about 23 hours 5
އަހުމަދު އާއިދު
ކުރީގެ ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދު: އިދިކޮޅުގައި ސަފުތައް ރުކުރުވާލަން ދިމާވި އެންމެ ބޮޑު ހުރަހަކީ ދެ ރައީސުންގެ ހިޔާލު ތަފާތުވުން
about 23 hours 5
ހުދުމުހުތާރު ވެރިކަމެއްގެ މުށުތެރެއިން ޑިމޮކްރަސީގެ ނޭވާ ރާއްޖެއަށް ގެނެސްދިނުމަށް ދިވެހި ރައްޔިތުން، ހާއްސަކޮށް އެމްޑީޕީގެ ލީޑަޝިޕާއި އާންމު މެންބަރުން ވި ގުރުބާނީ ބޮޑެވެ. "މިނިވަން ބަހުސް" ތަކާއި މަގުމަތީގެ ހަރަކާތްތަކުން ދިވެހި ސިޔާސީ އުދަރެސް ބަދަލުކޮށްލި އެމްޑީޕީއަށް މިއަދު މިވަނީ ދެ ދަހަރު ފުރިފައެވެ. މި ސިޔާސީ ހަރަކާތަކީ އެތައް ބައެއްގެ ގުރުބާނީ އާއި އުންމީދުތައް ގުޅިފައިވި ދަތުރެކެވެ. ނަމަވެސް، މިއަދު އެމްޑީޕީ ފެންނަނީ އަމިއްލަ ހިޔަނިމަތީގައި މަޑުޖެހިފައި އޮތް ތަނެވެ. އިދިކޮޅު ހަރަކާތްތަކަށް ފަރިތަ ޕާޓީގެ ގޮތުގައި މަޝްހޫރުވި އެމްޑީޕީގެ ސަފުތައް ވަނީ ތަރުތީބު ގެއްލިފައެވެ.
މިއަދު އުފެދޭ އެންމެ ބޮޑު ސުވާލަކީ އެމްޑީޕީގެ އަސްލު ސިފަ ގެއްލުނީ ހެއްޔެވެ؟ ނުވަތަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހަކަތަ އެ ޕާޓީގައި މިއަދު އެބަހުރި ހެއްޔެވެ؟
އެމްޑީޕީގެ އެންމެ ފުރަތަމަ ބޮޑު ކާމިޔާބަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ 30 އަހަރުގެ ވަރުގަދަ ވެރިކަން ބަދަލުކޮށްލުމެވެ، މައުމޫނުގެ ވެރިކަމަކީ އަނިޔާވެރި، ހުދުމުހުތާރު އަދި ބާރުތައް އެމަނިކުފާނުގެ މުށުތެރެއަށް ލެވިފައި އޮތް ވެރިކަމެކެވެ.
އެ އަނދަރި ދުވަސްތަކުގައި ވެސް އެމްޑީޕީން ރާއްޖޭގެ އެތެރެ އާއި ބޭރުގައި ކުރި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ ރާއްޖޭގައި ބޭއްވި ފުރަތަމަމިނިވަން އިންތިހާބު އެ ޕާޓީގެ ކެންޑިޑޭޓު ކާމިޔާބު ކުރުމެވެ. އިންތިހާބުގެ ދެ ވަނަ ބުރުގައި މައުމޫނު ބަލިކުރުމަށް އެހެން ކެނޑިޑޭޓުން ވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރި އެވެ.
ނަޝީދުގެ އެ ވެރިކަމުގެ ދައުރު ފުރިހަމަ ނުވަނީސް ވެރިކަން ބަދަލުކުރުމާއެކު އެމްޑީޕީއަށް އަނެއްކާ ވެސް މަޖުބޫރުވީ އިދިކޮޅު ޕާޓީއަށް ވުމަށެވެ. ޖެހިގެން އައި އިންތިހާބު ވެސް ނާކާމިޔާބުވީ އެވެ. އިދިކޮޅުގައި ހަ އަހަރު ހޭދަކުރި އެވެ. އެ ދަތި ހާލަތުގައި ވެސް އެމްޑީޕީން އިދިކޮޅުގެ ގޮތުގައި ސަފުތައް ރުކުރުވާލި އެވެ. ހަރަކާތްތައް ބޭއްވި އެވެ.
ނަމަވެސް، މިދިޔަ ދެ އަހަރުގެ ތެރޭ އެ މަންޒަރު ފެނުނު ހެއްޔެވެ؟ އިދިކޮޅުގެ ގޮތުގައި އެމްޑީޕީއަށް ސަފުތައް ރުކުރުވާލެވިއްޖެ ހެއްޔެވެ؟ ސޯޝަލް މީޑިއާ އާއި ސައި މޭޒުތަކުގައި ވެސް ދައްކަނީ އެކަން ނުކުރެވޭ ވާހަކަ އެވެ. އެމްޑީޕީގެ އަސްލު ސިފަ ގެއްލުނު ވާހަކަ އެވެ. އިދިކޮޅުގެ މިސްރާބެއް ނެތް ވާހަކަ އެވެ.
އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ގެއްލުނު މައިގަނޑު ސަބަބަކީ ޕާޓީގެ ތެރޭގައި އޮތް ބައިބަވުންތަކަށް ހައްލެއް ހޯދޭނެ ގޮތެއް ނުވުމެވެ. އިންތިހާބާ ކުރިމަތިލީއިރު ރައީސް ނަޝީދު ހުންނެވި ވަކި ޕާޓީއެއް އުފައްދަވައި ކެންޑިޑޭޓަކު ނެރުއްވައިގެންނެވެ. މަޖިލިސް މެންބަރުން ތަކެއް ވެސް އެމަނިކުފާނާއެކު ވަޑައިގެންނެވި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު، ކުރީ ކޮޅޭ މި ބުނަނީ ފުރަތަމަ ހައެއްކަ މަހު، ނަޝީދު ޑިމޮކްރެޓްސް ފެނިގެންދިޔައީ ސަރުކާރާއި އެއް ބަންޖެއް ކިޔައިމުން ދިޔަ ބައެއްގެ ގޮތުގަ އެވެ. މާބޮޑު ފާޑުކިޔުމެއްނެތެވެ. ބައެއް ކަންކަމަށް ތާއީދު ވެސް ކުރި އެވެ.
ނަޝީދުގެ ހައިޖާނަށް ފަހު ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުން ކުޑައެއް ނުވި އެވެ. ސަބަބަކަށްވީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމެވެ. އެމްޑީޕީގެ އޭރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއާއި އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އުއްމީދުގެ އަސަރު ޕާޓީގެ ހަރަކާތްތަކަށް ފޯރާފައި އޮތް މިންވަރު އޮތީ ހާމައަށް ފެންނާށެވެ.
މި ނުތަނަވަސްކަމާއި ބައިބައިވުން ވެގެންދިޔައީ 2025 ގައި ވެސް އިދިކޮޅުގެ ސަފުތައް ރުކުރުވާލުމަށް އެމްޑީޕީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ.
މި އަހަރު ކުރީކޮޅު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ މީކާއިލް ނަސީމް ވިދާޅުވި ގޮތުގައި އިދިކޮޅުގެ ގޮތުގައި އެކަށޭނަ ގޮތެއްގައި ސަފުތައް ރުކުރުވާނުލެވުނު އެއް ސަބަބަކީ ޕާޓީގެ ލީޑަޝިޕު އެކަތިގަނޑެއްގެ ގޮތުގައި ފެންނަ ނެތުމެވެ.
"ތަންކޮޅެއް ފްރެކްޗާޑު ގޮތަކަށް ފެންނާތީވެ، ގްރާސްރޫޓާއި ހަމައަށް ވެސް އެކަން ފޯރާފަ އޮތް ކަމަށް ބެލެވެނީ،" މީކާއިލް ވިދާޅުވި އެވެ.
ދެބަސްވުމުގެ ސަބަބުން ބުރޫ އެރީ ޕާޓީގެ މަގުމަތީ ހަރަކާތްތަކަށާއި ހަރުގެ ޖަލްސާތަކަށް އެކަންޏެއް ނޫނެވެ. މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އެންމެ 12 ގޮނޑި ކާމިޔާބުވުމުގެ މައިގަނޑު ސަބަބަކީ ވެސް އޭރު ވަކިން އޮތް ޑިމޮކްރެޓްސް އިން ކޮންމެ ދާއިރާއަކަށް ކެންޑިޑޭޓަކު ނެރުމެވެ. ވޯޓުތައް ބައިބައި ވުމެވެ.
އިދިކޮޅުގައި އޮވެ ޕާޓީ ހިންގުމަށް، ޕާޓީގެ ތެރޭގައި އޮތް ތަފާތު ހިޔާލުތަކުގެ އޮއެވަރުގެ ސަބަބުން ހަރަކާތްތަކަށް އެޅުނު ހުރަސްތަކުގެ އެއް މިސާލު ހިއްސާކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ކަމުން މި ފަހުން އިސްތިއުފާދެއްވި ފައްޔާޒު އިސްމާއިލް އެވެ.
މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ އިދިކޮޅުގައި އޮވެ ފުރަތަމަ ކުރަންވި ކަމަކީ ޕާޓީގެ މެންބަރުން ގާތަށް ރަށްރަށަށް ދިޔުމާއި ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދުމާއި ޕާޓީގެ ސަފުތައް ރުކުރުވާލުން ކަމަށް އޭނާ ދެކުނު ކަމަށެވެ. އެކަން ޕާޓީގެ އިސް ސަފުގައި ދެން ތިބި ބޭފުޅުންނާއި ހިއްސާކުރި ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އެކަމުގަ ހިޔާލު ތަފާތުވުން ވަރަށް ބޮޑުކޮށް އޮތީ. ޕާޓީގެ އިސް ބައެއް މީހުން ގަބޫލުކުރެއްވީ މަގުމައްޗޭ. އަހަންނަށް ގަބޫލުކުރެވުނީ އެކަން އެހާ ރަނގަޅަށް ކާމިޔާބުކޮށް ނުކުރެވޭނެ ކަމަށް މި ހާލަތުގަ އޮތީމަ. އެޔަށްވުރެ މުހިންމީ މި ބުނާހެން ރަށްރަށަށް ގޮސް މެންބަރުންނާ އެއްކޮށް އެ އޮތް ގުޅުން ވަރުގަދަކުރުން ކަމަށް. އެކަން އެންމެ ރަނގަޅަކަށް ނުކުރެވުނު،" ފައްޔާޒު ވިދާޅުވި އެވެ.
ނަތީޖާ އަކަށްވީ ދެކަމުން ކުރެ އެއް ކަމެއް ވެސް ރަނގަަޅަށް ކުރެވޭގޮތް ނުވުމެވެ. އިދިކޮޅުގައި އޮވެ ދެ އަހަރު ތެރޭ އެމްޑީޕީއަށް ބޭއްވުނީ ބޮޑު އެއް މުޒާހަރާ އެވެ. އެއީ މީގެ ދެ މަސް ކުރިންނެވެ. ދެން ބާއްވާ ގިނަ މުޒާހަރާތަކުގައި ހުކުރު ޖަމާއަތް ހަމަނުވެ އެވެ.
އެމްޑީޕީން 2024 ވަނަ އަހަރާއި، 2025 ވަނަ އަހަރުގެ ކުރީކޮޅުގައި ހަރަކާތްތަކެއް ހިންގި އެވެ. ކާނިވަލުގައި ބޭއްވި ޖަލްސާއާއި، 31 ޖެނުއަރީގެ ބޮޑު ހިނގާލުމާއި އާޓިފިޝަލް ބީޗުގައި ގައުމީ މަޖިލީހުގެ ޖަލްސާއާއެކު ބޮޑު ޖަލްސާއެއް ވެސް ބޭއްވި އެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ހަރަކާތްތެރިކަމެއް ގެނެވުނުކަމަށް ޕާޓީގެ އާންމު މެންބަރުން ގަބޫލުކުރި ކަމަކަށް ނުފެނެ އެވެ.
އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބައެއް މީހުން ދެކޭ ގޮތުގައި އިދިކޮޅު ޕާޓީތައް އަބަދު ވެސް "އެކްޓިވް" ވަނީ ވެރިކަމުގެ ފަހުކޮޅު އެވެ. އިންތިހާބު އޮންނަ އަހަރާއި އޭގެ ކުރީ އަހަރު އެވެ. މިސާލަކަށް ދެއްކެވީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު މުޒާހަރާތަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު މިވަގުތު ވެރިކަމުގައި އޮތް ޕީއެންސީ (އޭރުގެ ޕީޕީއެމް) އިން ކުރި މުޒާހަރާތަކެވެ.
ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ދެކިލައްވާ ގޮތުގައި މަލްޓި ޕާޓީ ޑިމޮކްރަސީގެ ޒަމާން ރާއްޖެއަށް އައި ފަހުން އިދިކޮޅުގައި އޮންނަ ޕާޓީތަކުގެ ހަރަކާތްތައް ވަރުގަދަ ކުރަނީ ރިޔާސީ ދައުރުގެ ފަހު ދެ އަހަރު އެވެ.
"އަދި ލަސްވެގެން. ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް މަސައްކަތެއް ނުކުރެވޭ ކަމަކަށް ގަބޫލުކުރަން އަދި އަވަސް ކަންނޭނގެ. މިހާރު ހަތަރު އަހަރު ވެގެންދާއިރުގަ އިން އެކްޓިވް އޮންނަ ކަމަށް ވަންޏާ އެއީ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
ވެރިކަމަށް އަންނަ ބަޔަކު އެ މީހުންގެ މެނިފެސްޓޯގައި ހުންނަ ކަންކަން އަދާކުރޭތޯ އަދި ރައްޔިތުންގެ ބަސް އަހާ ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ކުރޭތޯ ބަލަން ކޮންމެވެސް ވަރެއްގެ ފުރުސަތެއް ދޭން ވާނެ ކަމަށް ވެސް އަލީ ނިޔާޒު ދެކިލައްވަ އެވެ.
ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒު ވެސް ދެކިލައްވަނީ އިދިކޮޅުގެ ގޮތުގައި އެންމެ އެކްޓިވް ވާން އަދި ދުވަސް ނަގާނެ ކަމަށެވެ. މިވީ ދެ އަހަރުގެ ތެރޭ "އެންމެ އެކަށޭނެ" ގޮތެއްގައި އެމްޑީޕީން އިދިކޮޅުގެ ގޮތުގައި ހަރަކާތްތެރި ނުވާ ކަމަށް ބުނާ ބުނުމާ މެދު ވެސް އޭނާ މުޅިއަކުން އެއްބަހެއް ނުވެ އެވެ.
"އިދިކޮޅަކީ ހަމައެކަނި މަގުމަތީގެ ހަރަކާތެއް ނޫން. އެއީ ކަންނޭނގެ މީހުންނަށް އެ ފެންނަ އެއްޗަކީ. އެ ހަރަކާތް އެގޮތަށް ދިމާވުމުގަ އެބަހުރި ބައިވަރު ގްރައުންޑް ރިއަލިޓީޒް. ފުރަތަމަ ކަމަކީ މަޖިލީހުގަ މެންބަރުން މަދުވުން. އަނެއް ކަމަކީ ކުރީންސުރެ ޕާޓީގެ ތެރޭގަ އޮތް ހިޔާލު ތަފާތުވުން. އަދި، އިގުތިސޯދީ ހާލަތު ހުރިގޮތުން ވަރަށް ގިނަ މީހުން ސަރުކާރު ދެކެ ގަންނަ ބިރު،" ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން އެއްވެސް އިރަކު އިދިކޮޅުގައި އޮންނަ ބަޔަކު ސަރުކާރެއްގެ ކުރީކޮޅު ހަރަކާތްތެރިވާ ތަނެއް ނުފެންނަ ކަން އޭނާ ވެސް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
"ދެން ކޮބާ އެކަށީގެންވާ ވަރަކީ. އެހެން ސުވާލު އުފެއްދި ވާހަކަ ދެކެވެނީ ނަތީޖާއެއް ނުނެރެވޭތީ. ނަތީޖާއެއް ނުނުރެވޭނެ ނޫންތޯ ލީގަލް މީންސް ނެތިއެއް. މިސާލަކަށް މަޖިލީހުގަ ވޯޓެއް ބަދަލުކުރެވޭ ވަރެއް ނެތޭ. މުއައްސަސާއަކަށް ގޮސްގެންނެއް އެކަންކަން ހުއްޓުވާނެ ލީގަލް މެކޭނިޒަމެއް ނެތޭ. އަހަރުމެންނަށް އޮތީ އަޑު އުފުލުން އެކަނި،" ފައްޔާޒު ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީއަކުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެންމެ ބޭނުންތެރި ގޮތެއްގައި ކުރެވޭނެ އެއް ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގައި މިހާރު ތިބި އެމްޑީޕީ މެންބަރުންގެ އަދަދާއި އެ ހިސާބަށް ކަން ދިޔަ ގޮތް ކުރިން ކިޔައިދީފައިވާނެ އެވެ.
އޭގެ ކުރިއަށް ޖެހިލާނަމެވެ. މި ސަރުކާރުގެ ފުރަތަމަ ހައެއްކަ މަހު މަޖިލީހުގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ އެވެ. 2024 ގެ މަޖިލިސް އިންތިހާބުގެ ކުރިން، ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ދަތިވާނެ ގޮތަށް ގާނޫނު ތަކަށް ބަދަލު ގެނައުމުގެ ބާރު އެމްޑީޕީއަށް އޮތެވެ. އެއްވެ އުޅުމުގެ މިނިވަންކަމަށް މިހާރު ގާނޫނުން އަޅާފައި އޮތް ހުރަސް ނައްތާލެވެން އޮތެވެ.
ނަމަވެސް، އެކަން ކުރުމުގެ ބަދަލުގައި އޭރު މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ އިން މަސައްކަތް ކުރީ ވެރިކަމަށް ދެތިން މަސް ނުވަނީސް މުއިއްޒު އަޒުލު ކުރުމަށެވެ. އެ ސަކަރާތް ގަނޑުގެ ތެރެއިން 19 ވަނަ މަޖިލީހުގެ ދައުރު ހުސްވީ އެވެ.
އޭގެ ދެ އަހަރު ފަހުން މިހާރު މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުން ދެކިލައްވަނީ ކުރިއަށް އޮތް ތިން އަހަރަކީ މިދިޔަ ތަނަށްވުރެ ފުރިހަމަ މަސައްކަތެއް ކުރެވޭ ދުވަސްތަކަކަށް ހެދުމުގެ ވިސްނުމާއި އުންމީދު އަދި ރޭވުންތައް އެބަހުރި ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގަ އަޅުގަނޑުމެން ގަސްތުކުރަން ވަރަށް އޮގަނައިޒްޑުކޮށް. މިސާލަކަށް އަޅުގަނޑުމެން ހުށަހަޅާނެ އެއްޗިއްސާ އެއްޗެހި ދުރާލާ ރޭވިގެން. ސީދާ 12 މީހުން ތިބޭއިރު އެ 12 މީހުންގެ ވެސް ފުލް ކެޕޭސިޓީގަ މަސައްކަތް ކުރެވޭނެ ގޮތަށް ކަންކަން ރާވައިގެން ކުރިއަށް ގެންދަން." ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕާއި ލީޑަޝިޕާއި ދެމެދު ވެސް ރަނގަޅު ގުޅުމެއް، އެކަށީގެންވާ ގޮތުގައި މުއާމަލާތް ކުރުމެއް ނެތި ދިޔަ ފަހަރު އައިސްފައިވާ ކަމަށެވެ. އެކަންކަން ދެން ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ވިދާޅުވި އެވެ. މިވަގުތު އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ވެސް ހުންނެވީ ޕީޖީ ގެ މެންބަރެކެވެ.
ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ދެކިލައްވާ ގޮތުގައި ހުރި ގޮންޖެހުންތަކާއެކު ވެސް މަޖިލީހުގައި މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ރަނގަޅު މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. އެކަމުގެ ނަތީޖާ ނުފެންނަނީ މެންބަރުން މަދުވުމުން ކަމަށް ވެދާނެ އެވެ. އެއީ ދެއްކޭނެ ހުއްޖަތެކެވެ.
މި ފަހުން އެމްޑީޕީގެ އާންމު މެންބަރުންނަށާއި ލީޑަޝިޕަށް ވެސް ލިބުނު އެންމެ ބޮޑު ހިތްވަރަކަށް ވާނީ ނަޝީދާއި ސޯލިހު އެއް މޭޒަކަށް ވަޑައިގެން މަޝްވަރާ ކުރެއްވުމެވެ.
ޑިސެމްބަރު 24، ގައި އެމްޑީޕީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމަށްފަހު ދެ ރައީސުން ވިދާޅުވީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ދެ ބޭފުޅުންގެ ގުޅުމަށް އަދި އެމްޑީޕީއަށް ދެން ލޮޅުމެއް ނާރާނެ ކަމަށާއި ބައިބައިވުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ނަމަވެސް، މި ހަމަޖެހުން ދެމިގެންދާނީ ކިހާ ދުވަހަކަށް ބާވަ އެވެ.
2028 އަންނަ އިރު ދެ ބޭފުޅުން އަނެއްކާ ވެސް ރިޔާސީ ޕްރައިމަރީގެ ވާދައިގެ ޖަޒުބާތުގައި ޕާޓީ "ރޫޅާލާނީ" ބާވަ އެވެ. ނަޝީދާއި ސޯލިހު ވެސް މީގެ ކުރިން އެމްޑީޕީގެ ޓިކެޓުގައި ދެ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވައިފި އެވެ. ދެ ރައީސުންގެ ފަހު ދެ އިންތިހާބު ކާމިޔާބެއް ނުވި އެވެ.
ދެ ބޭފުޅުން ވެސް 2028 ގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އޮތްކަމަށް ޕާޓީގެ ގިނަ އާންމު މެންބަރުން ދެކެ އެވެ. 2028 ގެ ރިޔާސީ ޓިކެޓަށް ނަޝީދު ޝައުގުވެރިކަން ފާޅުކުރެއްވުމަށްފަހު، މި ފަހުން ވަނީ ޕާޓީ އަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނާއި ސޯލިހު ފަހަތަށް ޖެހި ވަޑައިގެން އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދިނުން ކަމަށް ވިދާޅުވެފަ އެވެ. ރައީސް އިބޫ ގެންދަވަނީ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ވެސް ކުރައްވަމުންނެވެ.
ނަޝީދުގެ ތާއީދު އޮތީ ކުރީގެ ޗެއާޕާސަން ފައްޔާޒު އަށް ކަމަށް ތުންތުން މަތިން އަޑުއިވެ އެވެ. އަނެއް ބަޔަކު ބުނަނީ ޕްރައިމަރީގެ ވޯޓު ކަރުދާހުގައި ނަޝީދުގެ ނަން އޮންނާނެ ކަމަށެވެ. ދެ ރައީސުން ވެސް 24 ވަނަ ދުވަހު ތަކުރާރުކޮށް ވިދާޅުވީ ރިޔާސީ ޓިކެޓުގެ ވާހަކަ މިވަގުތަށް މުހިންމު ނޫން ކަމަށެވެ.
މިފަދަ އެތައް ސުވާލެއް ހުރުމާއެކު މި ރިޕޯޓަށް އެ ދެ ބޭފުޅުންގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، ދެ ރައީސުން ވެސް ޖަވާބެއް ދެއްވަން ބޭނުމެއް ނުވި އެވެ. ފަހަރުގައި ޕާޓީގެ މަސްލަހަތަށް ބައްލަވާފަ ކަމަށް ވެދާނެ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މި ދެބޭފުޅުންނަކީ ވެސް އެމްޑީޕީއަށް މުހިންމު ދެ ބޭފުޅުންނެވެ. އެހެންނަމަވެސް އެބޭފުޅުންގެ ވާދަވެރިކަމާއެކު ޕާޓީއަށް ކުރިމަތިވާ ލޮޅުންތަކަކީ ވެސް އޮޅުމެއް ނެތް ސާފު ކަމެކެވެ.
މި ދެބޭފުޅުން ވެސް ފަހަތަށް ޖެހިވަޑައިގެން، ދެ ބޭފުޅުންނަށް އެއްބަސްވެވޭ އައު ލީޑަރަކު ދެއްކުމަކީ އެމްޑީޕީއަށް މިވަގުތަށް އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށް މި ރިޕޯޓުގެ ބޭނުމަށް ވާހަކަ ދެއްކި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވިދާޅުވި އެވެ.
---
އެމްޑީޕީގެ ފުރަތަމަ އާންމު ބައްދަލު ވުމުގައި 2005 ވަނަ އަހަރު ނަޝީދު ދެއްކެވި ވާހަކައަކީ މިއަދުވެސް ދިވެހި ގިނަ ރައްޔިތުންގެ ހާލަތާ ގުޅޭ ވާހަކަތަކެކެވެ. ބޯހިޔާވަހިކަމުގެ ދަތިކަމާއި، ބިލުތައް ދެއްކުމަށްފަހު އަތްމަތި ހުސްވުމުގެ ޝަކުވާއަކީ ދެ ދަހަރު ފަހުންވެސް ބަދަލުނުވެ އޮތް ހަގީގަތެކެވެ. އެމްޑީޕީއަށް ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބުނީ މިފަދަ އަސާސީ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމުގެ އުންމީދުގައެވެ.
މިއަދު އެމްޑީޕީ އޮތީ ސިޔާސީ ގޮތުން ނާޒުކު ފާލެއްގެ މަތީގައެވެ. ޕާޓީގެ އެތެރޭގެ ކޯޅުންތަކާއި، ލީޑަޝިޕްގެ އަމިއްލަ އެދުންތަކުގެ ސަބަބުން ރައްޔިތުންގެ އަޑު އިއްވުމުގެ ބާރު ވަނީ ދެރަވެފައެވެ. 2028 އަށް އަމާޒު ހިފާއިރު، އެމްޑީޕީގެ ކުރިމަގު ބިނާވެފައި އޮތީ ހަމައެކަނި "ދެ ރައީސުން" އެއްގަލަކަށް އެރުމަކުން ނޫނެވެ. އޭގެ ބަދަލުގައި، ޕާޓީ އުފެދިގެން އައި އަސާސްތައް ދިރުވައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިހުލާސްތެރި ރޫހު އަލުން ތަރުތީބުކޮށްގެނެވެ.
ރައްޔިތުންގެ ލޯތްބަކީ ގަނެވޭނެ އެއްޗެއް ނޫނެވެ. އެއީ ހެޔޮ ވެރިކަމަކާއި، ވަރުގަދަ އިދިކޮޅު ހަރަކާތެއްގެ ނަތީޖާއެވެ. އެމްޑީޕީއަށް އަލުން އެ ލޯބި ހޯދޭނީ، އަމިއްލަ ހިޔަނިމަތިން އަރައިގަނެ، ރައްޔިތުންގެ ހަގީގީ އިހުސާސްތަކާ އެކު އަލުން ހަރަކާތްތައް ރުކުރުވާލައިގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment