ލެސްޓާ (އޭޕްރީލް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 3-0 ވެސްޓް ބްރޮމް އަތުން ބަލިވެ ލެސްޓާ ސިޓީން ތިން ވަނައިގައި ލީޑެއްނެގިއިރު، ލީގުގެ ހަދަ ހަތަރެއްގައި ނިންމޭނެ ކަމުގެ އިތުބާރު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
މި މޮޅާ އެކު ލެސްޓާ ތިން ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލެސްޓާ އަށް 32 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ޗެލްސީ އޮތީ 32 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް 55 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަަނައިގައި އޮތް ޓޮޓެންހަމާއި ހަތް ވަނައިގައި އޮތް ލިވަޕޫލްގެ އޮތީ 53 ޕޮއިންޓެވެ.
މިދިޔަ ސީޒަނުގެ ބޮޑުބައި ލެސްޓާ އިން ގަދަ ހަތަރެއްގެ ރޭހުގައި އޮތް ނަމަވެސް ފަހު މެޗުތަކުގައި ނަތީޖާ ގޯސްވެގެން ހަތަރު ވަނަ ގެއްލުނީ އެވެ. މި ފަހަރުގެ ލީގު ފަހު މެޗަށް ބަލާއިރު ލެސްޓާ އަށް އުނދަގޫ މެޗުތަކެއް ނެތް ނަމަވެސް ރޭހުގައި ދެން އޮތް އެހެން ޓީމުތަކަށް އުނދަގޫ މެޗުތަކެއް އެބަހުއްޓެވެ.
"އަހަރެމެން އެހެން ޓީމަކާ މެދު ނޫނީ އެހެން ޓީމުތަކަކާ މެދު ނުވިސްނަން. އަހަރެމެން ބަލަންވީ އަމިއްލަ ޓީމަށް. އަހަރެމެންނަށް ކޮންޓްރޯލް ކުރެވޭނީ ވެސް އަމިއްލަ މެޗުތައް. އަހަރެން މިހުރީ މި ފަހަރު ގަދަ ހަތަރެއްގެ ވަރަށް ބޮޑު އުއްމީދެއްގައި،" ކުރިން ލިވަޕޫލް ގޮވައިގެން ޗެމްޕިއަންސް ލީގުގައި ކުޅުނު ރޮޖާސް ބުންޏެވެ.
ދާދި ފަހުން އެފްއޭ ކަޕްގެ ފައިނަލުން ވެސް ފުރުސަތު ހޯދި ލެސްޓާ އަށް މިރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ޖޭމީ ވާޑީ، ޖޯނީ އެވަންސް އަދި ފަހަކަށް އައިސް ގޯލު ޖެހުމުގެ ރަނގަޅު ރެކޯޑެއް ދަަމަހައްޓަމުން އަންނަ ކެލެޗީ އިހެނާޗޯ އެވެ.












