ ލީގުގެ ފުރަތަމަ ބުރުގައި 2-0 އިން އީގަލްސް ބަލިކޮށްފަ އެވެ. މާދަމާރޭ އީގަލްސް އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox